މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ރާއްޖޭގައި ބާއްވާ ސައުތު އޭޝިއަން ސްޕީކާސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް މި ސަރަހައްދުގެ ގާނޫނުހަދާ މަޖިލިސްތަކުގެ ވެރިން ރާއްޖެ ވަޑައިގެންފި އެވެ.

ސަސްޓެއިނަބްލް ޑިވެލޮޕްމެންޓް ގޯލްސް ހާސިލް ކުރުމާ ގުޅޭ މަޝްވަރާތަކާއެކު ކުރިއަށްގެންދާ މި ސަމިޓް އޮންނާނީ މާލޭގައެވެ.

ދެކުނު އޭޝިޔާގެ ގައުމުތަކުގެ ގާނޫނުހަދާ މަޖިލިސްތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އަފްޣާނިސްތާނުގެ ގާނުނުހަދާ މަޖިލީހުގެ ރައީސްރަޙްމާން ރަޙްމާނީ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ ރައީސް އޯމް ބިރްލާގެ އިތުރުން އިންޓަރ- ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫގެ) ސެކްރެޓަރީ ޖެނެރަލް މާޓިން ޗުންގޮންގު ވެސް މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އައިޕީޔޫގެ ރައީސް ގެބްރިއެލާ ބެރޮން ވެސް މި ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ޑރ. ޝިރިން ޝަރްމިން ޗޯންދަރީ، ބޫޓާންގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ވަންގްޗުކް ނަމަގްޔާލް، ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ގާސިމް ހާންގެ އިތުރުން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރުނަރަތްނެ ޖަޔަސުރީ ވެސް މިއަދު ރާއްޖެ ވަޑައިގަންނަވާނެއެވެ.

މިއީ ސައުތު އޭޝިއަން ސްޕީކާސް ކޮންފަރެންސް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިއީ މިފަދަ ހަތަރުވަނަ ކޮންގްރެސްގައެވެ. މި ކޮންގްރެސްގައި ރާއްޖެ ތަމްސީލް ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.