އައްޑޫ ސިޓީގައި 75 ފޫޓުގެ ދިދަ ދަނޑިއެއް ޖެހުމުގެ މަސައްކަތް ފަށައިފި އެވެ. މިއީ ވެރިރަށް މާލޭގެ ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ކޯއްޓޭގައި ދިވެހި ދިދަ ނެގުމަށް ޖަހާފައިވާ 100 ފޫޓުގެ ދިދަ ދަނޑި ފިޔަވައި ރާއްޖޭގައި ޖަހާ އެންމެ އުސް ދިދަނޑީގެ ކޯއްޓޭ އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވީ ދިދަ ދަނޑި ޖަހަނީ އެ ސިޓީގެ ހިތަދޫގައި ހުންނަ ސްޓޭޓް ހައުސް (ކުރީގެ އަތޮޅުގެ) ކުރިމަތީގައި ކަމަށާއި އުސް ދިދަ ދަނޑި ޖެހުމަށް ފަހު ދިވެހި ދިދައިގެ ބޮޑު ދިދައެއް ވިހުރުވާލާ މައިދާނަށް "ސިޓީ ސްކެއާ" ގެ ނަމުން ނަން ދީފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ސްކެއާގައި ދިދަ ދަނޑި ޖެހުމުގެ މަސައްކަތް ފެށީ ރޭގަ އެވެ. އަށް ބައިގެ މައްޗަށް އެކުލެވޭ ދިދަ ދަނޑީގެ މަސައްކަތުގައި ރޭ ފުރިހަމަ ކުރީ ފައުންޑޭޝަނެވެ. އައްޑޫ ބޮޑު ދިދަ އަކީ ސިފައިންނާއި، އައްޑޫ ޕޯޓްސް ލިމިޓެޑު ގުޅިގެން ކުރާ މަސައްކަތެއް ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އެ ސިޓީގެ ސިޓީ ސްކެއާގައި 24 ގަޑިއިރު ނަގާފައި ބަހައްޓާ ގޮތަށް ހަމަޖައްސާފައިވާ ބޮޑު ދިދަ ނެގުން އޮންނާނީ އަންނަ ޖުމް ހޫރީ ދުވަހު ހެނދުނު 6:00 ޖަހާއިރު ކަމަށެވެ.

ޖުމްހޫރީ ދުވަސް ނުވަތަ ނޮވެމްބަރު 11އިގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ގައުމާ މުހާތަބު ކުރެއްވުން ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ ވެސް "ސިޓީ ސްކްއާ"ގަ އެވެ.