03 Sep 2019, 07:34
ރާއްޖެ އިން އަވައްޓެރި ސްރީލަންކާއަށް ވައިގެ މަގުން އެތެރެ ކުރަން އުޅުނު ޕާޓީ ޑްރަގްސް ރާއްޖޭގެ ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ބޭރު ގައުމަކަށް މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތްކޮށް، އަތުލައިގަނެވުނު ފުރަތަމަ ފަހަަރެވެ.
ކަސްޓަމްސް އިން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ، އިއްޔެ ވައިގެ މަގުން ކޮލަމްބޯއަށް ބޭރުކުރަން އުޅުނު ޕާރިސަލެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެއްޗައް ޝައްކު ކުރެވޭ ބަރުދަނުގައި ޖުމްލަ 38.16 ގްރާމް ހިމެނޭ 99 ގުޅަ ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް، 79،200 ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެއްޗާއެކު އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ކަސްޓަމްސް އިން ނުބުނެ އެވެ. އަދި އެ ޕާރިސަލް އަކީ ފުރި މީހަކަށް ނިސްބަތްވާ ޕާރިސަލެއް ކަމެއްވެސް ކަސްޓަމްސް އިން ނުބުނެ އެވެ.
ކަސްޓަމްސް އިން ބުނީ، ފުރަތަމަ މަރުހަލާގައި މި ތަކެތި ކަސްޓަމްސް އިން ޓެސްޓް ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ، އެކްސްޓަސީއަށް ޕޮސިޓިވް ވެެފައިވާ ވާ ކަމަށެވެ.
މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށް، ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިއަހަރު މިހާތަނަށް ކަސްޓަމްސް އިން ވަނީ އެކި ބާވަތުގެ ޖުމްލަ 23.686 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.