02 Sep 2019, 12:46
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރު ކުރި ޑްރާފްޓް ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ޕާލިމެޓްރީ ގްރޫޕުތަކުގެ ލީޑަރުންނަށް އަރުވައިފި އެވެ.
މަރު ކޮމިޝަނުން މިއަދު ވަނީ ރިލްވާން މައްސަލައިގެ ޑްރާފްޓް ރިޕޯޓުގެ ކޮޕީއެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަރުވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ އެ ރިޕޯޓުގެ ކޮޕީއެއް މަޖިލީހުގެ ރައީސް، ޕީޖީ ލީޑަރުންނަށް އަރުވާފައިވާ ކަމަށެވެ.
ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައިވަނީ، އޮގަސްޓް، 7، 2014 ގައެވެ. އޭނާ ގެއްލުނުތާ ފަސް އަހަރުވީއިރު، އިއްޔެ ރިޔާސީ ކޮމިޝަނުން ވަނީ އެ މައްސަލައާ ގުޅޭގޮތުން އާންމުންނަށް ކުރިން ނޭނގޭ ވާހަކަތަކެއް ހާމަކޮށްފަ އެވެ.
ސުއޫދު އިއްޔެ ވިދާޅުވި ގޮތުގައި، ރިލްވާން ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އަލްގައިދާގެ ބްރާންޗުން ރާވައިގެން މަރާލާފަ އެވެ. އޭނާ މަރާލީ ކަނޑުމަތީގައި ކަަމަށާއި މަރާލީ ކަރުގައި ދާގަނޑެއް އޮޅާލައިގެން ކަމަށް ހެކިވެރިން ބުނެފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި މަރާލުމުގެ ކުރިން ޝަހާދަތް ކިޔަން ފުރުސަތު ދިންކަމަށް ބަޔާން ދިން ހެކިވެރިޔަކާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.
ރިލްވާން ގެއްލުނު ފަހުން އޭނާ ސީރިއާގައި މަރުވެފައިވާ ކަމަށް ދެއްކުމަށް ތަފާތު އެކި ގޮތްގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަސައްކަތް ކުރެއްވިކަމަށް ސުއޫދު ވިދާޅުވި އެވެ. އެ ގޮތުން ފުލުހުންގެ އިންޓެލްގެ ދެ އޮފިސަރަކު ފޮނުވައިގެން އިމިގްރޭޝަންގެ އޭރުގެ ކޮންޓްރޯލަރު ހަސަން އަލީއާ ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދަން މަސައްކަތްކުރި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ރިލްވާން މައްސަލައިގައި ހައްޔަރުކުރި މީހަކު ދޫކޮށްލުމުގައިވެސް އަދީބުގެ ރޯލެއް އޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށްވެސް ސުއޫދު ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ، ފަންޑިތަ ހަދައިގެން ރިލްވާން މައްސަލައިގައި ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ މިސްރާބު ބަދަލު ކުރުމަށް ރައީސް ޔާމީން މަސައްކަތްކުރެއްވި ކަމަށެވެ.