01 Sep 2019, 12:46
ގޭގައި ތިބެގެން އާމްދަނީ ނުލިބޭގޮތަށް އަންހެނުން ކުރާ މަސައްކަތްތައް ބަލައިނުގަންނަ ކަމަށާއި އެއީ ގޮންޖެހުމެއް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
ސައުތު އޭޝިއާ ވިމެންސް ނެޓްވޯކް (ސްވޯން) ކޮންފަރެންސްގެ އިފުތިތާހީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ އަންހެނުން ގޭގައިތިބެގެން އަމްދަނީއެއްވެސް ނުލިބި ކުރާ މަސައްކަތްތައް ބަލައި ނުގަންނަ ކަމަށެވެ. އެގޮތުން ކުދިންބެލުމާއި ކެއްކުން، ފޮޅާ ސާފުކުން ފަދަ މަސައްކަތްތަކަކީވެސް މަސައްކަތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ،، މި މަސައްކަތްތައް ނުހިނގާ ނަމަ، މުޖުތަމައުގެ ހިނގުން ހުއްޓި، އިގްތިސާދު ފުނޑުފުނޑުވެގެން ދާނެ ކަމަށެވެ.
މި ފަހުން ރާއްޖޭގައި ކުރެވުނު ސާވޭއެއްގައި އުޖޫރަ ލިބިގެންނާއި އުޖޫރަ ނުލިބި ކުރާ މަސައްކަތްތައް އެއްކޮށްލުމުން، ފިރިހެނުންނަށް ވުރެ ގިނަ ވަގުތު އަންހެނުން މަސައްކަތުގައި މަސްއޫލުވެގެން އުޅޭ މިންވަރު އިތުރުކަން ހާމަވެފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ޕެޓާނިޓީ ލީވްއަކީ ގޭތެރޭގެ މަސައްކަތްތައް ކުރުމުގައި އޮތް ތަފާތު ކުޑަކުރުމަށާއި ވަޒީފާ އާއި އާއިލާއަށް ވަގުތު ހޯދުމުގައި ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ތައާރަފުކުރެވުނު ސިޔާސަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިންތީގެ ހަމަހަމަ ކަން ގާއިމުކުރުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށް، އަދި އަންހެނުންގެ ބައިވެރިވުން އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން އިތުރުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ޖެންޑާ މިނިސްޓަރު ދެއްވި އެވެ.
އޮގަސްޓު މަހުގެ 30 އިން ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރު ޝިދާތާ އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ނިއު ދިއްލީގައި ކުރިއަށް ދާ ސްވޯންގެ 10 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވާނެ އެވެ. މީގެ އިތުރުން މަދްޔަ ޕްރަދޭޝްގެ ސިޓީއެއް ކަމުގައިވާ ޖަބަލްޕޫރްގައި މަދްޔަ ޕްރަދޭޝް އެސޯސިއޭޝަން އޮފް ވިމެން އޮންޓަރޕްރިނިއާސް (އެމް.އޭ.ވީ.އީ)އިން ސެޕްޓެމްބަރު މަހުގެ ހަޔަކުން ހަތަކަށް ކުރިއަށް ގެންދާ ސަސްޓެއިނަބަލް ގްރޮތު އޮފް ވިމެން އޮންޓާޕްރިނިއަރސް އެންޑް އެކްސްޕޯޓް ޕްރޮމޯޝަން (ސްވީޕް) 2019 އިވެންޓުގައި ވެސް މިނިސްޓަރު ބައިވެރިވާނެ އެވެ.
މި އިވެންޓުގައި ރާއްޖޭގެ 21 މެންބަރުގެ މައްޗަށް އެކުލެވިގެންވާ އަންހެނުންގެ ވަފުދެއް ހިމެނޭ އިރު، މި ވަފުދުގެ އެންމެ އިސް ފަރާތަކަށް ހުންނަވާނީ ޖެންޑާ މިނިސްޓަރެވެ.