03 Sep 2019, 12:08
މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރި ފިލްމު "ބަވަތި" ރޭ އޮލިމްޕަސް ސްކްރީނުގައި ދައްކާލައިފި އެވެ.
ރެޑް ކާޕެޓް ހަފްލާއަކާ އެކު އެ ފިލްމު ވަނީ ރޭ ޕްރިމިއާކޮށްފައެވެ. މިއީ މުޅި ފިލްމީ ދާއިރާއަށް އަލަށް ފެޅި ކުރި އެއްކަމަށްވާ އައި ފިލްމްސްގެ މޮޅު އުފެއްދުމެކެވެ.
ފިލްމު ޕްރިމިއާކުރުމުގެ ހަފްލާގައި ވާހަކަ ދައްކަމުން ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ބުނީ އެ ފިލްމަކީ 20 އަހަރުގެ ހުވަފެނެއްކަމަށެވެ.
"ފިލްމަށް ބެލުންތެރިން އާނއެކޭ ބުނީމަ ވަރަށް އުފާވެއްޖެ. މި ފިލްމު އެހާ ފުރިހަމަކޮށް ކުރިއަށް ގެންދެވުނީ ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު،"
އިލްޔާސް ބުނީ ފިލްމު ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށާއި އަދި ފިލްމުން އިބްރަތެއް ހާސިލްވެގެންދާނެ ކަމަށެވެ.
މި ފިލްމަކީ ސަސްޕެންސް ތްރިލާއެކެވެ. ފިލްމުގެ ލީޑު ދެ ތަރިންނަކީ މަޝްހޫރު ފިލްމީތަރި ނުޒުހަތު ޝުއައިބު އާއި އަހްމަދު އިފްނާޒް ފިރާގެވެ.
"މިއީ ބޭނުންވާ ކަހަލަ ފިލްމަކީ. މީހުންނަށް ދައްކަން ބޭނުންވާ ފިލްމަކީ. ހަމަގައިމުވެސް އަހަރެންނަށް ރޮވުނު. އެކްޕެކްޓޭޝަންސް އާ އަރާހަމަކުރި ހަމައެކަނި ފިލްމު މިއީ،" ފިލްމު ބެލުމަށްފަހު ނުކުތް ބެލުންތެރިއަކާ ސުވާލުކުރުމުން ބުންޏެވެ.
ފިލްމު ނިމުމުން ބެލުންތެރިންގެ ހޫނު އަތްތިލަ ބަޑިއެއް ލިބުނެވެ.
"ހީވެސް ނުވޭ އަލަށް ފިލްމު އުފެއްދި ބައެއްހެން. އަދި މީގަ އުޅޭ ބޯއީ. ހިއެއްނުވޭ އެއްގޮތަކަށްވެސް އަލަށް ބޮޑު ފިލްމެއް ކުޅެފައި ހުރިހެން. ހަމަ މޮޅޭ ބުނެވޭނީ. ވަރަށް ލޯބި ފިލްމެއް،"
މާލެ އަދި ކާށިދޫގެ ހިތްގައިމު މާހައުލުގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ އިރު އެ ފިލްމަކީ ޒުވާން ދެމަފިރިއަކަށް ދިމާވާ ކަންތައްތަކެއް ފެނިގެންދާ ސަސްޕެންސް ތްރިލާ އެކެވެ.
ބަވަތި ގެ މާނަ އަކީ ދެރަ ކަމެއް ދިމާވުމަށްފަހު ދެންވާ ކަންތައްތަކެވެ.
ބެލުންތެރިންގެ އިންތިޒާރަށް ނިމުމެއް ބަވަތި ގެނެސްދީފިއެވެ. މި ކަހަލަ މޮޅެތި ފިލްމުތަކަށް ބެލުންތެރިން އަބަދުވެސް އިންތިޒާރުކުރެއެވެ. ހަމަގައިމުވެސް "ބަވަތި" ބެލުންތެރިންގެ އުންމީދަށް ވާސިލްވެއްޖެއެވެ. ފިލްމުގެ ރިވިއުއަށް އިންތިޒާރުކޮށްލާށެވެ.