07 Nov 2011, 18:38
ޕްރިންޓް މީޑިއާ ރެގިއުލޭޓްކޮށް ކުރިއެރުވުމަށް ގާނޫނީ ގޮތުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދެ މެންބަރަކު އިސްތިއުފާ ދެއްވައިފި އެވެ. އިސްތިއުފާ ދެއްވީ، މީޑިއާގެ ފަރާތްތަކުން ކައުންސިލަށް އިންތިހާބުވެފައިވާ ހަވީރުގެ އެސިސްޓެންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދާއި އަމިއްލަ ގޮތުން ކައުންސިލަށް ހޮވާފައިވާ އަހުމަދު ފައިސަލެވެ.
އަހުމަދު އަބްދުﷲ ސައީދު މިއަދު ވިދާޅުވީ ކައުންސިލުން އިސްތިއުފާ ދެއްވީ ނޫން ކަމަށާއި އެކަމަކު "ވަކިވެ"ވެވަޑައިގަތީ ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި ކައުންސިލުން ވަކިވެވަޑައިގަތީ އެންޓި ކޮރޮޕްޝަން ކޮމިޝަނުން ]އޭސީސީ[ ވަކި ގޮތެއް އަންގަންދެން އެލަވަންސް ނުނެގުމަށް ކައުންސިލަށް އަންގާފައި ވަނިކޮށް އެލަވަންސް ނެގި މައްސަލަ އާއި އަދި އޭނާގެ އިހުތިޔާރަކާ ނުލައި އޭނާގެ އެކައުންޓަށް ފައިސާ ޖަމާ ކުރި މައްސަލާގައި ހިތްހަމަ ނުޖެހޭތީ އެވެ. އޭނާ ވިދާޅުވީ ކައުންސިލުން ވަކިވެވަޑައިގަތުމުގެ ކުރިން އެކަމަށް ޖަވާބުދާރީ ވުމަށް ރިޔާސަތަށް ފުރުސަތު ދެއްވި ކަމަށާއި ނަމަވެސް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވުމުން ވަކިވުން ނޫން އެހެން ގޮތެއް ނެތް ކަމަށެވެ.
"އެ ނިންމުމުގެ ސަބަބުން އަޅުގަނޑަށް ލިބުނު ބަދުނާމު ބޮލުގައި އަޅަން ޖެހޭނީ ރިޔާސަތުން." އޭސީސީ އިން އެލަވަންސް ނުނެގުމަށް އެންގި މައްސަލައާ ހަވާލާދީ ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާގެ ރުހުމަކާ ނުލައި އެކުންޓަށް ޖަމާކުރި އެލަވަންސް ފައިސާ އަނބުރާ ދެއްކުމަށް ހަދަންވީ ގޮތެއް ސާފުކޮށް ދިނުމަށް ވެސް ކައުންސިލުން ވަކިވެވަޑައިގަތް ސިޓީގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.
އޭސީސީން އެލަވަންސް ފައިސާ ނުނެގުމަށް އެންގުމުން އެ ފައިސާ ނެގުން ހުއްޓާލުމަށް ފާސްކުރި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ކަމަށް ސައީދު ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އޭސީސީގެ ނިންމުމަށް ގޮންޖަހައި ދެ ވަނަ ފަހަރަށް އެ އެލަވަންސް ފައިސާ ނެގުމަށް ފާސްކުރި ކައުންސިލް ބައްދަލުވުމުގައި އޭނާ ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެ ނިންމުމަށް ފަހުން އިންކާރު ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ކައުންސިލްގެ މެޖޯރިޓީ މެންބަރުން ސޮއި ކުރައްވައި ކައުންސިލްގެ ރައީސާއި ނާއިބު ރައީސް އިސްތިއުފާ ދެއްވަން ޖެހިފައިވަޑައިގެންފައިވާ ކަމަށް ޕެޓިޝަނެއްގައި ސޮއިކުރުމަށް ފަހު، އެ ނިންމުން މަގުބޫލު ސަބަބެއް ނެތި ބަދަލު ކުރި ދުވަހު ކަމަށާއި އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ އަށް އިންތިހާބުވެވަޑައިގަތުމުން ވެސް ކައުންސިލުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
ފަނަރަ މެންބަރުންގެ ކައުންސިލުން މެންބަރަކަށް މަހަކު 7،500ރ.ގެ ރޭޓުން ހަ މަހުގެ ފައިސާ ގަނޑުކޮށް ނެގީ އޭސީސީ އިން އެ ފައިސާ ނުނެގުމަށް އަންގާފައި ވަނިކޮށެވެ.
މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ މީޑިއާތަކުން އިންތިހާބުކޮށްފައިވާ އަށް މެންބަރުންނާއި އަދި އާންމުންގެ ފަރާތުން ކަނޑައަޅާ ހަތް މެންބަރެއްގެ މައްޗަށެވެ. ނަމަވެސް އަމިއްލަ ގޮތުން ކައުންސިލަށް ހޮވިވަޑައިގަތް އަހުމަދު އަބްދުﷲ ޓީވީއެމްގެ ނިއުސްގެ ހެޑެއްގެ މަގާމަށް ބަދަލުވެވަޑައިގަތުމާ އެކު ކައުންސިލްގެ ގާނޫނީ ހައިސިއްޔަތާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.