15 Jun 2010, 15:18
19:00
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި މައިނޯރިޓީ ލީޑަރުންނަށް ވަކި އޮފީސް ދިނުމާއި، ދިދަ ޖެހި ކާރުދީ، އެ ބޭފުޅުންގެ ހައިސިއްޔަތު ވަޒީރުންނާ ހަމަކުރުމަކީ، ހަމަހަމަ ދަރަޖައެއްގައި މަގާމާއި ޢިނާޔަތް އޮންނަ ބައެއްގެ ތެރެއަށް، ޤާނޫނަކުން ނުވަތަ ގަވާއިދަކުން ހުއްދަ ނުކުރާ، އެނގެން ނެތް ތަފާތެއް ގެނައުން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ މަގާމަކީ ވަޒީރުން ފެންވަރުގެ މަގާމުތައް ކަމަށް ކަނޑައަޅުއްވައި، އެ ބޭފުޅުންނަށް އެލަވަންސަކާއި ކާރުކޮޅެއް ހޯއްދެވުމަށް، މަޖިލީހުގެ އިދާރާ އިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުއްވާފައި ވާތީ، އެކަމަށް ފާޑުވިދާޅުވެ މުހައްމަދު ނަޝީދު އޭނާގެ ބްލޮގްގައި ވިދާޅުވެފައި ވަނީ، މަޖިލީހުގެ ގަވާއިދުގައި މެޖޯރިޓީ ލީޑަރަށާއި މައިނޯރިޓީ ލީޑަރަށް ވަކި ހައިސިއްޔަތެއް ދީފައިނުވާ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންނަށް އިނާޔަތެއް ދޭނަމަ އެކަން ކަނޑައަޅާނީ މަޖިލީހުން ކަމަށް ގާނޫނު އަސާސީގެ 102 ވަނަ މާއްދާ ބުނާއިރު، މަޖިލީހުން ކަމެއް ކަނޑައެޅުން ކަމަށް ވަނީ، މަޖިލީހުގެ ޖަލްސާއަކަށް ހުށަހެޅި ވޯޓަކުން އެ ކަމެއް ނިމުމުން، ނުވަތަ މަޖިލީހުގެ ކޮމެޓީއަކަށް ގާނޫނު އަސާސީން ނުވަތަ މަޖިލީހުން ނުވަތަ މަޖިލީހުގެ ގަވާއިދުން ދީފައިވާ ބާރެއްގެ ދަށުން ނިންމާ ނިންމުމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން މިކަން އެންމެ ގާތްކުރަނީ މަޖިލީހުގެ ޢާންމު ކޮމިޓީގެ މަސައްކަތާ ކަމަށާއި، ނަމަވެސް އެ ކޮމިޓީއަށްވެސް އޮންނަނީ، މަޖިލީހުގެ މެންބަރުންނަށް ލިބިދެވޭ ޢިނާޔަތްތަކާއި ޚިދުމަތްތަކާއި މެންބަރުންގެ މަސްލަޙަތު ހިމެނޭ ކަންކަން ދިރާސާކުރުން ކަމަށާއި، ކަނޑައެޅުން ނޫން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި މިކަމާ ގުޅިގެން ސުވާލު އުފެދޭ ކަމަށް ވިދާޅުވެ، ސަރުކާރުގެ ވަޒީރުންގެ ވަށައިގެންނާއި މައްޗަށާއި ތިރިއަށް ހުރި މަގާމުތަކާ އަޅާބަލާއިރު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތަކީ ކޮބައިތޯ އާއި، މަޖިލީހުގެ ނާއިބު ރައީސްގެ ހައިސިއްޔަތަކީ ކޮބައިތޯ އާއި، މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތަކީ ކޮބައިތޯ ވެސް ކުރީގެ ލީގަލް ރިފޯމް މިނިސްޓަރ ވަނީ ސުވާލު ކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރަކީ، ވަޒީރުން ފެންވަރުގެ ބޭފުޅުން ކަމަށް ކަނޑައަޅުއްވައި، މެޖޯރިޓީ ލީޑަރަކީ އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަދި އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ވެސް ލީޑަރު އަހުމަދު ތަސްމީން އަލީ ކަމަށާއި މައިނޯރިޓީ ލީޑަރަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އިއްލާން ކުރައްވައިފަ އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުންގެ މެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.
މިކަމާ ބެހޭ ގޮތުން ރައީސް އޮފީހުގެ ވެސް އަދި ރައްޔިތުންގެ މަޖިލީސްގެ އިދާރާ އިން ވަނީ ބަހެއް ނުލިބިފަ އެވެ.