01 Sep 2019, 11:42
ޓެކްސަސް (ސެޕްޓެމްބަރު 1) : އެމެރިކާގެ ޓެކްސަސްގެ އޮޑިއްސާ އާއި މިޑްލެންޑްގައި ގޮތެއްފޮތެއް ނުބަލައި ބަޑިން ޙަމަލާތަކެއްދީ ހަ މީހަކު މަރާލައި 20 މީހުން ޒަޚަމްކޮށްލައިފި އެވެ.
ޓެކްސަސްގެ ފުލުހުން ބުނާ ގޮތުން ހަމަލާދިނީ ކާރެއްގައި ދިޔަ ހަތިޔާރުއެޅި މީހެކެވެ. އެމީހާ ކާރުގައި ދިޔައީ ގޮތެއްފޮތެއް ނުބަލައި އާންމުންގެ ގަޔަށް ބަޑިޖަހަމުން ކަމަށާއި ނަމަވެސް ފުލުހުން ދިން ރައްދު ހަމަލާތަކުގައި ހަތިޔާރު އެޅި މީހާ މަރުވި ކަމަށް ފުލުހުން ބުނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ހަތިޔާރުއެޅި މީހާ ދުއްވި ކާރަކީ އެ ސްޓޭޓްގެ ޕޯސްޓް އޮފީހުގެ ކާރެކެވެ. އެކާރު އަތުލައިގަތީ ގަދަކަމުންނެވެ. ބަޑީގެ ހާދިސާގައި ޒަޚަމްވި 20 މީހުންގެ ތެރެއިން ފަސް މީހުންގެ ހާލަތު ވަރަށް ސީރިއަސްކަމަށް ޚަބަރުތައް ބުނެ އެވެ.
އަނެއްކޮޅުން އެމެރިކާގެ އެހެން ސްޓޭޓޭއްކަމަށްވާ އަލަބާމާގެ މޮބީލް ސިޓީގައި ވެސް އިއްޔެ ވަނީ މި ބާވަތުގެ ބަޑީގެ ހަމަލާތަކެއް ދީ 10 މީހުން ޒަޚަމްކޮށްލައިފަ އެވެ. އަލަބާމާގެ މޮބީލް ސިޓީގައި ބަޑީގެ ހަމަލާތައްދިނީ ފުޓްބޯޅަ ސްޓޭޑިއަމް އެއްގައި ބަޑި ހިފައިގެން ހުރި މީހެކެވެ. އެމީހާ ދިން ހަމަލާތަކުގައި 10 މީހުން ޒަޚަމްވެފައިވާ އިރު އޭގެތެރެއިން ފަސް މީހުންގެ ގަޔަށް ވަޒަންއަރާފައި ވަނީ ހަށިގަނޑުގެ ނާޒުކު ތަންތަނަށް ކަމަށާއި އެކަމުގެ ސަބަބުން އެމީހުންގެ ހާލަތު ސީރިއަސްކަމަށް ރިޕޯޓްތައް ބުނެ އެވެ. ބަޑި ހިފައިގެން ހުރި މީހާ އަލަބާމާގެ ފުޓްބޯޅަ ސްޓޭޑިއަމްގައި ހަމަލާދިނީ މޮބީލް ސިޓީގެ ސެކަންޑްރީ ދެ ސްކޫލެއްގެ ފިރިހެން ދަރިވަރުންގެ މެދުގައި ވާދަވެރި ފުޓްބޯޅަ މެޗެއް ކުޅެމުންދިޔަ ވަގުތެއްގަ އެވެ.
އެމެރިކާގައި ބަޑިގެންގުޅޭ ބައެއްމީހުން ގޮތެއްފޮތެއް ނުބަލައި ދޭ ބަޑީގެ ހަމަލާތަކުގައި ކޮންމެ އަހަރަކު އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ހާސް ބަޔަކު ޒަޚަމްވެ އެވެ. ނަމަވެސް ބަޑިގެންގުޅުން ހުއްޓުވުމަށް ޓަކައި ގާނޫނެއް ފާސްކުރުމުގެ ކަންތައް މުއްސަނދިންގެ ބާރާއި ނުފޫޒުގެ ސަބަބުންވަނީ ކުރެވޭނެގޮތް ނުވެފަ އެވެ. (ނޫސްއެޖެންސީތައް)