02 Sep 2019, 17:28
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރު ކުރި ތަހުގީގު ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
އެ ކޮމިޝަނުން މިއަދު ވަނީ ރިލްވާންގެ ތަހުގީގު ރިޕޯޓު ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަރުވާފައެވެ. އަދި ރައީސް ނަޝީދު ވަނީ މަޖިލީހުގެ ޕާލިމެޓްރީ ގްރޫޕުތަކުގެ ލީޑަރުންނާ ހިއްސާކުރައްވާފައެވެ.
މަޖިލީީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، ރިލްވާނާ ގުޅޭ ތަހުގީގީ ރިޕޯޓު އެޖެންޑާ ކޮށްފައިވަނީ، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައެވެ. މި ރިޕޯޓު ހުށަހަޅާނީ، މާދަމާ މަޖިލީހުގައި ތަގްރީރުކުރައްވާ، އައްވައްޓެރި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް ފަހުއެވެ.
ރިލްވާންގެ ތަހުގީގު ރިޕޯޓު މާދަމާގެ ޖަލްސާއަށް ތާވަލްކޮށްފައިވާއިރު، މިއަދު މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ ރިލްވާންގެ ދައްތަ، ފާތިމަތު ޝެހެނާޒްއާ ބައްދަލުކުރައްވައިފައެވެ.
ރިލްވާން ގެއްލިފައިވަނީ، މީގެ ފަސް އަހަރު ކުރިން، އެގޮސްޓް 7، 2014 ގައެވެ. އިއްޔެ ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިލްވާނާ ގެއްލުނު މައްސަލައިގެ ތަފްސީލީ ވާހަކަތަކެއް ވަނީ ކިޔައި ދީފައެވެ. އެގޮތުން ރިލްވާން ގެއްލުނު ރޭ އޭނާ ކާރަކަށް އަރުވައިގެން ގޮސް، ޑިންގީއަކަށް އަރުވައި، އަދި އެއްފަހު ކަނޑުއުޅަނދަކަށް އެރުވުމަށްފަހު، ރިލްވާން މަރާލާފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވިއެވެ. މަރާލި މީހުން ނިސްބަތްވަނީ އަލްގައިދާ ރާއްޖެ ގޮތްޕަށް ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.
ރިލްވާން ގެއްލުނު ފަހުން އޭނާ ސީރިއާގައި މަރުވެފައިވާ ކަމަށް ދެއްކުމަށް ތަފާތު އެކި ގޮތްގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަސައްކަތް ކުރެއްވިކަމަށާއި އަދީބު ފޮނުވައިގެން ފުލުހުންގެ އިންޓެލިޖެންސް ދެ އޮފިސަރަކު އިމިގްރޭޝަންގެ އޭރުގެ ކޮންޓްރޯލަރު ހަސަން އަލީއާ ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދަން މަސައްކަތްކުރި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ރިލްވާން މައްސަލައިގައި ހައްޔަރުކުރި މީހަކު ދޫކޮށްލުމުގައިވެސް އަދީބުގެ ރޯލެއް އޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށްވެސް އެ ކޮމިޝަނުން ތުހުމަތުކެއް ކުރެއެވެ. އެގޮތުން ކަހީނަކު ބޭނުންކޮށްގެމް ފަންޑިތަ ހަދައިގެން ރިލްވާން މައްސަލައިގައި ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ މިސްރާބު ބަދަލު ކުރުމަށް ރައީސް ޔާމީން މަސައްކަތްކުރެއްވި ކަމުގެ ހެކި ލިބިފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.