31 Aug 2019, 22:32
ފްލޮރިޑާ (އޮގަސްޓް 31): ކެރީބިޔަން ސަރަހައްދުގެ އުތުރުގައި އުފެދިފައިވާ ތޫފާން "ޑޯރިއަން" އަކީ މިހާތަނަށް ދުނިޔެ ދެކޭ އެންމެ ބާރުގަދަ އެއް ނަގޫރޯޅިއަށް ވެގެން ހިނގައިދާނެކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ދިރާސާ މަރުކަޒެއް ކަމަށްވާ "ނެޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން" (އެންއޯއޭއޭ) އިން ބުނެފި އެވެ.
އެ އިދާރާއިން ބުނީ "ޑޯރިއަން"އަށް އަންނަމުންދާ ބަދަލުތައް ވަރަށް ގާތުން ބަލައި ދިރާސާކުރަމުން ގެންދާކަމަށާއި އެ ތޫފާން، އެމެރިކާގެ ފްލޮރިޑާ ގެ އައްސޭރި ފަށާ ދިމާއަށް ދަތުރު ކުރަމުން ދަނީ ގަޑީއަކު 110 މޭލަށްވުރެ ބާރުމިނެއްގައި ކަމަށެވެ. މޫސުމާބެހޭ އެމެރިކާގެ ފެޑްރަލް އިދާރާއިން ލަފާކޮށްފައިވަނީ ހޯމަދުދުވަހުގެ ވަގުތެއްގައި "ޑޯރިއަން" ފްލޮރިޑާ ގެ އިރު އުތުރުގެ ސަރަހައްދުތަކަށް އަރާނެކަމަށް ލަފާކޮށްފައެވެ. އެއްގަމަށް އެރުމާއެކު އެތޫފާނުގެ ބާރުމިނަށް ބަދަލުތަކެއް އައުން ގާތްކަމަށް އެ އިދާރާއިން ބުނެއެ ވެ.
ތޫފާން "ޑޯރިއަން" އަރާނެ ކަމަށް ބެލެވޭ ސަރަހައްދު ތަކުނާއި އޭގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ފްލޮރިޑާގެ ސަރަހައްދުތަކުގެ އާންމުން ވަނީ ރައްކާތެރި ތަންތަނަށް ދިޔުމުގެ ދަތުރުތައް ފަށާފައެވެ. ފްލޮރިޑާގެ ސަރުކާރުން މިކަމުގެ އިންތިޒާމުތައް ހަމަޖައްސާއިރު އެ ސްޓޭޓްގެ ލޯކަލް ސަރުކާރުންވަނީ ކުއްލި ހާލަތު އިއުލާން ކޮށްފައެވެ.
ފްލޮރިޑާ އަކީ އެމެރިކާގައި އެންމެ ގިނައިން ތޫފާންތަކާއި ނަގޫރޯޅިތައް އަރާ އެއްސްޓޭޓެވެ. ފާއިތުވި ތިންއަހަރުވެސް ބާރުގަދަ އެތަށް ތޫފާނެއް ފްލޮރިޑާ އަށް އަރާފައިވެއެވެ. ނަމަވެސް "ޑޯރިއަން" އަކީ އާދަޔާ ޚިލާފު ބާރުގަދަ ތޫފާނަކަށް ވެދާނެ އިންޒާރު އެމެރިކާގެ ތޫފާންތަކާބެހޭ ދިރާސާތައްކުރާ މަރުކަޒުންވަނީ ދީފަ އެވެ.
މިދިޔަ އަހަރު ފްލޮރިޑާއަށް އެރި ބާރުގަދަ ތޫފާނެއް ކަމަށްވާ "މައިކަލް" ގެ ސަބަބުންވެސް އެސްޓޭޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެގެއްލުންތަކުން އަދިވެސް އަރައިގަނެވިފައެއް ނުވެއެވެ. އަދި މިހާރު ބޯމަތީގައި އޮތް ތޫފާން "ޑޯރިއަން" ގެ ސަބަބުން އެއަށްވުރެ ބޮޑެތި ގެއްލުންތަކެއް ފްލޮރިޑާއަށް ލިބޭނެކަމުގެ ބިރުވަނީ ހީވެފައެވެ. "ޑޯރިއަން" މިހާރު ބަލާފައިވަނީ ކެޓަގަރީ ހަތަރެއްގެ ތޫފާނެއްގެ ގޮތުގައެވެ. (ނޫސްއެޖެންސީތައް)