07 Nov 2011, 17:37
ކުރީގެ ރައީސް އިބުރާހިމް ނާސިރުގެ ދައުރުގައި ޖަލެއް ހަދައިގެން އުޅުނު ވިލިނގިލި، (ވިލިމާލެ) އިން ގިނަ އަދަދެއްގެ މިނިކަށި ފެނިފައިވާ މައްސަލަ ތަހުގީގުކުރުމަށް ޕީޕީއެމުން ފުލުހުންނަށް ގޮވާލައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަހުމަދު މަހުލޫފް ވިދާޅުވީ ވިލިނގިލީ ޖަލުން ފެނުނު އެތައްބައިވަރު މިނިކަށިތައް ތަހުގީގްނުކުރި މައްސަލަ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގް ކުރުމަށް ގޮވާލައްވާ ކަމަށެވެ.
މަހުލޫފު އިތުރަށް ވިދާޅުވީ މާފުށީ ޖަލުން ކަށިތަކެއް ފެނިގެން ޔޫރަޕާއި އެކިގައުމުތަކުން ޑިއެންއޭ ޓެސްޓު ހެދީ އެ ޖަލަކީ ރައީސް މައުމޫނުގެ ދައުރުގައި ހަދާފައިވާ ޖަލެއްކަމުގައި ވުމުން ކަމަށެވެ. އެހެންނަމަވެސް ވިލިނގިލީގައި ކުރިން ޖަލު ހުރި ސަރަހައްދުން ފެނިފައިވާ ކަށިތަކަކީ ކުރީގެ ރައީސް އިބުރާހިމް ނާސިރު ދައުރުގައި ހިނގާފައިވާ ކަމަކަށް ވުމުން މިހާރުގެ ސަރުކާރުން ނުބަލައި ކަށިތައް ވަޅުލުމަށް އެންގުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް މަހުލޫފް ވަނީ ސިފަކުރަށްވައިފަ އެވެ.
"ވަކި މީހަކު މީހުން މެރިކަމަށް ބުނެތޯ މައްސަލަ ބަލަން ޖެހެނީ. ރައީސް މައުމޫން ދައުރުގައި ހިނގިކަމެއް ވިޔަސް އަދި ނާސިރުގެ ދައުރު ހިނގާފައި އޮތް ކަމެއް ވިޔަސް އެކަން އިންސާފު ވެރިކަމާ އެކު ތަހުގީގް ކުރަން ޖެހޭނެ. އަދި ވިލިނގިލީ މައްސަލަ ނާސިރު ދައުރު ހިނގާފައި އޮތީމަ ނުބެލުން އެއީ ގަބޫލް ކުރެވޭނެ ކަމެއް ނޫން،" މަހުލޫފް ވިދާޅުވި އެވެ.
ވިލިމާލެ އިން މިނިކަށިތަކެއް ފެނުނީ މިދިޔަ ހޮނިހިރު ދުވަހު އެ ރަށުގައި ހުންނަ ކުޑަކުދިންގެ ހިޔާގެ އުތުރަށް އޮންނަ ހުސްބިމުގައި ޕްރީސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތުގައި ކޮންނަމުން ދަނިކޮށެވެ.
ޕްރީ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ކުރާ އެސްޖޭ ކޮންސްޓްރަކްޝަންގައި މަސައްކަތް ކުރާ މީހަކު ސަން އަށް މައުލޫމާތުދެމުން ބުނެފައި ވަނީ އެ ސަރަހއްދުން ފެނުނު ކަށިތަކަކީ އެކި ފަހަރު މަތިން އެ ކުންފުނިން ކޮނުނު ހަތަރު ވަޅުގަނޑެއްގެ ތެރެއިން ދެ ވަޅު ގަނޑަކުން ފެނިފައިވާ ކަށިތަކެއް ކަމަށެވެ. އަދި އިތުރު ކަށިތައް އެ ސަރަހައްދުގައި ހުރެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އެސްޖޭ ކޮންސްޓްރަކުޝަންގެ މުވައްޒަފަކު ބުނީ ފުލުހުންގެ އެންގުމާ އެއްގޮތަށް އާ ސަހާރާއާ ކަށިތައް ހަވާލުކޮށްފައިވާ ކަމަށެވެ.
ކުރީގެ ވިލިނގިލި ޖަލުގައި 11 މަސް ދުވަސް ވަންދެން ހައްޔަރުކޮށްފައި ބެހެއްޓި ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަދި ތާރީހު ލިޔުންތެރިޔާ، ސިއްކަގޭ މުހައްމަދު ނަސީމް (ނ ދ ޝ ޢ) ވިދާޅުވީ ވިލިމާލޭ ދެނުކު ފަރާތު އިރުމައްޗަށްވާ ބޮޑު ސަރަހައްދެއްގައި ކުރީގެ ރައިސް އިބުރާހިމް ނާސިރު ހެއްދެވި ޖަލުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 1967 ވަނަ އަހަރުގެ ތެރޭ ތިބި ބައެއް މީހުންނަށް ބޮޑެތި އަނިޔާކޮށް އޭގެ ތެރެއިން ބައެއް މީހުން މަރުވެ، އެތަނުގައި ވަޅުލާފައިވާ ކަމަށެވެ.
އިއްޔެ ވިލިނގިލިން ފެނުނު ކަށިތަކުގެ ތެރޭގައި އެއްވެސް މީހެއްގެ ބޮލުގެ ކަށިގަނޑެއް ފެނިފައެއް ނުވެ އެވެ.