ތެހެރާން (ނޮވެމްބަރ 7) : އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދޭންޖެހިދާނެ ކަމަށްބުނެ އިސްރާއީލާއި އެމެރިކާ ދެމުންގެންދާ ހަރުކަށި އިންޒާރުތަކަށް އީރާނުގެ ރައީސް އަޙްމަދީ ނެޖާދް ގޮންޖައްސަވައި އެދެޤައުމުގެ ހަރުކަށިކަމަށް ތަޙައްދީ ކުރައްވައިފިއެވެ.

މިސްރުގެ "އަލްއަޚްބާރު" ނޫހަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި ނެޖާދް ވިދާޅުވީ އީރާނަށް ޙަމަލާދިނުމުގެ ޤާބިލްކަން އިސްރާއީލާއި އެމެރިކާއަށް ލިބިފައިވީ ނަމަވެސް އެދެޤައުމުންކުރެ އެއްޤައުމަކަށްވެސް އެކަން ކުރަންނުކެރޭނެ ކަމަށާއި ކުރަންނުކެރޭނެ ގިނަގުނަ ސަބަބުތަކެއް އެބަހުރި ކަމުގައެވެ. މެދުއިރުމަތީގައި ހަނގުރާމައާއި ތަޅާފޮޅުމުގެ ޢަމަލުތައް ހިންގަމުން ގެންދާ އެމެރިކާއާއި އިސްރާއީލުގެ ޢަސްކަރީ ބާރަށް ގޮންޖައްސަވަމުން ނެޖާދް ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދިނުމަކީ އިސްރާއީލާއި އެމެރިކާގެ ޒަމާންވީ ހަމައެކަނި ހުވަފެނެއްކަމަށާ އެހުވަފެން ދުވަހަކުވެސް ސީދާނުވާނެ ކަމުގައެވެ.

ނެޖާދް ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ އަދި ރޮކެޓް ޓެކްނޮލޮޖީގެ އިތުރުން ހަލުއިކަމާއެކު ކުރިއަރަމުންދާ އީރާނުގެ ސައެންސާއި ޓެކްނޮލޮޖީގެ ބާރާމެދު އެމެރިކާއާއި އިސްރާއީލު ވަރަށްބޮޑަށް ބިރުގަންނަ ކަމުގައެވެ. އީރާނަށް ޙަމަލާދީފިނަމަ އިސްރާއީލުގެ ނިއުކްލިޔަރ މަރުކަޒުތަކާއި މެދުއިރުމަތީގައިވާ އެމެރިކާއަށް ނިސްބަތްވާ އެއްވެސް އެއްޗެއް ސަލާމަތްނުވާނެކަން އެދެޤައުމަށް ކަށަވަރުވާ ކަމަށާއި އެހެންކަމުން އީރާނަށް ޙަމަލާދޭން އެދެޤައުމަށް ނުކެރޭނެކަމުގެ ފުރިހަމަ ޔަގީންކަން ޖާސޫސީގޮތުންނާއި އެނޫންގޮތްގޮތުން އީރާނަށް ލިބިފައިވާ ކަމަށް ނެޖާދް ވިދާޅުވިއެވެ.

ނެޖާދް އިތުރަށްވިދާޅުވީ އީރާނަށް އިސްލާމީ އިންޤިލާބު އައުމަށްފަހު މިވީ 33 އަހަރު ތެރޭގައި އީރާނާދެކޮޅަށް އިސްރާއީލާއި އެމެރިކާ ބިރުނުދައްކާ އެންމެ ދުވަހެއްވެސް ނުދާކަމަށާ ނަމަވެސް އީރާނަށް ކުޑަވެސް ގޯނާއެއްކޮށްލަން ފާއިތުވެދިޔަ ދިގުމުއްދަތުގައި އެދެޤައުމަށް ކެރިފައިނުވާ ކަމުގައެވެ. އީރާނާ ކުޅެން ނުކެރުނުނަމަވެސް އިސްރާއީލާއި އެމެރިކާއިން ސަރަޙައްދުގެ އެތަށް ޤައުމަކަށް ހަމަލާދީ ހަނގުރާމަކޮށް ޢިރާޤުފަދަ ޤައުމުތައް ސުންނާފަތިކޮށްލާފައިވާ ކަމަށާ އެމެރިކާގެ އެންމެ ހަރުކަށި ރައީސްކަމުގެ ގޮތުގައި ސިފަކުރެވޭ ޖޯޖްޑަބްލިޔު ބުޝްއަށްވެސް އީރާނަށް ގޯނާކުރައްވަން ކެރިފައިނުވާކަމަށް ނެޖާދް ވިދާޅުވިއެވެ.

