ރާއްޖެ އާއި ލަންކާ އާއި ދެމެދު ވިސާގެ ލުއި ދޭ އެއްބަސްވުމަކާޢެކު ދެގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން، މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރި ހަތަރު އެއްބަސްވުމަކީ ވިސާގެ ލުއިދޭ އެއްބަސްވުމާއި، ޒުވާނުން ބިނާ ކުރުމަށް އެހީދިނުމުގެ އެއްބަސްވުމެއްގެ އިތުރުން ސޯޝަލް ޕްރޮޓެކްޝަންގެ ދާއިރާ އާއި މަތީ ތައުލީމާ ގުޅޭ އެއްބަސްވުމެކެވެ.

ވިސާގެ ލުއި ދިނުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ލަންކާ ސަރުކާރުގެ ފަރާރުން ސޮއިކުރެއްވީ އެގައުމުގެ އިންޓާނަލް އެންޑް ހޯމް އެފެއާޒް މިނިސްޓަރު ބަޖީރާ އަބޭ ވަރްދަނަ އެވެ. މި އެއްބަސްވުމާއެކު ލަންކާ އަށް ދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ.

ސޯޝަލް ޕްރޮޓެކްޝަން ދިނުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޝާހިދެވެ. ލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ޕްރައިމަރީ އިންޑަސްޓްރީސް އެންޑް ސޯޝަލް އެމްޕަވާމެންޓް ދަޔާ ގާމާގެ އެވެ.

މަތީ ތައުލީމުގެ ދާއިރާ އިން ސޮއިކުރި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. ލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސިޓީ ޕްލޭނިން ވޯޓާ ސަޕްލައި އެންޑް ހަޔާ އެޑިއުކޭޝަން ރައުފް ހަކީމް އެވެ.

ޒުވާނުން ބިނާކުރުމުގެ ދާއި ރާ އާއި ވޮކޭޝަނަލް ދާއިރާ އިން ރާއްޖެ އާއި ލަންކާ އާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ. ލަންކާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ލަންކާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މޭޖާ ޖެނެރަލް އޭބީ ތޮޮރޭ ޑެނިއާ އެވެ.