01 Sep 2019, 17:50
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ފުޓުބޯޅަ ދަނޑު އެޅުމުގެ ވައުދުތަކުގެ ތެރެއިން ޅ.ހިންނަވަރާއި ނ.ހޮޅުދޫ އަދި އެ އަތޮޅުގެ ކެނދިކުޅުދޫގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑެއް ހެދުމަށް ބޭނުންވާ "ސަބްބޭސް" އެޅުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ މިއަދު ހަވާލު ކޮށްފި އެވެ.
ޔޫތް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ރަސްމީކޮށް ދަނޑުތައް ހެދުމަށް ސިވެކާ ހަވާލުކޮށްފައިވާ އިރު ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް އެވެ. އަދި ސިވެކްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކާނަލް އަހްމަދު ޒުބައިރު އެވެ.

ތިން ރަށެއްގެ ދަނޑުގައި ސަބް- ބޭސް ހެދުމުގެ އެއްބަސްވުމުގައި ސިވެކާއި އެކު ސޮއެ ކުރުމަށް ޔޫތް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލވުމުގެ ތެރެއިން --- ފޮޓޯ// ޔޫތް މިނިސްޓްރީ
މިއަދުގެ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ދަނޑުތައް އެޅުމަށް ބޭނުންވާ ސަބްބޭސް އެޅުމުގެ މަސައްކަތް ސިވެކާ ހަވާލު ކުރަން ނިންމީ ކަނޑައެޅިފައިވާ ދުވަހަށް އެ މަސައްކަތް އެ ކުންފުނިން ނިންމާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އަދި މި ތިން ރަށުގެ ޕްރޮޖެކްޓަށް އަށް މިލިއަން ރުފިޔާ ޚަރަދުވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އަދި މި ސަބްބޭސް އަޅާ ނިމުނުހާ އަވަހަކަށް އެ ރަށްރަށުގެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.
"އަޅުގަނޑުމެނަށް ސިވެކުން އެބަ ޔަގީންކަން ދޭ މޫސުން ތަން ދޭ ގޮތަކުން އެއްބަސްވެވުނު ތާރީހަށް މަސައްކަތް ނިންމާނެ ކަމުގެ. ބޭނުންވަނީ ވީހާވެސް ފެންވަރު ރަނގަޅު ގޮތަކަށް މި މަސައްކަތް ކުރެވިގެން ދިއުން،" މަހްލޫފް ވިދާޅުވި އެވެ.
މީގެ އިތުރުން ސިވެކްގެ ބޭފުޅުން ރަށްރަށަށް ވަޑައިގަތުމުން މަސައްކަތައް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން އެ ރަށަކުން ދިނުމަށް މަހްލޫފް ވަނީ އެދިވަޑައިގެންފަ އެވެ.
ސިވެކްގެ ފަރާތުން ވާހަކަ ދެއްކެވި ކާނަލް ޒުބައިރު ވިދާޅުވީ ސަރުކާރުންދޭ އިތުބާރަށް ޝުކުރުއަދާ ކުރާ ކަމަށެވެ.
މީގެ ކުރިން ވެސް ސަރުކާރާއި ގުޅިގެން ކުރެވުނު މަސައްކަތްތައް ފަަދައިން އެ މަސައްކަތް ވެސް ވީ އެންމެ ފުރިހަމައަށް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިބޭފުޅުން ބޭނުންވާ ފެންވަރަކަށް އަދި ދުވަހަކަށް އެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން އަރުވަން،" ޒުބައިރު ވިދާޅުވި އެވެ.
މިއަދު މި އެއްބަސްވެވުނު ދަނޑުތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ ހިންނަވަރުގައި އެޅިގެން މިދާ ސްޓޭޑިއަމްގެ ސަބަބުން މުޅި އަތޮޅަށް ވެސް ފައިދާ ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އައިއޯއައިޖީގެ ފުޓުބޯޅަ އިވެންޓު މުޅި ރާއްޖޭގައި ބިނާ ކުރެވިފައިވާ ފެންވަރު ރަނގަޅު ދަނޑުތަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޖީހާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ވިދާޅުވީ ހޮޅުދޫގައި އެޅިގެން މިދާ ދަނޑުގެ ސަބަބުން ފުޓުބޯޅަ ކުރިއެރުވުމަށާއި ރަށުގެ ޒުވާނުންގެ މުސްތަގުބަލަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ވިދާޅުވީ ނ. އަތޮޅަކީ ފުޓުބޯޅައިގެ ފޯރި ވަރަށް ގަދަ އަތޮޅެއް ކަމަށެވެ. ހާއްސަކޮށް ކެނދިކުޅުދޫ އަކީ ފުޓުބޯޅަ ކުޅޭ ގިނަ ބަޔަކު ތިބި ރަށެއް ކަމަށާއި މެމްބަރެއްގެ ހައިސިއްޔަތުން ކުޅިވަރު ކުރިއެރުވުމަށް ސަރުކާރަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި އަންހެނުން ބޭނުން ކުރުމަށް ހާއްސަ އައުޓްޑޯ ޖިމްތައް އިތުރު ކުރުމަށާއި އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރާއިރު، އެފެދަ ކަންކަމަށް އިސްކަން ދިނުމަށް އީސާ ވަނީ ސަރުކާރުގެ ކިބައިން އެދިވަޑައިގެންފަ އެވެ.