ސްރީލަންކާގެ މަތީތައުލީމު ދޭ މުވައްސަސާތަކުގެ ގޮފިތައް ރާއްޖޭގައި ހުޅުވުމަށް މަސައްކަތް ކުރައްވާނެކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބޮޑު ވަޒީރު ރަނިލް ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓުމެންޓުގައި ރަނިލް ވިދާޅުވީ ލަންކާގެ މަތީތައުލީމުދޭ އިދާރާތަކުގެ ގޮފިތައް ރާއްޖޭގައި ހުޅުވުމަށް ކުރަންޖެހޭ ކަންތައްތައް ބައްލަވަމުންދާ ކަމަށެވެ.

ރަނިލް ވިދާޅުވީ ސްރީލަންކާ އަކީ ދިވެހިންގެ ދެވަނަ ވަޒަން ކަމަށާއި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ލަންކާގައި ތައުލީމު ހާސިލް ކުރަމުންދާއިރު، ދިވެހިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ތައުލީމު ހާސިލް ކުރުމަށާއި ސިއްހީ ކަންކަމުގައި އަދި އެނޫންވެސްް ބޭނުންތަކަށް ރާއްޖެއިން ލަންކާއަށް ދާ ދިވެހިންނަށް ލުއި ގޮތްތައް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރަނިލް ވިދާޅުވި އެވެ.

"ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަންތަަކަށް ލަންކަގެ ހޮސްޕިޓަލުތަކުން ދިވެހިންނަށް ލުއިގޮތްތަކެއް ހަމަޖެއްސުމަށް މަޝްވަރާ ކުރެވިއްޖެ. ވިސާ އަށް ލުއިގޮތްތަކެއް ހަމަޖައްސައިދެވިއްޖެ. ގިނަ އަދަދެއްގެ ދިވެހިން ލަންކާއަށް ތައުލީމު ހާސިލް ކުރުމަށް ދިޔުމަށް ލުއި ގޮތްތަކެއް ހަމަޖެހިގެންދާނެ،" ރަނިލް ވިދާޅުވި އެވެ.

އޭޕްރީލްމަހު ލަންކާގައި ދިން ޓެރަރިސްޓު ހަމަލާތަކަށްފަހު އެގައުމަށް ކުރިމަތިވި ހިތާމާގައި ދިވެހިންގެ ފަރާތުން ދެއްކި އެއްބާރުލުން ފާހަގަކުރައްވާ ދިވެހިން ލަންކާ އާމެދު ބާއްވާ ގާތްކަމަށް ރަނިލް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

"ޓެރަރިޒަމް އަކީ އެންމެންނަށް އޮތް ބިރެއް. ޓެރަރިޒަމާ ދެކޮޅަށް އެކުގައި މަސައްކަތް ކުރަންޖެހޭ. އަނެއް ކަމަކީ، ޑްރަގް ޓްރެފިކިން. މި ދެ ދާއިރާ އިން ރާއްޖެ އާއި ލަންކާ އާއި ގުޅިގެން މަސައްކަތް ކުރަން އެބަޖެހޭ،" ރަނިލް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް އޮތް ނުރައްކަލެއް. އެ މައްސަލައިގެ އަސަރު ލަންކާ އަށްވެސް ކުރޭ. ލަންކާގެ އިގްތިސޯދަށް އޭގެ ސީދާ އަސަރު ކުރޭ،" ރަނިލް ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގެ ހަމަޖެހުމަކީ ސަރަހައްދުގެ ހަމަޖެހުމަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވާ ރަނިލް ވިދާޅުވީ އިންޑިއާ ކަނޑުގެ ހަމަޖެހުން ގާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ލަންކާ އިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.

"ރާއްޖެ އާއި ލަންކާ އަކީ މި ސަރަހައްދުގައި އޮތް ކުޑަ ދެ ގައުމު. ސަރަހައްދުގެ ހަމަޖެހުން ގެއްލޭނަމަ އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީވެސް ރާއްޖެ އަށާއި ލަންކާއަށް،" ރަނިލް ވިދާޅުވި އެވެ. އަަދި ސަރަހައްދުގެ ހަމަޖެހުން ގާއިމްކުރުމަށް ކުރަންޖެހޭ މަޝްވަރާތައް އަބަދުވެސް ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެ އާއި ލަންކާ އާއި ދެމެދު ވެފައިވާ އެއްބަސްވުންތައް ރިވިއުކޮށް، ދެގައުމު ގުޅިގެން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ލަންކާގެ ބޮޑުވަޒީރު ދެއްވި އެވެ.