02 Sep 2019, 18:36
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާ ދެކޮޅަށް ދައުލަތުން ކޮށްފައިވާ ދެ ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިވެރިންގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިތުރު ތިން މީހެއްގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ވިދާޅުވެއްޖެ އެވެ.
ދައުލަތުން އާޒިމާގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އެވެ. ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީ އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކޮށެވެ. މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކުރަނީ އެސްކްރޯ އެކަައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ޖަމާކޮށް ބޭންކް އޮފް މޯލްޑިވްސްއިން ވަކި ގޮތަކަށް ލިޔުން ހޯއްދަވައި، އެ ލިޔުމުގެ ޒަރިއްޔާއިން އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ.
"ހަތަރު މީހެއްގެ ހެކިބަސް ނުނެގޭނެ"
މި މައްސަލައިގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވީ ރައީސް ޔާމީންގެ މައްސަލައިގައިވެސް ވަޑައިގަންނަވާ ވަކީލު އައިޝަތު މުހައްމަދެވެ. މިއަދު އޮތް މި މައްސަލައިގެ އަޑުއެހުމުގައި ތާވަލުކޮށްފައި އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމެވެ. ދައުލަތުގެ ފަަރާތުން ޝަރީއަތުގެ ކުރިން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވެއެވެ. ދެ ވަކީލަކާ އެކު ވަޑައިގެންނެވި އާޒިމާގެ ފަރާތުން ހަ ހުށަހެޅުމެއް ހުށަހެޅި އެވެ.
އާޒިމާގެ ފަރާތުން ހުށަހެޅި ހަ ހުށަހެޅުމުގެ ތެރެއިން ހަތަރު ހުށަހެޅުމަކީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންތަކެއްގެ ހެކިބަސް ނުނެގޭނެ ކަމަށް ބުނާ ހުށަހެޅުންތަކެކެވެ. އާޒިމާ ވިދާޅުވާގޮތުގައި އޭނާގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހެކިބަހާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސް އޭނާއާ ދެކޮޅަށް ނުނެގޭނެއެވެ.
ރައީސް ޔާމީންގެ ހެކިބަސް ނުނެގޭނެ ސަބަބު ބަޔާންކުރަމުން އާޒިމާ ވިދާޅުވީ ދައުލަތުން ބުނާ މަނީ ލޯންޑަރިންގެ އަމަލު ހިނގި ނަމަ އެކަމުގައި ޔާމީން ހިމެނޭނެ ކަމަށެވެ. ގިނަ ބަޔަކު ބައިވެރިވެގެން ކުރާ ކުށެއް ނަމަ އެ މައްސަލައެއްގައި ހިމެނޭ މީހުންނަށް އެކަކު އަނެކަކާ ދެކޮޅަށް ހެކިބަސް ނުދެވޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި އެކަމަށް ބާރުދިނުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކާ ހަވާލާދެއްވި އެވެ.
އެކަމަކު، މި ވާހަކަތަކަށް ދައުލަތުން ދެކޮޅު ހެދި އެވެ. ދައުލަތުން ބުނީ މި މުޅި މައްސަލައަކީ ޔާމީންގެ ހެކިބަހުގެ މައްޗަށް ބިނާވާ މައްސަލައެއް ނޫން ކަމަށެވެ. އޭނާގެ ހެކިބަސް ނަގަން ނުޖެހޭނެ ސަބަބެއްވާ ކަމަށް ގަބޫލު ނުކުރާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
ހަސަން ލުތުފީގެ ހެކިބަސް ނުނެގޭނެ ސަބަބު ބަޔާން ކުރަމުން އާޒިމާ ވިދާޅުވީ، ހަސަން ލުތުފީއާ ގުޅޭ ހިޔާނާތުގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެއްވެސް ހާލެއްގައި މަނީ ލޯންޑަރިންގެ އަމަލެއް ހިންގައިފައިވާ ނަމަ އެ އަމަލެއް ހިންގާފައިވާނީ އޭނާއަށް އެނގިގެން ކަމަށް އާޒިމާ ވިދާޅުވިއެވެ. އޭގެ އިތުރުން ހެކިބަސް ދިނުމަށް ހަސަން ލުތުފީއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް އޭނާ އަމިއްލައަށް ވިދާޅުވެފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އެހެންކަމުން އޭނާއަށް އަމިއްލަ އިހްތިޔާރުގައި ހެކިބަސް ނުދެވޭނެ ކަމަށް އާޒިމާ ގަބޫލުކުރައްވައެވެ.
ރައްދުގައި ދައުލަތުން ބުނީ، ލުތުފީއަށް ބިރުދައްކާފައިވާ ކަމަށް ގާނޫނީ ހަމަތަކުން ސާބިތުނުވާ ކަމަށެވެ. އަދި ބިރު ދައްކާފައިވާ ކަމަށް ބުނެ ލުތުފީގެ ފަރާތުން ފުލުސް އޮފީހަށް މައްސަލައެއްވެސް ހުށަހަޅާފައިނުވާ ކަމަށް ދައުލަތުން ބުންޏެވެ.
ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ލުތުފީ އޭނާއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ކޯޓަށް ސިޓީލާފައިވާ ކަމަށެވެ. އަދި އޭނާ މީގެ ކުރިން ތަހުގީގަށް ދީފައިވާ ބަޔާނަކީ ނުފޫޒުގައި ޖެހިގެން ދީފައިވާ ބަޔާނެއް ކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށެވެ. އަދި އެ ނުފޫޒުގެ ސަބަބުން ހެކިބަސް ދޭން އޭނާ ބޭނުން ނުވާ ކަމަށް އެ ސީޓިގައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
މުއައްވިޒުގެ ހެކިބަސް ނުނެގޭނެ ކަމަށް ބުނެ އާޒިމާ ދެއްވީ ލުތުފީގެ ހެކިބަސް ނުނެގޭނެ ކަމަށް ބަޔާން ކުރި ސަބަބުތަކާ އެއްގޮތް ސަބަބުތަކެވެ. އެއްވެސް ހާލެއްގައި މަނީ ލޯންޑަރިންގެ އަމަލެއް ހިންގައިފައިވާ ނަމަ އެ އަމަލެއް ހިންގާފައިވާނީ މުއައްވިޒަށް އެނގިގެން ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި މުއައްވިޒު މީގެ ކުރިން ހުވާކޮށްގެން ޝަރީއަތުގެ މަޖިލީހުގައި ދިން ހެކިބަހާއި ލުތުފީ ދީފައިވާ ބަޔާނާ ހިލާފުވާކަން ފާހަގަކޮށް އޭނާއާ މެދު އާޒިމާ ސުވާލު އުފެއްދެވިއެވެ. އެކަމަކު، ދައުލަތުން ގަބޫލު ކުރަނީ އޭނާގެ ހެކިބަސް ނުނެގޭނެ އެއްވެސް ސަބަބެއް ނެތް ކަމުގައެވެ.
ޝަރީފުގެ ހެކިބަސް ނުނެގޭނެ ސަބަބެއްގެ ގޮތުގައި އާޒިމާ ވިދާޅުވީ، އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ވުމެވެ. އަދި އޭނާ ދޮގު މައުލޫމާތު ދިން މައްސަލަ މަޖިލީހުން ފުލުހަށް ހުށަހަޅައިގެން ބަލަމުންދާކަންވެސް އާޒިމާ ފާހަގަކުރެއްވި އެވެ. އަދި ބީއެމްއެލްއިން ވަކި ގޮތަކަށް ބަދަލުކޮށްގެން އާޒިމާ ހޯއްދެވި ކަމަށް ބުނާ ސިޓީއެއްގައި ސޮއި ކުރީ ޝަރީފް ކަމަށާއި، އެކަމުގައި ގާނޫނާ ހިލާފު ކަމެއްވާ ނަމަ އެކަމެއް ކޮށްފައިވާނީ ޝަރީފްގެ އެހީތެރިކަމާ އެކު ކަމަށް އާޒިމާ ފާހަގަކުރިއެވެ. އޭނާ ދެކޭ ގޮތުގައި އެއީވެސް ޝަރީފްގެ ހެކިބަސް ނުނެގޭނެ ސަބަބެކެވެ.
މި ކަމުގައި ދައުލަތުން ފާހަގަ ކުރީ ޝަރީފު މަޖިލީހުގެ ކޮމިޓީއަށް ދޮގު މައުލޫމާތު ދިންކަން ސާބިތުވެފައި ނުވާ ކަމަށެވެ. ދޮގު މައުލޫމާތު ދިން ކަމަށް ވާނީ ކިހިނަކުންތޯ ގާޒީ ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެގޮތަށް ބުނެވޭނީ ތަހުގީގުކޮށް ދައުވާކޮށް މައްސަލަ ސާބިތުވުމުން ކަމަށެވެ.
އެކައުންޓަށް ވަނީ ކޮން ފައިސާއެއް ކަމެއް ނޭނގޭ
އާޒިމާގެ ފަރާތުން އިތުރު ދެ ހުށަހެޅުމެއް ހުށަހެޅި އެވެ. އެއީ ރައީސް ޔާމީން ލޯންޑާ ކުރި ކަމަށް ބުނާ ފައިސާ އަކީ ހިޔާނާތުގެ ފައިސާކަން ޔަގީން ނުވާ ކަމަށް ބުނާ ހުށަހެޅުމަކާއި، ޔާމީންގެ މައްސަލަ ސާބިތު ނުވަނީސް އާޒިމާގެ މައްސަލަ ނުބެލޭނެ ކަމަށް ބުނާ ހުށަހެޅުމެކެވެ.
