31 Aug 2019, 17:22
އަބަދުވެސް އިވޭ އަޑަކީ އިނގިރޭސި، ހިންދީ ސީރިޒް ގިނަ ވެ ދިވެހި ސީރީޒްއެއް ނުފެންނަ ވާހަކައިގެ އަޑެވެ. މިހާރު އެކަންވެސް މިއޮތީ މުޅިން ބަދަލުކޮށްލާފައެވެ. މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނައި އެޕްލިކޭޝަން ބައިސްކޯފް އާ އެކު ވަނީ ފުރަތަމަ ދިވެހި ވެބް ސީރީޒްވެސް ސްޓްރީމް ކުރަން ފަށާފައެވެ.
ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ)ގެ ހުވާއެވެ. ހުވާ އެންމެ ފުރަތަމަ ސްޓްރީމްކުރި ދުވަހުވެސް ބޮޑު ތަރުހީބެއް ލިބުނެވެ. ހުވާ ބަލަން އެޕްލިކޭޝަން އަށް މީހުން ލޮގިންވި ގިނަ ކަމުން އެޕްލިކޭޝަންވެސް ވަގުތުން ޑައުންވިއެވެ.
އެ ސީރީޒްގެ ވާހަކައަކީ ސޯޝަލް މީޑިއާ ޕްލެޓް ފޯމުގައި އެންމެ ހިނގާ ވާހަކަތަކެކެވެ. ވެބް ސީރީޒްގެ ކޮންމެ އެޕިސޯޑެއް ނިމުމުން އެޕިސޯޑަށް ފާޑުކިޔާ ކޮމެންޓްކުރާ އަދި ތަރުހީބު ދޭ މީހުންތަކުގެ ޝުއޫރުތައް ބަންޑުކޮށްލަނީ ސޯޝަލް މީޑިއާއަށެވެ. ކޮންމެ އަކަސް ހުވާ ވެގެން ގޮސްފައިވަނީ ކާމިޔާބު ސީރީޒްއަކަށެވެ.
ރާއްޖޭގެ 80 އިންސައްތަ ތަރިން ހިމަނައިގެން ބައިސްކޯފު އިން ޕްރޮޑިއުސްކޮށްފައިވާ މި ސީރީޒް އަކީ ދިވެހިންގެ އިތުބާރު ލިބިފައިވާ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ނަހޫގެ ސިއްކަޖެހިގެން އުފެދިފައިވާ އަސަރުން ފުރިގެންވާ ސީރީޒްއެކެވެ.
އަށްޑިހައަށްވުރެ ގިނަ އެޕިސޯޑަށް ދެމިގެންދާ މި ސީރީޒްގެ ވަރަށް ކުރީކޮޅުވެސް ވަނީ "ކުޑަ ރުމާލު"ގެ ބޭނުންޖެހިފައެވެ. "ހުވާ" ބެލި އެންމެންގެ ލޯތައް ވެސް ކަރުނުން ތެއްމާލައިފިއެވެ.
"ހުވާ"ގެ ޖުމްލަ 79 އެޕިސޯޑް މިހާރު ވަނީ ބެލުންތެރިންނަށް ގެނެސްދީފައެވެ. ދެން އޮތީ ބާކީ އެންމެ ތިން އެޕިސޯޑެވެ. އެ ތިން އެޕިސޯޑަށް ދިޔުމުގެ ކުރިން "ހުވާ" ވަނީ ކުޑަ ބްރޭކަކަށް ގޮސްފައެވެ.
ހުވާ ގެ 80 ވަނަ އެޕިސޯޑް އަންނަ މަހު ފަހެއްގައި ދެއްކުމަށް ނިންމާފައިވާއިރު 81 ވަނަ ބައި ދައްކާނީ ނުވައެއް ސެޕްޓެމްބަރުގައެވެ. އަދި 82 ވަނަ ބައި އަދި 83 އެއްކޮށްލައިގެން ދައްކަން ނިންމާފައިވަނީ ސެޕްޓެމްބަރު 12 ގައެވެ.
ސީރީޒް މެދުކަނޑާލައިފައިވަނީ ނޭވާ ހިފަހައްޓާލަންޖެހޭ ތަންކޮޅަކުންނެވެ.
"ހުވާ" ނިމުނަސް ބެލުންތެރިން މާޔޫސް ވާނެ ކަމެއްނެތެވެ. ނަހޫ އަންނަނީ އަނެއްކާވެސް އާ ވެބް ސީރީޒްއެއް ގެނެސްދިނުމަށް ތައްޔާރުވަމުންނެވެ.
"މި ހަފްތާތެރޭ ހުވާ އާ ބެހޭ ގިނަ މައުލޫމާތުތަކެއް ތަރީންގެ ދުލުން ކިޔައިދޭ ޕްރޮގްރާމްތަކެއް ދެއްކާނެ،"
ހުވާގެ އެހެން ސީޒަން އެއް ހެދުމަށާއި ހުވާ ދިގުކުރަން އާންމުންގެ ގިނަ ބަޔަކު އެދޭތީ އެކަމާ ނުވިސްނަންތީ ކުރި ސުވާލުގެ ޖަވާބުގައި ނަހޫ ބުނީ މި ސީޒަނަނށްވުރެ އަދި މާ ފުރިހަމައަށް އަނެއް ސީޒަން ލިޔެލުމަކީ ވެސް ފަސޭހަކަމެއް ކަމަށާއި އެހެންނަމަވެސް މިހާ ގިނަ ބަޔަކު އުޅޭތީ އެންމެންގެ ޝެޑިއުލް އިން ޖާގަ ހޯދުމަކީ ފަސޭހަ ކަމަކަށްނުވާނެ ކަމަށެވެ.
ބައިސްކޯފު އަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ބެލޭ އިންޓަނޭޝަނަލް ފެންވަރުގެ އެޕެކެވެ. އަދި އޭގެން އޯޑިއޯ ވީޑިއޯ ލަވަ އާއެކު ގިނަ އަދަދެއްގެ ދިވެހި ފިލްމާ ހުރިހާ ޓީވީ ޗެނަލްތައް ވެސް ފެންނަން ހުންނާނެއެވެ. އެ އެޕްލިކޭޝަން އަކީ އެންމެ ގިނަ އަދަދަކަށް ޑައުންލޯޑްކުރެވިފައިވާ ދިވެހި އެޕެވެ.