ހުއްދަ ނެތި ތަނަކަށް ވަދެ، ފިޔާ ބަސްތާއެއް ވަގަށް ނެގި މީހަކު 27،000 ރުފިޔާއިން ކްރިމިނަލް ކޯޓުން އިއްޔެ ޖޫރިމަނާކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ޖޫރިމަނާ ކޮށްފައި ވަނީ މ. ވަނޮޅު މުހައްމަދު ރިޔާޒްއެވެ.

ކްރިމިނަލް ކޯޓުން ބުނީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ރިޔާޒް މ. ނަރަމްގެއަށް ހުއްދަ ނެތި އެގެއަށް ވަދެ އެގެއިން ފިޔާ ބަސްތާއެއް ވަގަށް ނެގި ކަމަށެވެ. އަދި އެފިޔާ ބަސްތާ ވަގަށް ނަގައިގެން އެގެއިން ނުކުންނަނިކޮށް އެގޭގެ ބަޔަކަށް ފެނިގެން އޭނާ ފުލުހުންނާ ހަވާލުކުރި ކަމަށެވެ.

ރިޔާޒް ވަނީ އޭނާގެ ކުށަށް އިއުތިރާފްވެސްވެފަ އެވެ. ދައުލަތުން ރިޔާޒްގެ މައްޗަށް ކޮށްފައި ވަނީ އެނގިގެން ހުއްދަ ނެތި ތަނަކަށް ވަތް މައްސަލައާއި އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގި މައްސަލައިގަ އެވެ.

ހުއްދަ ނެތި ތަނަކަށް ވަން މައްސަލާގައި ގާނޫނީ އުގޫބާތުގެ ދަށުން ހަތަރު މަހާއި24 ދުވަހުގެ ޖަލުގެ ހުކުމް އިއްވެ އެވެ. އެހެން ނަމަަވެސް އޭނާ ކުށަށް އިއުތިރާފްވެ އަދި ޖަލަށް ލައިފި ނަމަ ވަޒީފާ ގެއްލި އަނބިދަރިންނަށް މާލީގޮތުން ލިބިދާނެ ގެއްލުމަށްޓަކައި ޖަލުގެ ހުކުމް ޖޫރިމަނާއަކަށް ބަދަލުކުރުމަށް އެދުމުން އެ މައްސަލާގައި ވަނީ 21،600 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފަ އެވެ.

އޭގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގި މައްސަލާގައި ދެ މަހާއި 12 ދުވަހުގެ ޖަލުގެ ހުކުމެއް އިއްވޭނެ ކަަމަަށް ކަނޑައަޅާފައި އޮތް ނަމަވެސް ރިޔާޒް ކުށަށް އިއުތިރާފްވެ އަދި އަދި ޖަލަށް ލައިފިނަމަ ވަޒީފާ ގެއްލި އަނބިދަރިންނަށް މާލީގޮތުން ލިބިދާނެ ގެއްލުމަށްޓަކައި ޖަލުގެ ހުކުމް ޖޫރިމަނާއަކަށް ބަދަލުކުރުމަށް އެދުމުން އެ މައްސަލާގައި ވަނީ 5400ގެ ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފަ އެވެ.

އެ ހުރިހާ ފައިސާ އިއްޔެއިން ފެށިގެން ތިން ދުވަސް ތެރޭ މީރާއަށް ދެއްކުމަށް ވެސް ރިޔާޒްގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.