ސްރީލަންކާގެ ހޮސްޕިޓަލްތަކުން ދިވެހިންނަށް ކިޑްނީ އާއި ހަށިގަނޑުގެ އެހެން ގުނަވަންތައް ބަދަލުކުރުން ނުވަތަ އޯގަންޓްރާންސްޕްލާންޓްގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖެހިއްޖެ އެވެ.

ސްރީލަންކާއިން ވަނީ އެގައުމުގެ ރައްޔިތުން ނޫން އެހެން މީހުންނަށް އެގައުމުގައި އޯގަންޓްރާންސްޕްލާންޓްގެ ހިދުމަތް ދިނުން މަނާކޮށްފަ އެވެ. ނަމަވެސް މިދިޔަ ޖޫން މަހުން ފެށިގެން ދިވެހި ބައެއް ޕޭޝަންޓުންނަށް ސަރުކާރު މެދުވެރިވެގެން އެހިދުމަތް ވަނީ ފަހިކޮށްދީފަ އެވެ.

މިހާރު ލަންކާގެ ހޮސްޕިޓަލްތަކުން ދިވެހިންނަށް މިހިދުމަތް ދޭން ފަށާފައިވާއިރު، ދިވެހިރާއްޖެއަކީ ސްރީލަންކާއިން މިފަދަ ފުރުސަތެއް ފަހިކޮށްދިން ފުރަތަމަ ގައުމެވެ.

ސްރީލަންކާއަކީ ބޭސްފަރުވާއަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ގައުމަކަށްވެފައި، އޯގަން ޓްރާންސްޕްލާންޓްގެ ހިދުމަތް އެގައުމުން އަނެއްކާވެސް ލިބުމަކީ ދިވެހިންނަށް ލިބޭނެ ވަރަށްބޮޑު ފަސޭހައެކެވެ.

މިއަދު ރައީސް ސޯލިހު އާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ ދެއްވި ޖޮއިންޓް ސްޓޭޓުމެންޓުގައި، ގުނަވަން ބަދަލުކުރުމުގެ ހިދުމަތް ލަންކާ ހޮސްޕިޓަލުތަކުން ދިވެހިންނަށް ދޭން ފެށުނުކަން ވަނީ އިއުލާނު ކުރައްވައިފައެވެ.

ލަންކާ އަށް ބޭހަށްދާ ދިވެހިންނަށް ލުއިގޮތްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށް ރަނިލް މިއަދު ވިދާޅުވިއެވެ