ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަޝްރޫއުތައް ހިންގުމުގައި ވަރަށް ބޮޑަށް ލަސްވެ ނޫނީ ސްލޯވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކައަކީ ބުހުތާނު ދޮގެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް ފެށުމުގެ ހަފްލާގައި އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރު ލަސްވެ، އެއް ކަމެއް ވެސް ނުވާ ކަމަށް ބުނެ އެ ދޮގު ތަކުރާރު ކުރަނީ، އެއީ ތެދެއްކަން ރައްޔިތުންނަށް ވިސްނައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ސަރުކާރުގައި ވެސް އަދި ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ބަޖެޓް ކުރާ ޕީއެސްއައިޕީ ނޫނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުން އެ އަހަރަކު ފެށޭނީ 70 ޕަސެންޓަށް ވުރެ ދަށް އަދަދެއްގެ މަސައްކަތްތައް ކަމަށެވެ.

ބަޖެޓްގައި ހުރި މަޝްރޫއުތައް ލަސްވެގެން އުޅެން ނުޖެހޭ، ކަމަށާއި މީގެ ކުރިން ވެސް ސަރުކާރުތަކުގައި އެ ކަންކަމަށް ވަގުތު ނަގާފައި ހުރި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ބަޖެޓްގައި ހުންނަ މަޝްރޫއުތައް މިއަދުން މިއަދަށް ފެށުމަށް ރައްޔިތުން ބޭނުންވި ނަމަވެސް، އެއީ ވަގުތު ދޭން ޖެހޭ ޒާތުގެ ކަންކަން ކަމަށް ގަބޫލު ކުރެއްވުމަށް ނަޝީދު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

"ރައީސް ސޯލިހުގެ ސަރުކާރުން ކުރާ [ތަރައްގީގެ] ކަންކަން ލަސްކަމަށް ބުނެ އެބަ ވާހަކަ ދައްކާ. އެއީ ދޮގެއް! އެއީ ކަނޑައެޅިގެން ދޮގެއް. އެއީ ތަކުރާރު ކޮށް ކޮށް ކޮށް އެއީ ތެދަކަށް ހަދަން އުޅޭ ދޮގެއް. ވިސްނަވާތީ އެ ދޮގުގެ ތެރެއަށް ތިބޭފުޅުން ނުވަންނަވާތީ. އެ ދޮގު ތަކުރާރު ނުކުރައްވާތި. އަދި މީހަކު ކަމެއް ނުވެގެން ލަސްވެގެނެއް އުޅޭކަށް ނުވޭ،" އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބޮޑު ހިލަ ބަނދަރާއި އެއާޕޯޓަކީ ރަށު ތަރައްގީ ކަމުގައި ބަލައިގެން ނުވާނެ ކަމަށެވެ. ހަގީގީ ތަރައްގީ އަކީ އިންސާނާގެ ވިސްނުމަށް އަންނަ ހެޔޮ ބަދަލު ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވަމުން، ރައީސް ނަޝީދު ވިދާޅުވީ ކިތަންމެ ވަރަކަށް ރަށުގައި އެއާޕޯޓް އެޅިޔަސް ރަށް ތަރައްގީ ނުވާނެ ކަމަށެވެ.

ތާރީހުން މިސާލު ނަންގަވަމުން ނަޝީދު ވިދާޅުވީ ހުޅުލޭގައި އެއާޕޯޓް އަޅަން ރައީސް ނާސިރު ނިންމެވުމުން މާލޭގައި އެއާޕޯޓް އަޅަން ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް އޭރު ވަކާލާތު ކުރި އެވެ. ނަމަވެސް މާލޭގައި އެއާޕޯޓް އެޅި ނަމަ މިއަދު މާލެ އޮންނާނެ ގޮތް ތަސައްވަރު ވެސް ނުކުރެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެއާޕޯޓަކުން ރަށުގެ ތަރައްގީއަކަށް ވާނެ އެއްކަމެއް ވެސް ނޯންނާނެ... ކުޅުދުއްފުށީ ރައްޔިތުން ޒުވާބުކޮށްގެން އެއާޕޯޓެއް އެޅީމާ، ވީތޯއޭ އެއީ ރަނގަޅު ކަމެކޭ ކިޔައިގެން އަޅުގަނޑު ހިނގަމުން ދުވަން ނޫނީ ހޯރަފުށީ އެއްކައިރީގައި އެއާޕޯޓެއް އެޅީމާ [އެއީ ރަނގަޅު ކަމެކޭ ބުނަން ވީތޯ؟] އަޅުގަނޑަށް އެނގޭ އެ ތަންތަން އަޅަމުން ދާނެކަން. އަޅުގަނޑަށް ޔަގީން. އެހެން ނަމަވެސް އަޅަމުން ދިޔަޔަސް އަޅުގަނޑު މި ދަންނަވަނީ ތިއީ މޮޔައެކޭ! ތިޔަކަމައިގެން ނޫޅުއްވާށޭ، ހަގީގީ ތަރައްގީ ހޯއްދަވަން އުޅުއްވާށޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އަދި ވިދާޅުވީ، ރަށުގެ ފަޅު ތެރޭގައި ހުރި ހުރިހާ ވެލި ރަށު ތެރެއަށް އެޅުމަކުން ވެސް ތަރައްގީއެއް ނާންނާނެ ކަމަށާއި އެ ނޫން ގޮތަކަށް ޒުވާނުން ވިސްނަން ވެއްޖެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް ގިނަ ނަފާ ހޯދޭނެ ގައުމެއް ކަމަށެވެ.

"އަޅުގަނޑުގެ އާދޭހަކީ މިތަން ހަލާކުނުކުރައްވައްޗޭ. ތަރައްގީއަކީ ކޯޗެއްކަން އެނގިގެން ވަކާލާތު ކުރައްވާށޭ. މީހަކު ކުރަހައި ދައްކާ ތަސްވީރަކަށް ނުހެއްލެއްޗޭ. އަމިއްލަ ވިސްނުމެއް ގެންނަވާށޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ބާރުގަދަ ޑްރަގުގައި ޒުވާނުން ޖެއްސީ ބަޔަކު ގަސްތުގައި ކަމަށް ވެސް ރައީސް ނަޝީދު މިއަދު ތުހުމަތު ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ޑްރަގްގެ ވަބާ ހިމެނޭ ގޮތުން ޒުވާނުންނަށް ދިމާވެފައިވާ ވަޒީފާ ނުލިބުމާއި ގެދޮރުވެރިކަމުގެ މައްސަލައަށް މި ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށެވެ. އަދި އެކަމަށް މަގުފަހި ކުރުމުގެ ގޮތުން މަޖިލިސްގެ ތެރެއިން ހަދަން ޖެހޭ ގާނޫނުތައް ވެސް ހަދަމުން އަންނާނީ ޒުވާނުންގެ ހިޔާލާ އެކު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.