02 Sep 2019, 11:50
ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް، މަރާލި މައްސަލައިގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހްގީގުކުރާ ކޮމިޝަންގެ ޑްރާފްޓް ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަރުވައިފި އެވެ.
ޑްރާފްޓް ރިޕޯޓު ރައީސް ނަޝީދަށް އަރުވާފައި ވަނީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދެވެ.
ރިލްވާން ވަގަށް ނެގި މައްސަލައިގެ މައުލޫމާތުތައް އިއްޔެ ކޮމިޝަނުން ހާމަކުރުމާ ގުޅިގެން ރައީސް ނަޝީދު ވަނީ ތަހުގީގުން ފެނިފައިވާ ކަންކަމާ ގުޅޭގޮތުން ދައުވާ ކުރިއަށް ގެންދިއުން އަވަސްކޮށްދެއްވުމަށް މިއަދު ގޮވާލައްވައިފައެވެ.
ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައިވަނީ، އޮގަސްޓް، 7، 2014 ގައެވެ. އޭނާ ގެއްލުނުތާ ފަސް އަހަރުވީއިރު، އިއްޔެ ރިޔާސީ ކޮމިޝަނުން ވަނީ އެ މައްސަލައާ ގުޅޭ ގޮތުން ގިނަ ކަންކަން ހާމަކޮށްފަ އެވެ.
ރިލްވާން ގެއްލުވާލުމުގެ މައުލޫމާތު ހާމަކުރުމަށް ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ، ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދު ހެކިތަކުން އެނގިފައިވާ ކަމަށެވެ.
ރިލްވާން ގެއްލުވާލުމުގައި ބައިވެރިކަމަށް ތުހުމަތުކުރެވޭ ބައެއް މީހުންގެ ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓައިފަ އެވެ. އެ ކޮމިޝަނުން ބުނީ ތަހުގީގަށް ހޯދުނު ކަންކަމާ ގުޅިގެން ދައުވާ އުފުލުމަށް ޕީޖީއާ ބައްދަލުކޮށް މަޝްވަރާ ކުރާނެ ކަމަށެވެ.