02 Sep 2019, 10:57
ނޫސްވެރިޔާ އަހުމަދު ރިލްވާންއާ ގުޅޭ ގޮތުން މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ހަދާފައިވާ ރިޔާސީ ކޮމިޝަނުން ހާމަކުރި ކަންތައްތަކާ ބެހޭގޮތުން ރަސްމީ ބަޔާނެއް ވަރަށް އަވަހަށް ނެރޭނަކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ހަމީދު ދާދި ފަހުން ވަނީ ފުލުހުންގެ މުވައްސަސާ ހަރުދަނާ ކުރުމުގެ ގޮތުން އިނގިރޭސިވިލާތަށް ރަސްމީ ދަތުރެއްވެސް ކުރައްވައިފަ އެވެ.
ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދަތުރުގައި ޓެެރަރިޒަމްގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ވަރަށް ކާމިޔާބު ބައްދަލުވުންތަކެއް ބޭއްވި ކަމަށެވެ. އަދި މަރުގެ ކޮމިޝަންއިން އިއްޔެ ހާމަކުރި ކަންތައްތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެކަމާ ގުޅޭގޮތުން ފުލުހުންގެ މުވައްސަސާއިން ރަސްމީ ބަޔާނެއް ނެރޭނެ ކަމަށެވެ.
"ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ." ހަމީދު ވިދާޅުވި އެވެ.
އިއްޔެ ރިޔާސީ ކޮމިޝަނުން ވަނީ ވީނުވީއެއްނެ ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ ހާދިސާއާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް އެ ހާދިސާ ހިނގިގޮތް ކިޔައިދީފަ އެވެ. އެގޮތުން ހުޅުމާލެއިން އޭނާ ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން އުޅަނދަކަށް އަރުވައި މަރާލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ކޮމިޝަނުން ބުނީ ރިލްވާން މަރާލީ އަލްގައިދާގެ ރާއްޖޭގެ ގޮފިން ކަަމަށެވެ.
އެ ކޮމިޝަނުން އިތުރަށް ބުނީ ރާއްޖޭގައި ހިންގާ ބޮޑެތި ފޭރުންތަކާއި އަދި ބައެއް ވިޔަފާރިތަކުގައިވެސް ޓެރަރިސްޓް ޖަމާއަތްތަކުން ހިއްސާވާ ކަމަށާއި އަދި އެ ފަދަ ފޭރުންތަކުންނާއި ވިޔަފާރިތަކުން ބައި އަޅައި އަލްގައިދާ ފަދަ ގޮފިތަކަށް ފައިސާ ފޮނުވާ ކަމަށެވެ.