02 Sep 2019, 09:20
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ރަހީނުކޮށް ގެއްލުވާލި މައްސަލައިގައި ޝާމިލްވާ މީހުންގެ މައްޗަށް ދައުވާ ކުރުން އަވަސްކޮށް ކުރަން، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ރިލްވާން ވަގަށް ނެގި މައްސަލައިގެ މައުލޫމާތުތައް ހާމަކުރުމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތަހުގީގުން ފެނިފައިވާ ކަންކަމާ ގުޅޭގޮތުން ދައުވާ ކުރިއަށް ގެންދިއުން އަވަސްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ވިދާޅުވީ ރާއްޖޭގައި ވަކިހިއްޕާލާފައިވާ އަނދިރި ދައުލަތް މުޅިން ރޫޅާލަން ޖެހޭ ކަމަށެވެ. އަދި ދިވެހި ފުލުހުން ވެސް އެ މީހުންގެ ފުރިހަމަ ދައުރު އަދާކުރަން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
"ސުއޫދުގެ މަރުތަކުގެ ތަހުގީގުން ފެނިފައިވާ ކަންކަމާއި ގުޅޭގޮތުން ދައުވާ ކުރިއަށް ގެންދިއުން އަވަސް ކޮށްދެއްވުމަށް އެދެން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައިވަނީ، އޮގަސްޓް، 7، 2014 ގައެވެ. އޭނާ ގެއްލުނުތާ ފަސް އަހަރުވީއިރު، އިއްޔެ ރިޔާސީ ކޮމިޝަނުން ވަނީ އެ މައްސަލައާ ގުޅޭ ގޮތުން ގިނަ ކަންކަން ހާމަކޮށްފަ އެވެ.
ރިލްވާން ގެއްލުވާލުމުގެ މައުލޫމާތު ހާމަކުރުމަށް ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ، ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދު ހެކިތަކުން އެނގިފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި ތަހުގީގަށް ހުރަސް އެޅުމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ރައީސް އަބްދުﷲ ޔާމީން ކަންތައްތަކެއް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.
އަދި އަދުލު އިންސާފަށް ހުރަސް އެޅިކަމުގެ ދައުވާ އަދީބުގެ މައްޗަށް ކުރެވޭނެ ކަމަށާއި ނަމަވެސް މައްސަލައިގައި ރައީސް ޔާމީންއާ ސީދާ ގުޅުމެއް ނެތުމުން އެމަނިކުފާނަށް ދައުވާ ނުކުރެވޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ރިލްވާން ގެއްލުވާލުމުގައި ބައިވެރިކަމަށް ތުހުމަތުކުރެވޭ ބައެއް މީހުންގެ ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓައިފަ އެވެ. އެ ކޮމިޝަނުން ބުނީ ތަހުގީގަށް ހޯދުނު ކަންކަމާ ގުޅިގެން ދައުވާ އުފުލުމަށް ޕީޖީއާ ބައްދަލުކޮށް މަޝްވަރާ ކުރާނެ ކަމަށެވެ.