އިސްރާއީލުން މީގެހައެއްކަ ދުވަސްކުރިން ފެށިގެން ގެންދަނީ އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން ގާތްވެއްޖެކަމަށްބުނެ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭނެކަމުގެ ހަރުކަށި އިންޒާރުތަކެއް ދެމުންނެވެ. އީރާނަށް ޙަމަލާދޭންޖެހިދާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވަމުން ގެންދަވާ ޔަހޫދީ ލީޑަރުންގެ ތެރޭގައި އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އާއި ދިފާޢީ ވަޒީރު އިހޫދް ބަރާކް ގެ އިތުރުން އިސްރާއީލުގެ ރައީސް ޝަމްޢޫން ޕެރޭޒް ވެސް ހިމެނެއެވެ. ދުރުތަންތަނަށް ހަމަލާދިނުމުގެ ތަމްރީންތަކެއްވެސް މީގެ ދެހަފްތާކުރިން އިސްރާއީލުގެ ވައިގެ ސިފައިން ހަދާފައިވާކަމަށް އިސްރާއީލު ބުނަމުން ގެންދެއެވެ.

އިސްރާއީލަކީ އާދަޔާޚިލާފު ވަރުގަދަ ޢަސްކަރީ ބާރެއްކަމަށް ކުރިން ބެލެވިފައިވީ ނަމަވެސް މީގެހައެއްކަ އަހަރުކުރިން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާ ދެކޮޅަށާއި 2008 ވަނަ އަހަރު ފަލަސްތީނުގެ ޙަމާސް ޖަމާއަތާ ދެކޮޅަށް އިސްރާއީލުކުރި ހަނގުރާމައިގާ އިސްރާއީލުވަނީ ލަދުވެތި ގޮތަކަށް އެދެޖަމާއަތުގެ އަތްދަށުން ބަލިވުމުން އިސްރާއީލުގެ ޢަސްކަރީ ޤާބިލްކަމާމެދުވަނީ ސުވާލު އުފެދިފައެވެ.

ޚާއްސަކޮށް ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލުގެ ރަށްތަކަށް 10 ހާހެއްހާ ރޮކެޓް ފޮނުވާލިއިރު އެއިން އެއްވެސް ރޮކެޓެއް މަތަނުކުރެވުމުގެ އިތުރުން ހިޒްބުﷲ ގެ ޙަމަލާތަކުގައި އިސްރާއީލުގެ ސިނާޢީ ބައެއްމަރުކަޒުތައް ފުނޑުފުނޑުވެ ބައެއްރަށްތައް ފަޅުވެ އެތަށްސަތޭކަ ސިފައިންނެއް މަރުވެދިޔުމުން އިސްރާއީލުގެ ސިފައިންނާއި ރައްޔިތުން ސިހި ފުރަތަމަ ފަހަރަށް ހަނގުރާމައެއްގައި ޢަރަބިންގެ އަތުން ބަލިވިކަމުގެ އިޙްސާސް އިސްރާއީލު ކުރަންޖެހުނެވެ.

