08 Nov 2011, 09:33
އެތެންސް (އޮކްޓޯބަރ 8) : ގްރީސްގެ ބޮޑުވަޒީރު ޖޯޖް ޕަޕަންޑްރިޔޯ މަޤާމުން އިސްތިއުފާދެއްވުމަށް ނިންމަވައިފި ކަމަށް އެޤައުމުގެ ރައީސް ކާރލޮސް ޕަޕުލިޔާސް ގެ އޮފީހުން ބުނެފިއެވެ.
ޕަޕުލިޔާސް ގެ އޮފީހުންބުނީ ހުރިހާޕާޓީތަކެއް ގުޅިގެން ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށްޓަކައި މަޤާމުން އިސްތިއުފާ ދެއްވުމަށް ޖޯޖް ޕަޕަންޑްރިޔޯގެ ކިބައިން ރައީސް ކާރލޮސް ޕަޕުލިޔާސް އެދުމުން އެކަމަށް އިޖާބާ ދެއްވުމަށް އޭނާ އެއްބަސްވެ ވަޑައިގެންފައިވާކަމުގައެވެ. ގްރީސްގައި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް އެޤައުމުގެ ރައީސް މަސައްކަތްކުރައްވަނީ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތިކަމުން ސަލާމަތްވުމަށްޓަކައި ޔޫރަޕްގެ އިއްތިޙާދުގެ މާލީއެހީ ހޯދުމުގެ ބޭނުމުގައެވެ.
މިހާރުގެ ބޮޑުވަޒީރު ޖޯޖް ޕަޕަންޑްރިޔޯގެ ސަރުކާރު ސިޔާސީ ގޮތުން ބަލިކަށިވުމުގެ ސަބަބުން އިޤްތިސާދީ މުހިއްމު ނިންމުންތައް ނިންމުމަށް އޭނާގެ ސަރުކާރު ނުކުޅެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ގްރީސްއަކީ ދަރަނީގެ ސަބަބުން ޤައުމީ އިޤްތިސާދު އިފްލާސްވާ ހިސާބަށް ގޮސްފައިވާ ޤައުމެކެވެ. އިޤްތިދާސީ ދަތިތަކުގެ ސަބަބުން ޤައުމުގައި ހަމަނުޖެހުންތައްދަނީ އުފެދެމުންނެވެ.
ގްރީސްގައި އަލަށްއެކުލަވާލާ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނެ ބޭފުޅެއް އަދި އެނގިފައެއްނުވެއެވެ. ނަަވެސް ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރު ދެމިއޮންނަންޖެހޭނީ ތިންމަސްދުވަހަށް ކަމަށް ސިޔާސީ ފަރާތްތަކުން ބުނެއެވެ.
އަންނަ ފެބްރުއަރީމަހު ގްރީސްގައި އަލުން ޢާންމު އިންތިޚާބެއް ބޭއްވުމަށް ސިޔާސީ ޕާޓީތަކުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް ބޮޑުވަޒީރު ޖޯޖް ޕަޕަންޑްރިޔޯ ރަސްމީ ސިފައެއްގައި މަޤާމުން އިސްތިއުފާދެއްވިކަން އަދި ޢިޢްލާންކޮށްފައެއްނުވެއެވެ. -- ރޮއިޓާސް