ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގަމުން އައި މެރިން ރިސާޗް ސެންޓަރުގެ ނަން، މޯލްޑިވަސް މެރިން ރިސާޗް އިންސްޓިޓިއުޓަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދަލު ކުރައްވައިފި އެވެ.

ގާނޫނު އަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މެރިން ރިސާޗް ސެންޓަރުގެ ނަން ބަދަލު ކުރައްވާފައިވާއިރު އެތަނުގެ ބައެއް މަސައްކަތްތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

އެގޮތުން ކަނޑާއި އެކަނޑުގެ ދިރުންތަކާއި ގުޅޭ ސައިންޓިފިކް މައުލޫމާތު އެއްކޮށް ދިރާސާ ކުރުމުގެ އިތުރުން ކަނޑުގައި އުޅޭ ދިރުންތަކުގެ މައުލޫމާތު ހޯދައި ސްޕެސިމަން އެއްކޮށް ބެލެހެއްޓުން ހިމެނެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަދުވަމުންދާ ބާވަތްތަކާއި ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކާއި ކަނޑުގެ މާހައުލުގެ ދުޅަހެޔޮކަމަށް މުހިންމު ބާވަތްތައް ދެނެގަނެ އެ ބާވަތްތައް ރައްކައުތެރިކޮށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތާއި ލަފަޔާއި އިރުޝާދު ދިނުމަކީ ވެސް މެރިން ރިސާޗް ސެންޓަރުގެ ޒިންމާއެކެވެ.

މަސްވެރިކަން ކުރަނީ އެ މަސައްކަތްތަކުގައި ހިފާ ބާވަތްތަކުގެ އާބާދީއަށާއި، އެ ތަކެތީގެ މާހައުލަށް ގެއްލުން ނުވާ ގޮތަކަށްކަމާއި އެ ބާވަތްތައް ހިފެނީ އެ ބާވަތްތަކަށް ގެއްލުން ނުވާ މިންވަރަށްކަން ޔަގީންކުރުމަށް ކުރަންޖެހޭ ދިރާސާތައް ކޮށް، އެ ދިރާސާތަކުގެ އަލީގައި މަސްވެރިކަމުގެ ވުޒާރާއަށް ފަންނީ ލަފާދިނުމާއި، މަސްވެރިކަމުގެ ތަފާސްހިސާބުތަކަކީ އެ ކަންކަމަށް އެކަށޭނަ ހިސާބުތަކަކަށް ހެދުމަށް ބޭނުންވާ ލަފާދިނުން ވެސް ހިމެނެ އެވެ.

ކަނޑުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭކަން ކަށަވަރު ކުރުމަށްޓަކައި މާހައުލީ ނިޒާމާ ގުޅުވައިގެން މި ވަސީލަތްތައް މެނޭޖްކުރުމަށް (އިކޯސިސްޓަމް ބޭސްޑް މެނޭޖްމަންޓް) ބޭނުންވާ ސިޔާސަތުތައް އެކަށައެޅުމަށް ސައިންސްގެ އަލީގައި މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން މެރިކަލްޗާގެ ސިނާއަތެއް ގާއިމުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، މެރިކަލްޗާގެ ދާއިރާ ތަރައްގީ ކުރާނެ ގޮތުގެ ފަންނީ ލަފާ ވެސް އެ އިންސިޓިޓިއުޓުން ދޭން ޖެހެ އެވެ.

މަސްވެރިކަމާއި މެރިކަލްޗަރާއި ފަރުތަކާ ގުޅޭ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ މަސައްކަތްތަކުގައި ބައިވެރިވެ އެ ދާއިރާއިން ސައިންސް ކުރިއަރުވައި މިފަދަ ޖަމްއިއްޔާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭން ޖެހެ އެވެ.

ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ކުރާ ކަނޑުގެ މާހައުލާ ގުޅޭ ދިރާސާތަކުން އެއްކުރާ މައުލޫމާތާއި ޑޭޓާތައް ޖަމާކޮށް، އެ ތަކެތި ބެލެހެއްޓުމަކީ ވެސް މެރިން ރިސާޗް އިންސްޓިޓިއުޓަގެ މަސްއޫލިއްޔަތެކެވެ.