2005 ގައި ޙިޒްބުﷲ އާ ދެކޮޅަށް އިސްރާއީލުން ފެށި ހަނގުރާމަ އެންމެ ފަހުން ހުއްޓާލަން އިސްރާއީލަށް މަޖްބޫރުވީ އިސްރާއީލުގެ އެއްވެސް މަޤްސަދެއް ޙާސިލްނުވެ ނިކަމެތިވެގެންވާ ޙާލަތުގައި ޙިޒްބުﷲ އިން ހުށަހެޅި ޝަރުތުތައް ޤަބޫލުކޮށްގެންނެވެ. މިމައްސަލާގައި އިސްރާއީލުގެ އޭރުގެ ދިފާޢީ ވަޒީރު ބެންޖަމިން ބެންއެލިއާޒަރާއި ޗީފް އޮފް ސްޓާފް ޖެނެރަލް މޯޝޭ ޔުއާލޫންވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އަދި 2008 ވަނައަހަރު ފަލަސްތީނުގެ ހަމާސް ޖަމާޢަތާ ދެކޮޅަށް އިސްރާއީލުކުރި ހަނގުރާމަވެސް މަޤްސަދް ޙާސިލްނުވެ އަދި ޙަމާސްގެ މައްޗަށް އެއްވެސް ކާމިޔާބެއް ނުހޯދި ހުއްޓާލަންޖެހުމުން އިސްރާއީލުގެ ރައްޔިތުންނަށާއި ވެރިންނަށް ވަނީ ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައެވެ.

އީރާނުގެ ޕާލަމެންޓްގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީގެ މެންބަރު އިސްމާޢީލް ކައުޘަރީ މިއަދު ވިދާޅުވީ އީރާނަށް ޙަމަލާދޭން އިސްރާއީލަށް ނުކެރޭނެ ކަމަށާއި އެއަށްވުރެ އިސްރާއީލު އެކަހެރިވެ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާކަމުުގައެވެ. އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދޭނެކަމަށްބުނެ އިސްރާއީލުން އިންޒާރުތައް ދިނުމުގެ އެއްބޭނުމަކީ އިސްރާއީލަކީ އަދިވެސް ބަލިނުކުރެވޭފަދަ ބާރުގަދަ ޤައުމެއްކަން ދުނިޔެއަށް ދެއްކުން ކަމަށާއި އަނެއްބޭނުމަކީ އިސްރާއީލުގެ ރައްޔިތުން އިސްރާއީލުގެ ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާ ކުރާމުޒާހަރާތަކާއި ހަޅުތާލުތަކުން ރެކެވޭނެ ގޮތެއް ހޯދައި ބޭރުގެ ދުޝްމަނެއްގެ ބިރު އިސްރާއީލުގެ ރައްޔިތުންނަށް ދައްކައިގެން އެމީހުންގެ ނަޒަރު އެހެންދިމާއަކަށް އަނބުރާލުން ކަމަށް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. އަދި އީރާނަށް ގޯނާއެއް ކޮށްފިނަމަ އިސްރާއީލު ވުޖޫދުން ފުހެލާވަރުގެ ޙަމަލާތަކެއް އީރާނުންދޭނެ ކަމަށްވެސް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

އަރަބި ޤައުމުތަކަށް އަންނަމުންދާ ރައްޔިތުންގެ އިންޤިލާބުތަކާގުޅިގެން އެމެރިކާގެ ކޮންޓްރޯލްެގެ ދަށުގައިވާ ޢަރަބި ވެރިންގެ ވެރިކަމުގެ ނިޒާމްތައް ވެއްޓެމުންދާތީ އިސްރާއީލުވަނީ ބިރުވެރިކަމާއި ނުތަނަވަސްކަމެއްގެ ތެރޭގައިކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުން މެދުއިރުމަތީގައި އެމެރިކާގެ ބަރާއި ނުފޫޒުކުޑަވެ ޢިރާޤުންވެސް އެމެރިކާ ފައިބައިގެންދާތީއާއި އދ. ގެ މެންބަރުކަން ހޯދުމަށް ފަލަސްތީނުން ކުރަމުންގެންދާ މަސައްކަތްތަކަށް ދުނިޔޭގެ ގިނަޤައުމުތަކުގެ ތާއީދު ލިބެމުންދާތީ އިސްރާއީލުން އެކަހެރިކަމާއި އެކަނިވެރިކަން އިޙްސާސްކުރަމުން ގެންދާ ކަމަށް މުޙައްލިލުން ވިދާޅުވެއެވެ. (އަލްޖަޒީރާ+މީޑިޔާ ރިޕޯޓްތައް)