ބިދޭސީ މީހެއްގެ އެކައުންޓުން 1،600 ރުފިޔާ ވަގަށް ނެގި މައްސަލައިގައި 28،800 ރުފިޔާއިން ދިވެއްސަކު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުހައްމަދު ރަޝީދު، ސެލްޓަން، ސ.ހުޅުދޫ ގެ މައްޗަށް ދައުލަތުން ދައުވާ ކުރީ 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބަންގްލަދޭޝް މީހެއް ކަމަށްވާ ބަޝީދު އަހުމަދުގެ އެކައުންޓުން 1،600 ރުފިޔާ ވަގަށް ނެގި މައްސަލައެއްގަ އެވެ. އޭނާ އެރުފިޔާ ވަގަށް ނަގާފައިވަނީ ބީއެމްއެލްގެ މަޖީދީ މަގު ބްރާޗުން ބަޝީރު އަހުމަދުގެ ކާޑު އޭނާއަށް ނޭންގި ބޭނުންކޮށްގެން ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

އެމައްސަލަ ނިންމައި މިދިއަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މުހައްމަދު ރަޝީދު، ބަޝީރު އަހުމަދުގެ އެކައުންޓުން 1،600 ރުފިޔާ ވަގަށް ނެގިކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.

މުހައްމަދު ރަޝީދު 28،800 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާނޫނުލްއުގޫބާތުގެ 210 ވަނަ މާއްދާގެ (ށ) ގެ ހަތަރުވަނަ ނަމްބަރާއި ހަމަ އެގާނޫނުގެ 1002 ވަނަ މާއްދާގެ (ހ) އަދި 1005 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

ގާނޫނުލްއުގޫބާތުގެ 210 ވަނަ މާއްދާގެ (ށ) ގެ ހަތަރުވަނަ ނަމްބަރުގައި ބުނެފައިވަނީ މީހާ ކުރި ވައްކަމަކީ 500 ރުފިޔާއަށް ވުރެ މުދަލުގެ އަގުގެ ގޮތުން މަތީ ވައްކަމެއް ނަމަ އެ ކުށަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

ޖުނަހުގެ އެއްވަނަ ދަރަޖައިން އެންމެ ދަށް މިންގަނޑުން އެއްމަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އައި ނަމަވެސް ގާނޫނުލްއުގޫބާތުގެ 1005 ވަނަ މާއްދާގެ (ހ)ގެ ދަށުން އިބްރާހިމް ރަޝީދުގެ މައްޗަށް އައި ޖަލު ހުކުމް ޖޫރިމަނާއަކަށް ވަނީ ބަދަލުކޮށްފަ އެވެ.

ގާނޫނުލްއުގޫބާތުގެ 1005 ވަނަ މާއްދާގެ (ހ)

  • އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ ޖުމްލަ މުއްދަތަށް ވުރެ އިތުރުނުވާ ގޮތުގެ މަތިން ތަފާތު އެކިއެކި ބާވަތްތަކުން އަދަބު ކަނޑައެޅުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

މިދިއަ އާދިއްތަ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތެއް އެފައިސާ ދެއްކުމަށް މުހައްމަދު ރަޝީދަށް ވަނީ ދީފަ އެވެ. ފައިސާ ދައްކަން ޖެހެނީ މީރާ އަށެވެ.