01 Sep 2019, 17:30
ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލުމުގައި ބައިވެރިކަމަށް ތުހުމަތުކުރެވޭ ބައެއް މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައި ވާނެކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވަނީ ރިލްވާން ގެއްލުވާލުމާ ގުޅޭގޮތުުން ކުރިން ނޭނގޭ ގިނަ ކަންތައްތަކެއް ހާމަކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުގައި 7 އޮގަސްޓް 2014ގެ ރޭ ހުޅުމާލެއިން ރިލްވާން ކިޑްނެޕްކޮށް ގަދަކަމުން ކާރަކަށް އެރުވުމަށް ފަހު، ޑިންގީއަކަށް ލައިގެން ގެންގޮސް، އެހެން އުޅަދަކަށް އަރުވައި ވަނީ މަރާލައިފައެވެ. އަދި އެކަން ކުރީ ރާއްޖޭގައި ހަރަކާތްތެރިވާ އަލްގައިދާގެ ބްރާންޗުން ރާވައިގެން ކަމަށް ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ރިލްވާން ގެއްލުވާލުމުގައި ބައިވެރިވި ބައެއް މީހުން މިހާރު ވަނީ ސިރިއާއަށް ފިލައިގެން ގޮސްފައެވެ. އެކަމަކު، އެ މައްސަލައާ ގުޅޭ ބަޔަކު އަދިވެސް ރާއްޖޭގައި އުޅޭ ކަމަށް ވިދާޅުވިއެވެ.
މި މައްސަލައިގައި ހިމެނޭ މީހުން ހައްޔަރުކުރަން ކޯޓު އަމުރަކަށް ކޮމިޝަނުން އެދިފައިވާނެ ތޯ "ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސުއޫދު ވިދާޅުވީ، އެ މީހުން ފުރައިގެން ނުދެވޭނެ ގޮތަށް ޕާސްޕޯޓު ހިފަހައްޓާފައިވާނެ ކަމަށެވެ.
"އެ މީހުން ފުރައިގެން ނުދިއުމުގެ އަމުރުތަކެއް އަޅުގަނޑުމެން ވަނީ ހޯދާފައި،" ސުއޫދު ވިދާޅުވިއެވެ.
އެކަމަކު، ހިފެހެއްޓީ ކޮން ބައެއްގެ ޕާސްޕޯޓު ކަމެއް އޭނާ ހާމައެއް ނުކުރެއެވެ.
ރިލްވާން ގެއްލުވާލި މައްސަލައިގައި ގ. ހިލްޓަން އާލިފް ރައޫފާއި، ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުވައިދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރިއެވެ. އެ މީހުންގެ ތެރެއިން ސުވައިދު ވަނީ ރާއްޖެއިން ބޭރަށް ގޮދް ފިލައިފައެވެ. ނޫރައްދީނާއި އާލިފް ރައޫފުގެ މައްޗަށް ދައުވާ ސާބިތެއް ނުވިއެވެ.
ރިލްވާން ކިޑްނެޕްކޮށްގެން އެރުވި ކާރުގައި، އާލިފް ރައޫފް އިންކަން ޔަގީން ކުރެވިފައިވާ ކަމަށް މިއަދު ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވި ގޮތުގައި، ރިލްވާން މަރާލީ ކަރުގައި ދާގަނޑެއް އޮޅާލައިގެންނެވެ. އަދި މަރާލުމުގެ ކުރިން ޝަހާދަތް ކިޔަން ފުރުސަތު ދިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރިލްވާން ގެއްލުނު ފަހުން އޭނާ ސީރިއާގައި މަރުވެފައިވާ ކަމަށް ދެއްކުމަށް ތަފާތު އެކި ގޮތްގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަސައްކަތް ކުރެއްވިކަމަށް ސުއޫދު ވިދާޅުވިއެވެ. އެ ގޮތުން ފުލުހުންގެ އިންޓެލްގެ ދެ އޮފިސަރަކު ފޮނުވައިގެން އިމިގްރޭޝަންގެ އޭރުގެ ކޮންޓްރޯލަރު ހަސަން އަލީއާ ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދަން މަސައްކަތްކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ރިލްވާން މައްސަލައިގައި ހައްޔަރުކުރި މީހަކު ދޫކޮށްލުމުގައިވެސް އަދީބުގެ ރޯލެއް އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށްވެސް ސުއޫދު ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ، ފަންޑިތަ ހަދައިގެން ރިލްވާން މައްސަލައިގައި ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ މިސްރާބު ބަދަލު ކުރުމަށް ރައީސް ޔާމީން މަސައްކަތްކުރެއްވި ކަމަށެވެ.