ފާއިތުވި އަހަރުތަކުގައި ސިއްހީ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދައިފައިވިޔަސް އަދިވެސް އެ ދާއިރާގައި ގޮންޖެހުންތައް އެބަހުރިކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުުވެއްޖެއެވެ.

ޑަބްލިއުއެޗްއޯގެ ދެކުނު އޭޝިއާ ސަރަހައްދުގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމުގައި މިއަދު އަމީން ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަހައްދުން ފެންވަރުން ބޮޑެތި ކާމިޔާބީތަކެއް ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ސިއްހީ ދާއިރާ އިން ހޯދައިފައިވާ ކަމަށެވެ.

އެގޮތުން މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އަދި ސިފަލިސް ބަލި ފެތުރުން ރާއްޖެއިން ނައްތާލެވިފައިވާ ކަން މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފައެވެ. އޭގެ އިތުރުން ޖުޒާމް ބަލި 2023 ގައި ނައްތާލުމަށް އަދި ޓީބީ 2022 ވަނަ އަހަރު ނައްތާލުމަށް ރާއްޖެއިން ނައްތާލަން އަމާޒު ހިފައިފައިވާ ކަމަށްވެސް މިިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ނައްތާލުމަށް ފެށި އެޗްޕީވީ ވެކްސިން ކެމްޕޭނާއި އަދި ދުންފަތް ހުންނަ ބާވަތްތަކުގެ ނުރައްކާތެރިކަން ލޭބަލްކޮށް ފެށި ހަރަކާތްތަކުން ދިގު މުއްދަތުގައި އެދެވޭ ނަތީޖާ ފެންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކާމިޔާބީތައް ހޯދި ކަމުގައި ވިޔަސް އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ބޯމަތީ އޮތް ދަތި އުނދަގޫ މައްސަލަތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސިއްހީ ހިދުމަތްތަކަށް ކޮންމެ ބޮލަކަށް ރެކޯޑް އަދަދެއް ރާއްޖޭގައި ހޭދަކުރެވޭ. އެއަށް ފުލް ކަވަރޭޖްވެސް ލިބޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދެކަމެއްގައި ވަރަށް ގިނަ ދަތިތަކާ ކުރިމަތި ލާންޖެހޭ. އިންސާނީ ވަސީލަތްތައް ނުލިބުމާއި ބޭސް ނުލިބުން. އެގޮތަށް ދިމާވަނީ އެކަމަށް ކުރަން ޖެހޭ ހަރަދުބޮޑުވުމާއި، ޕްރައިވެޓް އިންވެސްޓްމަންޓް ރަަށްރަށް ނުކުުރުމާއި ސިއްހީ ހިދުމަތްތަތެރިން ވަޒީފާގައި ހަރުނުލުމާއި އަދި ބޭސްފިހާރަތައް ހިންގުމުގެ އަގު ބޮޑުވުމުގެ ސަބަބުން،" މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ ގިނަ މަސައްކަތްތަކަކީ ބިދޭސީންނަށް ބަރޯސާ ވެފައި އޮންނަ ގައުމަކަށް ވެފައި ބައެއް ބަލިތައް ނައްތާލުމުގައި ގޮންޖެހުންތައް ކުރިމަތިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.