އިސްތަންބޫލް (އޮގަސްޓް 30): އެމެރިކާއިން ތުރުކީއަށް ވިއްކަން އެއްބަސްވެފައިވާ އެފް 35 މަރުކާގެ ފައިޓާޖެޓް ނުވިއްކަން ނިންމައިފިނަމަ އޭގެބަދަލުގައި ރަޝިޔާގެ ޒަމާނީ އަސްކަރީ ފައިޓާޖެޓްތައް ގަތުމަށް ތުރުކީ ވިސްނަމުންދާކަމަށް ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވެއްޖެއެވެ.

ރަޝިޔާއަށް ކުރެއްވި ދަތުރުފުޅެއް ނިންމާލެއްވުމަށްފަހު ގައުމަށް އެނބުރި ވަޑައިގެން ދެއްވި ބަޔާނެއްގައި އުރުދުޣާން ވިދާޅުވީ ރަޝީޔާގައި އުފައްދާ އެސްޔޫ 35 އަދި އެސްޔޫ 57 މަރުކާގެ ފައިޓާޖެޓް ތަކަކީ އެފް ތާޓީ ފައިވް ގެ ބަދަލުގައި ގަންނަން ރަނގަނޅު ބޯޓުތަކެއްކަމަށާ އެކަމާމެދު ތުރުކީވިލާތް ވިސްނަމުންދާކަމުގައެވެ.

އދ. ގެ އާންމު ޖަމްއިއްޔާގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް އަންނަ ސެޕްޓެމްބަރުމަހުގެ މެދެއްހާ ހިސާބު ނިޔުޔޯކަށް ކުރައްވާ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައި މިކަމާބެހޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ރަޝިޔާގެ ފައިޓާޖެޓް ގަތުމާމެދު ގޮތެއްނިންމާނެ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ރަޝިޔާގެ ޒަމާނީ ފައިޓާޖެޓްތައް ، އުރުދުޣާން ބައްލަވާލައްވަނީ

އުރްދޮޣާން މިިދިޔަ ހަފްތާގައި ރަޝިޔާއާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވްލަޑިމީރު ޕޫޓިން އާ ބައްދަލުކުރެއްވުމަށްފަހު ޕޫޓިންވަނީ ރަޝިޔާގައި އުފައްދާ އެންމެ ޒަމާނީ މަރުކާގެ މަތިންދާ ބޯޓުތައްކަމަށްވާ ސްޚޯއީ އެސްޔޫ 35 އަދި ސްޚޯއީ އެސްޔޫ 57 މަރުކާގެ ފައިޓާޖެޓްތައް އުރްދުޣާންއަށް ދައްކަވާލައްވާފައެވެ.

އެމެރިކާއިން ތުރުކީއަށް ވިއްކަން އެއްބަސްވެފައިވާ އެފް ތާޓީ ފައިވް މަރުކާގެ ފައިޓާޖެޓް ނުވިއްކާނެ ކަމަށް އެމެރިކާ މިހާރު ބުނަމުންގެންދަނީ ތުރުކީވިލާތުން ރަޝިޔާގެ އެސް ފޯހަންޑްރެޑް މަރުކާގެ ވައިގެ ދިފާއީ ނިޒާމެއް ގަތުމާ ގުޅިގެންނެވެ. (ރޮއިޓާސް)