ހައުސިން ޑިވެލޮޕްމެންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ފިކްސްޑް އިންކަމް ބޮންޑް ގަތުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިއީ އެ ކުންފުނިން ބޮންޑު ވިއްކާ ތިންވަނަ ފަހަރެވެ.

އެޗްޑީއެފްސީ އިން ބުނީ ބޮންޑު ވިއްކަން ހުޅުވާލާފައި ވަނީ އެކުންފުނިން ހިންގާ މޯގޭޖް ލޯނުތައް ދޫކުރުމަށް ފައިސާ ހޯދުމަށް ކަމަށެވެ. އެގޮތުން ގެދޮރު ގަތުމާއި ގެދޮރު އެޅުމަށް އަދި ގެދޮރު މަރާމާތު ކުރުމަށް ދޫކުރާ ލޯނަށް ފައިސާ ދޫކުރާނީ ބޮންޑު ވިއްކައިގެން ހޯދާ ފައިސާއިން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީއެފްސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ރަހީމާ ސަލީމް ވިދާޅުވީ އެކުންފުނީގެ ބޮންޑު ވިއްކުމަށް ޕްރޮސްޕެކްޓަސް އާންމުކޮށްފައިވާ ކަމަށާއި ސަބްސްކްރިޕްޝަނަށް ހުޅުވާލާނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ. ސަބްސްކްރިޕްޝަން ބަންދުވާނީ ނޮވެމްބަރު 12 ވަނަ ދުވަހު އެވެ.

ސަބްސްކްރިޕްޝަން މުއްދަތު ހަމަވާތާ މަސައްކަތު ފަސް ދުވަސްތެރޭ އެލޮޓްމެންޓް ކަންތައް ހަމަޖެހޭނެ ކަމަށް އެޗްޑީއެފްސީ އިން ބުންޏެވެ. އެކުންފުނިން މިފަހަރު ވިއްކަން ހަމަޖެހިފައި ވަނީ 80،000 ބޮންޑެވެ. އެއީ ބޮންޑެއް 1000 ރުފިޔާގެ މަގުން ޖުމްލަ 80،000،000 ރުފިޔާގެ ބޮންޑެވެ.

މި ބޮންޑުގެ މުއްދަތަކީ ބޮންޑު ދޫކުރާ ތާރީހުން ފެށިގެން 10 އަހަރެވެ. ކޮންމެ އަހަރަކު ދެފަހަރު ބޮންޑުގެ ހަތް ޕަސެންޓު ފައިދާގެ ގޮތުގައި ދޫކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ބޮންޑު ގަތުމުގެ ފުރުސަތު އާންމުންނަށާއި ވިޔަފާރިތަކަށް ވަނީ ހުޅުވާލައިފަ އެވެ.

އެޗްޑީއެފްސީ އިން ވަނީ 2013 އަދި 2018 ވަނަ އަހަރު ވެސް ބޮންޑު ވިއްކައިފަ އެވެ. ދެހާސް ތޭރަ ވަނަ އަހަރު ވިއްކި ބޮންޑުގެ ފައިދާ ދޫކޮށް ނިންމާފައިވާ އިރު 2018 ވަނަ އަހަރު ވިއްކި ބޮންޑުގެ ފައިދާ ދެ ފަހަރެއްގެ މަތިން ބަހާފައިވާ ކަމަށް ވެސް އެޗްޑީއެފްސީ އިން ބުންޏެވެ.

އެކުންފުނިން ބޮންޑު ވިއްކަން ހުޅުވާލި އިރު، އިސްލާމީ އުސޫލުގެ މަތިން ވިއްކާ ބޮންޑު (ސުކޫކު) ވިއްކަން ވެސް ވަނީ ހުޅުވާލައިފަ އެވެ.

އެޗްޑީއެފްސީއަކީ، 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން، ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު އުފެއްދި ކުންފުންޏެކެވެ. އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 ޕަސަންޓު ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރު އެވެ.

އެޗްޑީއެފްސީގެ 51 ޕަސަންޓު ހިއްސާގެ ވެރި ފަރާތްތަކަކީ، 18 ޕަސެންޓު ހިއްސާ އޮންނަ އިސްލާމިކް ފައިނެންސް ކޯޕަރޭޝަނާއި 18 ޕަސަންޓު ހިއްސާ އޮންނަ އޭޝިއަން ޑިވެލޮޕްމެންޓް ބެންކުގެ އިތުރުން، 15 ޕަސަންޓު ހިއްސާގެ ވެރި، އިންޑިއާގެ އެޗްޑީއެފްސީ އިންވެސްޓްމެންޓެވެ.