02 Sep 2019, 21:18
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ އިން ދާއިރާތަކާއި ރަށްރަށުގެ ގޮފިތަކުގެ އިންތިހާބު ބޭއްވުމަށް އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފިއެވެ.
ޖޭޕީން މިހާތަނަށް ދާއިރާތަކުގެ މަގާމާއި ގޮފިތަކަށް އިންތިހާބު ބާއްވާފައި ނުވެއެވެ. މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ، އެ ޕާޓީ ބޮޑު ކުރުމުގެ މަސައްކަތުގެ ތެރެއިން ދާއިރާތަކުގެ އިންތިހާބު ބާއްވައި، ކޮންމެ ރަށެށްގައި ގޮފިތައް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ޖެޕީގެ ކައުންސިލްގެ ނިންމުންތައް ހާމަ ކުރުމަށް މިއަދު އެ ޕާޓީގެ އިދާރާ، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ރަޝީދު ވިދާޅުވީ، ޖޭޕީގެ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން ހޮވުމަށް ބާއްވާ އިންތިހާބާއި ހުރިހާ ރަށެއްގެ ގޮފިތަކުގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުތައް ބާއްވާ ތާރީޚު މިހާރު ކައުންސިލުން ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން 87 ދާއިރާގެ އިންތިހާބު އަންނަ ޖެނުއަރީ މަހުގެ 24 ގައި އަދި ގޮފިތަކުގެ އިންތިހާބު އަންނަ ނޮވެމްބަރު 15 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ހުސައިން ރަޝީދު ވިދާޅުވިއެވެ. މި ދެ އިންތިހާބު ވެސް ރާއްޖާގެ ހުރިހާ ރަށެށްގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ގޮފިތަކުގެ އިންތިހާބު ނޮވެމްބަރު 15 ގައި ބޭއްވުމުގެ ކުރިން، ޖުމްހޫރީ ޕާޓީގެ ފަރާތުން ހުރިހާ ރަށަކަށް ޓީމްތައް، ވަފުދުތައް ދަތުރު ކުރާނެ. އަދި ޕާޓީގެ ގޮފިތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރާނެ. އެއަށްފަހު [ނޮވެމްބަރު 15 ގައި] ގޮފިތަކުގެ މަގާމުތަކަށް މެމްބަރުން އިންތިހާބުކޮށް، އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށްދާނެ،" ޖޭޕީގެ ސެކެޓްރީ ޖެނެރަލް ހުސައިން ރަޝީދު ވިދާޅުވިއެވެ.
ހުސައިން ރަޝީދު ވިދާޅުވީ، ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން ގޮފިތައް ހިންގުމަށްޓަކައި ގަވާއިދެއް އޮންނަން ޖެހޭ ކަމަށާއި އެގޮތުން މިހާރު އަމަލު ކުރުމުންދާ ގަވާއިދެއް އޮތް ނަމަވެސް އެ ގަވާއިދު އިސްލާހު ކުރުމަށް ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. އަދި އެގަވާއިދު އިސްލާހު ކުރުމަށްޓަކައި ފަސް މެމްބަރުންގެ ކޮމިޓީއެއް މިހާރު އެކުލަވާލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ގަވާއިދު އިސްލާހުވެގެން އަންނާނީ، ގޮފިތަކުގެ ރައީސުންނާއި ނައިބުރައިސުން އަދި ހިންގާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ދައުރު، އަދި އިންތިހާބީ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ މަސްއޫލިއްޔަތުތަކާއި ދައުރު ފާހަގަ ކުރެވޭ ގޮތައް،" ހުސައިން ރަޝީދު ވިދާޅުވިއެވެ.
މިހަފްތާގެ ނިޔަލަށް ގަވާއިދު އިސްލާހު ކުރެވި، ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް ހުސައިން ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޖޭޕީ އިން އަލަށް ހުޅުވާލައި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާ ގުޅޭ އިތުރު މައުލޫމަތު އަންނަ ހަފްތާގައި ހާމަ ކުރައްވާނެ ކަމަށެވެ.
ޖޭޕީގެ ކައުންސިލްގެ އިތުރު ނިންމުންތައް ހިއްސާ ކުރަމުން، ހުސައިން ރަޝީދު ވިދާޅުވީ، އަންނަ އެޕްރީލް ފުރަތަމަ ހަފްތާގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ޖޭޕީ އިން ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައަޅާނީ ޕާޓީގެ އެތެރޭގެ އިންތިހާބަކުން ކަމަށް މިހާރު އަސާސީ ގަވާއިދަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ. މީގެ ކުރިން އިންތިޚާބުތަކުގައި ވާދަ ކުރަނީ ޕާޓީގެ ކައުންސިލުން ނުވަތަ ލީޑަރު ކަނޑައަޅާ ކެންޑިޑޭޓެކެވެ.