މިފަހުން މާލޭގައި ހިންގި ބޮޑެތި ވައްކަންތަކަކީ ރާއްޖޭގައި އުޅޭ އައިސްއެސްގެ ޖަމާއަތުގެ ބަޔަކު އަޑީގައި ތިބެގެން ހިންގި ކަންތައްތަކެއް ކަމަށް، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާން ގެއްލުވާލި ހާދިސާގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުތައް އާންމު ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް، ހުސްނުއްސުއޫދު ވިދާޅުވީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި ބީއެޗްއެމްގެ 2.3 މިލިއަން ރުފިޔާ ފޭރިގަތީ އައިއެސްގެ ޖަމާއަތަށް ބައިއަތު ހިފައިގެން އުޅޭ ދިވެހި ބަޔަކު ރާވައިގެން ކަމަށެވެ.

ރާއްޖޭގައ ހައްދު ފަހަނަ އެޅި ފިކުރުމުގެ ދެ ޖަމާއަތް ކަމަށްވާ، އައިއެސް އާއި އަލްގައިދާއަށް ބައިއަތު ހިފާފައިވާ ދެ ގްރޫޕެއް ހަރަކާތްތެރިވާކަން ފާހަގަ ކުރައްވަމުން ސުއޫދު ވިދާޅުވީ އައިއެސް ޖަމާއަތަށް ބައިއަތު ހިފާފައިވާ ދިވެހި ގްރޫޕުން ހިންގަނީ ވައްކަމާއި ފޭރުމުގެ ކަންތައްތައް ކަމަށެވެ.

ލޭ އޮހޮރުވުމާއި ގަތުލުތައް ހިންގަނީ އަލްގައިދާއަށް ބައިއަތު ހިފައިގެން ތިބި ގްރޫޕް ކަމަށް ވެސް، ސުއޫދު ފާހަގަ ކުރެއްވި އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެ ގްރޫޕުން އާމްދަނީ ހޯދުމަށް ހިންގަނީ ތަރުކާރީ ފިހާރަތަކާއި ފޮތި ފިހާރަތައް އަދި ކަންނެލި އޮޑިތައް ކަމަށެވެ.

އައިއެސްގެ ރާއްޖޭގެ ގްރޫޕުން ގަތުލުތައް ނުހިންގަނީ ސުއޫދު ވިދާޅުވި ގޮތުގައި އެ މީހުން ގަބޫލު ކުރާ އަގީދާގައި ފައިދާއަށް ވުރެ ގެއްލުން ބޮޑުވާނަމަ، އެއީ ކުރުން ހުއްދަކަމަށް އެކަން ނުވާތީ އެވެ.

"ދެން އިސްލާމިކް ސްޓޭޓަށް ނިސްބަތްވާ ފަޅި މިއީ މާލޭގައި ކުރަމުން ގެންދާ މިފަހުން ހިނގި ބޮޑެތި ވައްކަންތަކުގައި ޝާމިލްވެފައިވާ ފަރާތް. އެގޮތުން ދާދިފަހުން ބީއެޗްއެމްއިން ގެއްލުނު ފައިސާ އާއި މިދެންނެވި ފަދަ ވައްކަންތަކަކީ މި ޖަމާއަތުން ކޮށްފައިވާ ކަންކަން ކަން ފާހަގަ ކުރެވޭ. މިކަންކަމަކީ، ރާއްޖޭގައި ތިބި އިސްލާމިކް ސްޓޭޓަށް ނިސްބަތްވާ ގްރޫޕުން ކޮށްފައިވާ ކަންކަން،" އުސޫދު ވިދާޅުވި އެވެ.

ޕްރެސްއަށް ފަހު "ސަން" އިން ސުވާލު ކުރުމުން އެ ކޮމިޝަންގެ މެންބަރުން ވިދާޅުވީ، ބީއެޗްއެމްގެ ފައިސާތައް ފޭރުމުގެ އިތުރަށް މިފްކޯގެ ވޭނެއް ހުއްޓުވާ ފައިސާތައް ފޭރުމާއި ވެސްޓާން ޔޫނިއަންގެ ފައިސާތައް ފޭރުން ފަދަ އެ ދުވަސްވަރު ހިނގި ބޮޑެތި ފޭރުންތަކުގައި ބައިވެރިވަނީ އައިސްގެ ރާއްޖޭގެ ގްރޫޕް ކަމަށެވެ.

މާލޭގައި ބޮޑެތި ފޭރުންތައް ހިންގާފައި ވަނީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އެގޮތުން ބީއެޗްއެމްގެ 2.3 މިލިއަން ރުފިޔާ ފޭރިގަތީ އެ ފައިސާ އެސްބީއައިއަށް ޖަމާކުރަން ދަނިކޮށް އެތަނުގެ ކުރިމަތިން އެވެ. އަދި މައްސަލަ މިފްކޯގެ ވޭނެއް ހުއްޓުވައި ޕެޕާ ސްޕްރޭ ޖެހުމަށް ފަހު އޭގައި ހުރި ދެ މިލިއަން ރުފިޔާ ފޭރުނީ ވެސް ހަމަ އެ މަހުގެ ތެރޭގަ އެވެ. މީގެ އިތުރުން ސިނގިރޭޓް ވިއްކާ ރޫޓް ފިހާރައިގެ ފައިސާތަކެއް ވެސް ހުޅުމާލެއިން ފޭރިގަތެވެ.

އެ މައްސަލައާ ގުޅިގެން ބައެއް މީހުން ހައްޔަރު ކުރި ނަމަވެސް، އެ ފައިސާތައް ހޯދިފައެއް ނުވެ އެވެ.