01 Sep 2019, 11:26
ޑީސީ ކޮމިކްސްގެ މަޝްހޫރު ކެރެކްޓަރ ކަމަށްވާ "ޖޯކަރ" އަލުން ސްކްރީނަށް ނެރެން ތައްޔާރުވެއްޖެއެވެ. އާ ޖޯކަރުގެ ރޯލުން ފެނިގެންދާ ހުވާކީން ފީނިކްސްގެ ހުނަރުތައް ފެނިގެންދާ މަންޒަރުތަކާއެކު އޭނާއަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބެން ފަށާފައެވެ.
އެންމެ ކަމުދާ "ޖޯކަރ" އަކީ ކާކުތޯ އަހައިފިނަމަ ގިނަ ބަޔަކު ބުނާނީ އެއީ ކުރީގެ އެކްޓަރު ހީތު ލެޖާ ކަމަށެވެ. ނަމަވެސް އާ ޖޯކަރގެ ޓްރެއިލާއަށްފަހު ގިނަ ބަޔަކު ބުނާގޮތުގައި ހުވާކީންއަކީ އެންމެ ވަރުގަދަ ޖޯކަރގެ މަގާމަށް ވާދަކުރާނެ ފަންނާނެކެވެ.
ޖޯކަރގެ ކެރެކްޓަރު ވަނީ މީގެ ކުރީން އެކި ކަހަލަ ގޮތްތަކަށް ބޮޑު ސްކްރީނަށް ގެނެސްފައެވެ. އެ ރޯލުން ފެނިގެންގޮސްފައިވާ އެހެން ފަންނާނުންގެ ތެރޭގައި ޖޭރެޑް ލީޓޯއާއި ސީޒާ ރޮމޭރޯ ހިމެނެއެވެ.
އާ ޖޯކަރ ފިލްމަކީ ސައިކޮލޯޖިކަލް ތްރިލާއެކެވެ. ޖޯކަރ ކެރެކްޓަރަށް ހާއްސަކޮށްގެން ނެރޭ އެ ފިލްމު އެމެރިކާގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގައެވެ. އެހެންނަމަވެސް، ވެނިސްގައި ކުރިއަށްދާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި އެ ފިލްމު ވަނީ ރޭގައި އަޅުވާފައެވެ.
ފިލްމު ބެލި ފަރާތްތަކުން ބުނާގޮތުގައި ފީނިކްސްގެ އެކްޓިން ހުނަރަށް އޮސްކާ ލިބުން ހައްގެވެ.
ޖޯކަރ ފިލްމުން ފެނިގެންދާ އިތުރު ފަންނާނުންގެ ތެރޭގައި ޒެޒީ ބީޓްޒް އާއި ރޮބާޓް ޑިނެއިރޯ އަދި މާކް މަރޯން ހިމެނެއެވެ.