02 Sep 2019, 12:03
ރާއްޖޭގައި ކުޅިވަރާ ބެހޭ ހުރިހާ ކަމެއް ވެސް މަޑު މަޑުން ހަމަޔަކަށް އެޅި ރަނގަޅު ސްޕީޑެއްގައި ކުރިއަށް ދާން ފަށައިފި ކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އެންޕަވަޔަމެންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުތަކުގެ ސަބްބޭސް އެޅުމަށް ސިފައިންގެ ވެލްފެއާ ކުންފުންޏާ ހަވާލު ކުރުމަށް އިއްޔެ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ކުޅިވަރާ ގުޅުންހުރި ހުރިހާ ކަމެއް ވެސް ހަމައަކަށް އެޅެމުންދާ ކަމަށެވެ. މިހާރު ހުރީ ރަނގަޅު ސްޕީޑެއްގައި ހިފައިފާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުން ވެފައިވާ ކުޅިވަރުގެ ގިނަ ވައުދުތައް ފުއްދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި ވަރަށް ކައިރި މުސްތަގުބަލެއްގައި ކަންކަން ނިމިގެންދާނެ ކަމަށެވެ.
އެގޮތުން ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑުތަައް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި 13 ރަށެއްގެ ދަނޑުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މެއި 12، 2019: ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ އިތުރުން މަހުލޫފް ވިދާޅުވީ، ކުރާ ކަމެއް ކުރަން ބޭނުން ވަނީ ރަނގަޅަށް ކަމަށާއި އަވަސް އަރުވާލައިގެން ކަންކަން ކުރަން ބޭނުން ނުވާ ކަމަށެވެ. އެގޮތުން ބޮޑެތި ހަރަދުތައް ކޮށްގެން ސަބްބޭސް ފަދަ ތަންތަން ހަދާ އިރު ވެސް މަސައްކަތް ހަވާލު ކުރާނީ އެކަން ކަން ކުރެވޭނެ ފެންވަރުގެ އަދި ތަޖުރިބާއާއި ޔަގީންކަން އޮތް ފާރަތްތަކާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރަށް މިހާތަނަށް ނުވަ މަސް ވީ އިރު ކުޅިވަރަށް އެކަށީގެންވާ ވަރުގެ ހިދުމަތްތަކެއް ކޮށްދެވިއްޖެ ކަމަށް ގަބޫލު ކުރައްވާކަން މީގެ ކުރިން ވެސް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.
"ސަރުކާރަށް މިހާރު ނުވަ މަސް ވީ އިރު އަޅުގަނޑަށް ލިބުނީ އޭގެ ތެރެއިން ހަ މަސް ދުވަސް. މި ދުވަސްތަކުގެ ތެރޭގައި ކުޅިވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެވިއްޖެ،" މަހްލޫފް ވިދާޅުވި އެވެ.
ކުޅިވަރަށް މި ސަރުކާރުން މާ ބޮޑު އިސްކަމެއް ދޭތީ އެކަމާ އެއްބައި މީހުންގެ ފާޑުކިޔުން ލިބޭ ކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.
"ފާޑު ކިއުންތައް ވަރަށް ގިނައިން އާދޭ ކުޅިވަރަށް މާ ބޮޑަށޭ އުޅެނީ ކިޔައިގެން. ވެދާނެ މީޑިއާގެ ސަމާލުކަން ކުޅިވަރަށް ބޮޑުވީމަ ކަމަށް ވެސް އެހެން ވަނީ. އެކަމު ވެސް ވަކި ކުޅިވަރެއް ބާކީ ނުކޮށް ހުރިހާ ކުޅިވަރެއް ވެސް ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރާނަން." މަހުލޫފް ވިދާޅުވި އެވެ.