ދިއްލީ (ސެޕްޓެމްބަރު 1): އިންޑިއާގެ އައްސާމް ސްޓޭޓުގެ ރަށްވެހިންގެ ލިސްޓުން ގާތްގަނޑަކަށް ދެ މިލިއަން މީހުންގެ ނަން އުނިކޮށްފި އެވެ.

އިންޑިއާގެ ނެޝަނަލް ރެޖިސްޓާ އޮފް ސިޓިޒެންސް (އެންއާރުސީ)އިން އިއްޔެ އާއްމު ކުރި އައްސާމްގެ ރަށްވެހިންގެ ލިސްޓުގައި އެސްޓޭޓުގައި ދިރިއުޅޭ 31.1 މިލިއަން މީހުންގެ ނަން ހިމަނާފައިވާ އިރު، 1.9 މިލިއަން މީހެއްގެ ނަން ހިމަނާފައި ނުވެ އެވެ.

އައްސާމްގެ ސަރުކާރުން ބުނި ގޮތުގައި އެ ލިސްޓު ހަދާފައި ވަނީ "އެއް އަހަރު ދުވަހުގެ މަސައްކަތުން، ވަކި ކޮޅަކަށް ނުޖެހި، ވަރަށް ދެފުށް ފެންނަ" ގޮތަކަށެވެ. އެލިސްޓު ހެދުމުގެ ބޭނުމަކީ ލިޔެކިޔުންތަކާ ނުލައި، ގަވާއިދާ ހިލާފަށް އަވަށްޓެރި ބަންގުލަދޭޝްއިން އައްސާމަށް ގޮސްފައިވާ މީހުން ހޯދާ، އެމީހުން ޑީޕޯޓު ކުރުމެވެ.

ނަމަވެސް ސަރުކާރަށް ފާޑު ކިޔާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެލިސްޓުގެ މަގުސަދަކީ އައްސާމްގެ އާބަދީގެ ތިންބައިކުޅަ އެއްބައި ހިއްސާ ކުރާ މުސްލިމުންގެ ތެރެއިން ގިނަ މީހުން ޑީޕޯޓު ކުރުމެވެ.

އެލިސްޓުގައި އިންޑިއާގެ ރައްޔިތުންގެ ގޮތުގައި ހިމަނާފައި ވަނީ 24 މާޗް 1971ގެ ކުރިން އައްސާމްގައި ދިރިއުޅުނުކަން ސާބިތު ކުރެވޭ މީހުންގެ ނަންތަކެވެ. އެތާރީހަކީ ބަންގުލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމަ ފެށުމުން ގިނަ އަދަދެއްގެ ރެފިއުޖީން އިންޑިއާއަށް ދާން ފެށި ތާރީހެވެ.

މިދިޔަ އަހަރު އެންއާރުސީން ނެރުނު އެލިސްޓުގެ ޑްރާފްޓުގައި ހަތަރު މިލިއަން މީހުންގެ ނަން ހިމަނާފައި ނުވެ އެވެ. އޭގެ ސަބަބުން އޭރު އޮތީ ހަތަރު މިލިއަން މީހުންގެ ރަށްވެހިކަން ގެއްލިދާނެ ކަމުގެ ބިރު ހީވެފަ އެވެ.

ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ހަދާފައިވާ އެލިސްޓުގައި ނުހިމެނޭ މީހުންނަށް އެމީހުންނަކީ ރަށްވެހިންކަން އައްސާމްގެ ފޮރިނާސް ޓްރައިބިއުނަލްތަކުގައި ސާބިތުކޮށްދޭން 120 ދުވަސް ލިބޭނެ އެވެ. އަދި އެމީހުންނަކީ ރަށްވެހިންތޯ އެޓްރައިބިއުނަލްތަކުން ހަ މަސް ތެރޭ ނިންމަން ޖެހޭނެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ވަނީ ރަށްވެހިންގެ ލިސްޓުގައި ނުހިމެނޭ މީހުން ޖަލަށްލާ، ޑީޕޯޓުކޮށްފާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ވޯޓު ދިނުން ފަދަ މަދަނީ ހައްގުތަކުން އެމީހުން މަހުރޫމު ވެދާނެ ކަމަށް ބުނެފަ އެވެ.

މީގެ ކުރިން އައްސާމްގެ ސަރުކާރުން ވަނީ ގާނޫނާ ހިލާފަށް އެތެރެވެފައިވާ މީހުންނަށް ހާއްސަކޮށް އެސްޓޭޓުގައި މިހާރު ހަދާފައިވާ ހަ ގައިދުހާނާގެ އިތުރުން 10 ގައިދުހާނާ އަދި ހަދާނެ ކަން އިއުލާންކޮށްފަ އެވެ.

މިދިޔަ ޖެނުއަރީ މަހު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއިން ވަނީ ބަންގުލަދޭޝް އާއި ޕާކިސްތާނާއި އަފްގާނިސްތާނުން އިންޑިއާއަށް ލިޔެކިޔުންތަކާ ނުލާ ދިޔަ، އިސްލާމް ދީން ނޫން އެހެން ދީންތަކަށް ތަބާވާ މީހުންނަށް ރަށްވެހިކަން ދޭން ހަދާފައިވާ ބިލެއް ފާސްކޮށްފަ އެވެ.

އިންޑިއާގައި ވެރިކަން ކުރާ ހިންދޫ ވަތަނީ ފިކުރުގެ ބީޖޭޕީއަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެގާނޫނު ހެދީ، އެންއާރުސީގެ ލިސްޓުގައި ހިމަނާފައި ނުވާ ހިންދޫންނަށް އިންޑިއާގެ ރަށްވެހިކަން ދިނުމަށް ކަމަށް ތުހުމަތުކޮށްފަ އެވެ.