އާޒިމާ ވިދާޅުވި ގޮތުގައި، އޭނާގެ މައްޗަށް ދައުވާކޮށްފައިވާ ގާނޫނުގެ ގޮތުން، އޭނާ ކުރި ކަމަށް ބުނާ ކުށުގެ މައި އަމަލު ހިންގި މީހާގެ މައްސަލަ ބަލައި ނުނިމެނީސް އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެއެވެ. އެގޮތަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ދައުލަތުން ކަންބޮޑުވުންތަކެއް ފާޅު ކުރި އެވެ. ދައުލަތުން ބުނީ ކުށުގެ މައި އަމަލު ކުރި މީހާގެ މައްސަލަ ޝަރުއީ މަރުހަލާތަކުން ބަލައި ނިމެންދެން މަޑުކޮށްފި ނަމަ ދައުވާ ކުރަން ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ގޮސްދާނެ ކަމަށެވެ. އެކަމަކު ގާޒީ ހައިލަމް ވިދާޅުވީ، ދައުވާ ކުރެވޭނެ ކަމަށެވެ. މި މައްސަލައިގައި މައި ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ޔާމީންގެ މައްސަލަވެސް މި މައްސަލައާ އެކު ކުރިއަށްދާތީ އާޒިމާގެ މައްސަލަ ބެލުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ދެކޭ ކަމަށް ދައުލަތުން ބުންޏެވެ.
ރައީސް ޔާމީން ހިންގި ކަމަށް ބުނާ މަނީ ލޯންޑަރިންގެ އަމަލަކަށް މަގުފަހިކޮށްދިން ކަމުގެ ތުހުމަތު އާޒިމާއަށް ކުރެވޭ އިރު އާޒިމާ މިއަދު ކޯޓުގައި ވާހަކަ ދައްކަމުން ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާވީ ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ކުއްޔަށް ދޫކުރި ވޮޑަމުލާގެ ފައިސާކަން އެނގެން ނެތް ކަމަށެވެ. އެސްއޯއެފްއިން ސައްހަ މުއާމަލާތްތައް ކޮށްފައިވާކަން އެނގެން އޮންނަ އިރު، ވޮޑަމުލާގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރުމުގެ ކުރިންވެސް އެސްއޯއެފްގެ އެކައުންޓުގައި އަށް ލައްކަ ޑޮލަރު ހުއްޓެވެ. އެހެންކަމުން، ރައީސް ޔާމީންގެ އެކައުންޓަށް ވަނީ ސީދާ ވޮޑަމުލާގެ ފައިސާތޯ ބެލޭނީ ކިހިނެއްތޯ އާޒިމާ ސުވާލު އުފެއްދެވިއެވެ.
އެސްއޯއެފްގެ އެކައުންޓަށް ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ޖަމާވި ފަހުން އެ އެކައުންޓުން އެހެން މީހަކަށް 2000 ޑޮލަރު ޖަމާވެފައިވާކަން ސްޓޭޓެމްންޓުތަކާ ހަވާލާދެއްވައި އާޒިމާ ފާހަގަކުރެއްވި އެވެ. އަދި ފުރަތަމަ ފަސް ލައްކަ ޑޮލަރު ޖަމާކޮށްފައި ދެވަނަ ފަސްލައްކަ ޑޮލަރު ޖަމާ ކުރުމާ ދެމެދު އެސްއޯއެފްގެ އެކައުންޓުން 18 ޓްރާންސެކްޝަނެއް ހިނގާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ރައީސް ޔާމީން އެމަނިކުފާނުގެ ފައިސާ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާ ކުރި އިރު ޖަމާ ކުރީ 3.4 މިލިއަން ޑޮލަރު ކަމަށް އާޒިމާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ގާޒީ ދައުލަތާ ސުވާލުތަކެއް ކުރިމަތި ކުރެއްވި އެވެ. އެގޮތުން، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވީ ސީދާ ވޮޑަމުލާގެ ފައިސާކަން އެނގެނީ ކިހިނެއްތޯ ސުވާލު ކުރެއްވި އެވެ. އަދި ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓުން ސީދާ ވޮޑަމުލާގެ ފައިސާ ނަގައި އެސްކްރޯ އެކައުންޓަށް ޖަމާ ކުރާނީ ކިހިނެއްތޯ ސުވާލު ކުރެއްވި އެވެ. އަދި އެފަދައިން ފައިސާ ވަކި ކުރާނެ ގޮތެއް ގާނޫނުގައި ކަނޑައަޅާފައިވޭތޯ ސުވާލު ކުރެއްވިއެވެ.
ދެން މި މައްސަލައިގައި އޮންނަ އަޑުއެހުމެއްގައި އޮންނާނީ މައްސަލަ ޝަރީއަތަށް ގެންދާނެތޯ ނުވަތަ މައްސަލަ ބޭރުކޮށްލާނެތޯ ޝަރީއަތުން ނިންމުމެވެ.