ހައްޖުގެ އިހުތިފާލުތައް ރާއްޖޭގެ ނޫހަކުން ފުރަތަމަ ފަހަރަށް ލައިވް ވެބްކާސްޓްކޮށްފި އެވެ.

އޮންލައިން ނޫހެއް ކަމަށްވާ ދި އިސްލާމްގެ އެގްޒެކެޓިވް އެޑިޓާ އަލީ އަހުސަން މިއަދު ވިދާޅުވީ ހައްޖުގެ އެންމެހާ ކަންތައްތައް ނިމެންދެން ލައިވްކޮށް ވެބްކާސްޓް ކުރުމަށްޓަކައި އެ ނޫހުގެ ފަރާތުން ތިން ނޫސްވެރިޔަކު މިވަގުތު ސައުދީ އަރަބިއްޔާގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

އޭނާ ބުނީ ހައްޖުގެ ކަންތައްތައް ލައިވްކޮށް ގެނެސްދިނުމުގެ ގޮތުން ހައްޖު ހުތުބާ އަރަފާތުން ބިމުން ވަގުތުން ތަރުޖަމާކޮށް، ލައިވް ސްޓްރީމްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭން ހައްޖަށް ދިޔަ މީހުންނަށް މައްކާގައި ދިން ދަރުސްތައް ވެސް ދި އިސްލާމުން ވަގުތުން ގެނެސްދިނެވެ.

ހައްޖު ހުތުބާ ތަރުޖަމާ ކޮށްދެއްވީ އައްޝެއިޚު މުހައްމަދު ސަމީރެވެ.

އަހުސަން ވިދާޅުވީ ހައްޖުގެ ހުރިހާ ކަމެއް ނިމެންދެން ލައިވްކުރާނެ ކަމަށާއި ލައިވް ވެބްކާސްޓަށް ކިއުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
" މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރާ ކަމަކަށް ވާތީ ވަރަށް ބޮޑު ތަރުހީބެއް ލިބުނު،" އޭނާ ބުންޏެވެ.

ހައްޖުގެ އަޅުކަމަށް މިއަހަރު 2.9 މިލިޔަން މީހުން މައްކާއަށް ޖަމާވި އެވެ. ރާއްޖެއިން މިއަހަރު ހައްޖަށް ދިޔައީ 1500 މީހުންނެވެ. އެއީ 10 ޖަމާއަތެއްގެ ހަވާލުގައެވެ.