07 Nov 2011, 21:32
މި މަހުގެ 10ގައި އައްޑޫ ސިޓީގައި ބާއްވާ 17 ވަނަ ސާކް ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ ވެރިން މާދަމަ އިން ފެށިގެން އައްޑޫ ސިޓީ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ މާދަމާ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ގަމަށް އަރާ ފޭބުމުގެ ހުއްދަ ވަކިބަޔަކަށް ދޭ ގޮތަށް ފުލުހުން ހަމަޖައްސައިފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގަމަށް އަރާފޭބުމުގެ ހުއްދަ ދެވޭނީ ގަމުގައި ވަޒީފާ އަދާ ކުރާ މީހުންނަށާއި ގަމަށް އަރާ ފޭބުމުގެ ހުއްދަ ދެވިފައިވާ ފަރާތްތަކާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވައިގެ މަގުން ދަތުރު ކުރައްވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
ފުލުހުން ބުނީ އެގޮތަށް ހަމަޖެއްސީ ސާކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އައްޑޫ ސިޓީ އަށް ވަޑައިގަންނަވާ ގައުމުތަކުގެ ވެރިންނަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ކަމަށެވެ.