02 Sep 2019, 15:01
މީގެ ފަސް އަހަރު ކުރިން، ވީ ނުވީއެއް ނޭންގި ގެއްލުނު ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު އެ ތަހުގީގަށް ހުރަސް އެޅި ދައުލަތުގެ އިސްވެރިންނަށް ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް އޭނާގެ އާއިލާ އިން ގޮވާލައިފި އެވެ.
ރިލްވާންގެ ގެއްލުވާލައި، މަރާލި މައްސަލައާ ގުޅިގެން މައުލޫމަތު ދެއްވުމަށް ރިޔާސީ ކޮމިޝަނުން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ، ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުމަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި ކުރީގެ ރައީސް ޔާމީން ކަންތައްތަކެއް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.
ރިޔާސީ ކޮމިޝަނުން އިއްޔެ ހާމަކުރި މައުލޫމާތާ ގުޅިގެން ރިލްވާންގެ އާއިލާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މައުލޫމާތުތައް ކޮމިޝަނުން އާންމުކޮށްފައިވަނީ އާއިލާއާ ހިއްސާ ކުރުމަށް ފަހު ކަމަށާއި، އާއިލާގެ ފަރާތުން އެދެނީ އެ މައްސަލައިގަ ޝާމިލްވާ ހުރިހާ ފަރާތްތަކަށް ލަސްނުކޮށް ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ކަމަށެވެ.
ރިލްވާން ގެއްލުވާލުމުގައި އެކަން ރާވައި އެކަމަށް ހަރަދުކުރި ފަރާތްތައް ފިލައިގެން ދެވެން އޮތް ހުރިހާ ދޮރުތަކެއް ބަންދުކޮށް ފުރިހަމަ ޖިނާއީ ތަހްގީގަކަށްފަހު އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް އާއިލާއިން ވަނީ ގޮވާލައިފަ އެވެ.
"ރިލްވާން ގެއްލުވާލަން ފުލުހުން ތަހުގީގްކުރަމުން ގެންދިޔައިރު އެ ތަހުގީގަށް ހުރަސް އަޅާފައިވާ ސަރުކާރާއި ދައުލަތުގެ އިސްވެރިންނާ މެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭކަމުގައި ގަބޫލުކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.
ކޮމިޝަނުން އިއްޔެ އާންމު ކުރި މައުލޫމާތުތަކުގެ ސަބަބުން އާއިލާއަށާއި މައްސަލައިގައި ހިމެނޭ ހެކިންގެ އިތުރުން ކޮމިޝަނުގެ މެންބަރުންނަށް އެކި ކަހަލަ އިންޒާރުތައް ލިބެމުންދާ ކަން ވަނީ އާއިލާ އިން ފާހަގަކޮށްފަ އެވެ. އަދި އެ ފަރާތްތަކަށް ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދިނުމަށް ދައުލަތަށް ރިލްވާންގެ އާއިލާއިން ވަނީ ގޮވާލާފަ އެވެ.
ރިލްވާން ގެއްލުވާލައިފައި ވަނީ، ރައީސް ޔާމީންގެ ސަރުކާރުގައި އޮގަސްޓް، 7، 2014ގަ އެވެ.
ރިލްވާން ގެއްލުވާލުމުގެ މައުލޫމާތު ހާމަކުރުމަށް ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ، ރިލްވާން ރަހީނުކޮށް، ދޯންޏަކަށް އެރުވުމަށް ފަހު އަލްގައިދާ ރާއްޖޭގެ ގޮފިން މަރާލާފައިވާކަން މިހާތަނަށް ހޯދު ހެކިތަކުން އެނގިފައިވާ ކަމަށެވެ.