ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ރާއްޖޭގައި މުޅިން އާ ތިން ރިސޯޓެއް ހުޅުވައިފި އެވެ.

މިއަދު ރަސްމީކޮށް ހުޅުވި ތިން ރިސޯޓަކީ މާލޭގެ ދެކުނުން އޮންނަ އެނބޫދޫފަޅު ހިއްކައިގެން ހިންގާ "ކްރޮސްރޯޑްސް މޯލްޑިވްސް" މަޝްރޫއުގެ ދަށުން ދެ ރަށެއްގައި ހެދި ދެ ރިސޯޓަކާއި، ރ. އަތޮޅުގައި ހުޅުވި ރިސޯޓެކެވެ.

އެނބޫދޫފަޅުގައި މިއަދު ހުޅުވީ ހާޑް ރޮކް ހޮޓެލްގެ އިތުރުން ސައި ލެގޫން މޯލްޑިވްސް ބައި ހިލްޓަން އެވެ.

ހިލްޓަން ބްރޭންޑުގެ ކިއުރިއޯ ކަލެކްޝަނުގެ ދަށުން ހުޅުވި ސައި ލެގޫން މޯލްޑިވްސްއަކީ ޒަމާނީ ސްޓައިލަކަށް ހަދާފައިވާ ތަނެކެވެ. އެ ރިސޯޓުގައި އެކި ފަންތީގެ 198 ވިލާ ހުރެ އެވެ. އަދި ފުޑް އެންޑް ބެވެރެޖްގެ ފަސް އައުޓްލެޓް ހުރެ އެވެ. މި ރިސޯޓު ޑިޒައިންކުރީ މަޝްހޫރު ރިސޯޓު ޑިޒައިނަރު ބިލް ބެންސްލީ އެވެ.

އެނބޫދޫފަޅުައި ހުޅުވި ހާޑޤ ރޮކް --- ފޮޓޯ: ހާޑްރޮކް މޯލްޑިވްސް، ފޭސްބުކް

ތައިލެންޑުގެ ސިންހަ އެސްޓޭޓް ކުންފުނިން ތަރައްގީކުރާ އެނބޫދޫފަޅުގައި ދެން ހުޅުވި ރިސޯޓަކީ މިއުޒިކް ތީމުގެ ރިސޯޓު ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އެވެ. ހާޑް ރޮކް ބްރޭންޑުގެ އެކި ފެސިލިޓީސް މި ރިސޯޓުގައި ހުންނަ އިރު، އެ ބްރޭންޑުގެ މަގުބޫލު ހާޑްރޮކް ކެފޭއެއްވެސް އެތަނުގައި ހުރެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑް ލޯންޗުގައި 15 މިނެޓުން ދެވޭ ހިސާބުގައި ތަރައްގީކޮށްފައިވާ ހާޑް ރޮކް ރިސޯޓަނީ ޑެސްޓިނޭޝަން ވެޑިންތަކަށްވެސް ކަމުދާނެ ރިސޯޓެކެވެ. މި ރިސޯޓުގައި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބެއްގެ އިތުރުން ޒުވާނުންނާއި ފުރާވަރުގެ ކުދިންނަށް ކަމުދާނެ ހަރަކާތްތަކާއި އާއިލާތަކަށް ކަމުދާނެ ހަރަކާތްތައްވެސް ހުންނާނެއެވެ.

ރ. މާމުނަގައުގައި ހުޅުވި އިންޓަކޮންޓިނެންޓަލް މޯލްޑިވްސް ---

މިއަދު ހުޅުވި ތިންވަނަ ރިސޯޓަކީ ރ. މާމުނަގައުގައި ހުޅުވި އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓެވެ. މިއީ 81 ވިލާ ހުންނަ ރިސޯޓެކެވެ.

މި އަހަރުގެ އޯގަސްޓް މަހު ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން ތަފާސް ހިސާބުތަކުން ފެންނަން އޮތް އިރު، ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

މި އަހަރުގެ ތެރޭގައި ގިނަ ރިސޯޓުތަކެއް ހުޅުވާފައިވާ އިރު، މިހާތަނަށް ރާއްޖޭގައި ހުޅުވާފައިވާ ރިސޯޓުގެ އަދަދު 144 އަށް ވުރެ މައްޗަށް އަރައެވެ.