މަދުން ނަމަވެސް ވެމްކޯގެ މުވައްޒަފުންނަށް އަނިޔާއާއި ފުރައްސާރަ ކުރިމަތިވަމުންދާ ކަމަށް އެކުންފުނިން ބުނެފި އެވެ.

ވެމްކޯގެ މުވައްޒަފަކަށް މަގުމަތިން ހަމަލާދީ އަނިޔާ ކޮށްފައިވާ ވީޑިއޯއެއް މިއަދު ވަނީ ޝޯޝަލް މީޑިއާގައި ދައުރުވެފައެވެ.

އެކަމާ ގުޅިގެން މިރޭ ވެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުންފުނީގެ ރައުސުލްމާލަކީ، އަބަދުވެސް ކުންފުނީގެ މުވައްޒަފުން ކަމަށާއި ރައްޔިތުންނަށް ސާފުވެއްޓެއް ޔަގީން ކުރުމަކީ، ކުންފުނީގެ މުވައްޒަފުންގެ އެންމެ މާތް މަގުސަދު ކަމަށެވެ.

"މުވައްޒަފުން މެދުނުކެނޑި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ ތެރެއިން، މަދުން ނަމަވެސް މުވައްޒަފުންނަށް އަނިޔާކުރުމާއި ފުރައްސާރަކުރުމުގެ އަމަލުތައް ހިނގަމުންދާކަން ހިތާމައާއެކު ފާހަގަ ކުރަން،" ވެމްކޯ ގެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ، މުވައްޒަފުންނަށް އަނިޔާކޮށް ފުރައްސާރަ ކުރުމަކީ އެ ކުންފުނިން އެއްވެސް ހާލަތެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، މައްސަލަ ބަލަމުންދާނެ ކަމަށް އެ ބަޔާނުގައި ބުނެއެވެ.

ވެމްކޯގެ މުވައްޒަފަކަށް އާންމު މީހަކު ހަމަލާދިން މައްސަލަ ފުލުހުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.