އެކްޓިވިސްޓުންނަށް ވަޒީފާ ނުލިބިގެން ޝަކުވާ ކުރުމަކީ ލަދުވެތި ކަމެއް ކަމަށާއި އެ ހުރިހާ އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުގައި ވަޒީފާ ދީފައިވާ ބައެއް ފަރާތްތައް އަދިވެސް މި ސަރުކާރުގެ ވަޒީފާތަކުގައި ބައިތިއްބާތީ، އެކަމަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް ފެށުމުގެ ހަފްލާގައި ނަޝީދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައީ އެންމެންނާ މެދުވެސް ހަމަހަމަ އުސޫލަކުން ކަން ކުރުމުގެ ވައުދާ އެކު ކަމަށެވެ. އަދި އޭގެ ތެރޭގައި ބޭއިންސާފުން އެއްވެސް ފަރާތެއް ވަޒީފާއިން ވަކިކޮށް އެއްލައި ނުލާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މުޒާހަރާތަކަށް ނިކުމެ، ޕެޕާ ސްޕްރޭގައި ޖެހުނު އެންމެންނަށް ވަޒީފާ ލިބެން ޖެހޭ ކަމަށް ދެކޭ ނަމަ އެއީ ކުށް ހީއެއް ކަމަށާއި އެއީ ލަދުވެތި ވާހަކަ އެއް ކަމަށެވެ. ނަޝީދު ވިދާޅުވީ؛ "ޕެޕާ ސްޕްރޭ ޖެހުނު މީހުންނަށް ވެސް ގޮތްތަކެއް އޮންނަންވާނެ" ކަމަށާއި އެކަމަކު އެ ގޮތް ހޯދަން ވާނީ "އެ މީހަކު އަމިއްލައަށް" ކަމަށެވެ.

"ރަނގަޅު ޕެޕާ ސްޕްރޭ ޖެހުނު މީހުންނަށް ވެސް ކަމެއް އޮންނަން ވާނެ. އެ މީހުން ވެސް ކަމެއްގައި އުޅެން ވާނެ. އެކަމަކު ހުރިހާ އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ އެއީ ވާނެ ކަމެއް ނޫން. އެއީ ކުރެވޭނެ ވެސް ކަމެއް ނޫން،" މި ސަރުކާރުގައި އެމްޑީޕީގެ އެކްޓިވިސްޓުން މަގުމަތިވެފައިވާ ކަމަށް ބުނާ ވާހަކަޔަށް ރައްދުދެއްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

އައިސްލޭންޑުން މިސާލު ނަންގަވަމުން ރައީސް ނަޝީދު ވިދާޅުވީ އައިސްލޭންޑްގެ އާބާދީ ރާއްޖެއާ އެއްވަރު އިރު އެ ގައުމުގެ ސަރުކާރު މުވައްޒަފުންގެ އަދަދަކީ 7،000 ކަމަށެވެ. އެކަމަކު ރާއްޖޭގެ ސަރުކާރު މުވައްޒަފުންގެ އަދަދު 32،000 އަރާއިރު އެ މީހުންގެ މުސާރަޔާއި އިނާޔަތްތަކަށް މަހަކު ބިލިއަނެއްހާ ރުފިޔާ ހަރަދުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"700، 800 މިލިއަން ރުފިޔާ މަހަކު އެބަ ހަރަދު ކުރަން މުވައްޒަފުންނަށް. ދެން ފެނަށާއި ތެލަށާއި ކަރަންޓާއި މަރާމާތަށް ކަނޑާފައި ތަރައްގީއަށް އޮންނާނީ ކޯޗެއްތޯ؟ އޭރުން ނޯންނާނެ ތަރައްގީއަށް އެއްޗެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ބަޔަކު މީހުން ދައްކާހާ ވާހަކަޔަކަށް ނުހެއްލުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި މީހަކު ވާހަކައެއް ދެއްކުމުން އެ ވާހަކަ ގަބޫލު ކުުރުމުގެ ކުރިން ފުންކޮށް ވިސްނައި ފިކުރު ކުރުމަށް އެމްޑީޕީގެ މެންބަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

"ބަޔަކު ދައްކާހާ ވާހަކަޔަކަށް ހެއްލި ނުގަންނައްޗޭ. ފުޓްސެލް ދަޑަކަށް ނުކެޑެއްޗޭ. މާގަދަ އެއްޗެއް ކަމަށް ވަނީ. އެވެސް މުޅި ބޯޅަ ހަރާބު ކުރާ ކަމެއް. ފުޓްސެލް ދަނޑުތަކެއް އެތައް މިތާ އަޅައިފި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ މަގުމަތީ ހަރަކާތްތަކުގައި އިސްކޮށް އުޅުނު ބައެއް ފަރާތްތަކަށް މި ސަރުކާރުގައި އެއްވެސް އަޅާލުމެއް ނެތް ކަމަށް ބުނެ އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ ޝަކުވާ ކުރަމުން އެވެ. އަދި ބައެއް ސިޔާސީ ވަޒީފާތައް، ރައީސް ޔާމީންގެ ކެމްޕޭންގައި އުޅުނު ފަރާތްތަކަށް ދޭ ކަމަށް ވެސް ބުނެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވެ އެވެ.

އެގޮތުން އެމްޑީޕީގެ މުޒާހަރާގެ ޖަޑިބެއްގެ ގޮތުގައި ހަރަކާތްތެރިވި، މަޝްހޫރު ނަމުން ނަމަ، "ފްލެގް މޭން" މަގުމަތިވި އިރު މި ސަރުކާރުން އޭނާއާ މެދު ހަނދާން ނައްތާލާފައިވާ ކަމަށް ވެސް ބުނެ ވަނީ ޝަކުވާ ބޮޑުވެފަ އެވެ.