އިސްލާމް އާބާދު (އޮގަސްޓް 30): ކަޝްމީރުގެ ޕާކިސްތާން ފަޅިއަށް ހަމަލާތަކެއްދޭން އިންޑިއާ ރާވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވިދާޅުވެއްޖެ އެވެ.

އިސްލާމް އާބާދުގައި ބޭއްވި ރައްޔިތުންގެ އެއްވުމެއްގައި ތަގްރީރު ކުރައްވަމުން އިމްރާން ޚާން ވިދާޅުވީ ޖަންމޫ ކަޝްމީރަށް ދީފައިވާ ޒާތީ މިނިވަންކަމުގެ ހާއްސަ އިމްތިޔާޒްތައް އުވާލައި އިންޑިއާގެ ސްޓޭޓަކަށް އެސަރަހައްދު ހެދުމަށް އިންޑިއާ ނިންމި ނިންމުމާ ގުޅިގެން އެސަރަހައްދުގެ ރައްޔިތުން އިންޑިއާޔާ ދެކޮޅަށް ތެދުވާ ތެދުވުމަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާތީ އެ މައްސަލައިގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމަށްޓަކައި އާޒާދެ ކަޝްމީރަށް އުދުވާނީ ހަމަލާތަކެއްދޭން އިންޑިއާ ރާވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގަ އެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އިމްރާންޚާން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އަކީ ފާޝިސްޓެއް ކަމަށް ސިފަކުރައްވާފަ އެވެ. އަދި އިމްރާންޚާން ވަނީ މޯދީ އާއި ހިޓްލަރާ އަޅާކިޔުއްވާފަ އެވެ. އަދި ހިންދޫންނަކީ އެހެން މީހުންނަށްވުރެ މާ ފެންވަރުމަތީ ބައެއްކަމަށް ބުނާ މޯދީ ގެ އާރުއެސްއެސް ފިކުރަކީ ހިޓްލަރު ގެންގުޅުނު ނާޒީ ޖަރުމަނުގެ ފިކުރާ އެއްފަދަ ފިކުރެއްކަމަށްވެސް އިމްރާންޚާން ވިދާޅުވި އެވެ.

އަނެއްކޮޅުން ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އަދި އާމީ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް އާސިފް ޣަފޫރުވަނީ އިންޑިއާއިން ދީފާނެ އަސްކަރީ ކޮންމެ ހަމަލާއަކާ ކުރިމަތިލާން ޕާކިސްތާން ތައްޔާރަށް އޮތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ޣަފޫރު ވިދާޅުވީ ޕާކިސްތާނުން އިންޑިއާއަށް އިސްވެ ހަމަލާ ނުދޭނެ ކަމަށާއި ނަމަވެސް އިންޑިއާ ޕާކިސްތާނާ ދެކޮޅަށް އުދުވާނެއް ހިންގައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށެވެ.

ޖަންމޫ ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް އިންޑިއާ އެޅި ހަރުކަށި ފިޔަވަޅުތަކާއެކު އިންޑިއާގެ އުދުވާނެއް ކުރިމަތިވެދާނެކަމަށް ބަލާފައި ޕާކިސްތާނުންވަނީ އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގުގައި ތިބި ޕާކިސްތާނުގެ ދެލައްކަ ސިފައިން އިންޑިއާޔާ ޕާކިސްތާނުގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާކޮށް އަސްކަރީ ބަރުހަތިޔާރުވެސް އެސަރަހައްދުގައި ރުކުރުވާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕާކިސްތާނުގެ އެތަށް ހާސް ބަޔަކު އެގައުމުގެ އެކި ކަންކޮޅުތަކުގައި މިއަދުގެ ހުކުރު ނަމާދަށްފަހުވަނީ ޖަންމޫ ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް އިންޑިއާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފަ އެވެ. އިމްރާން ޚާންވަނީ މި ޚުތޫރަތްތެރި ދަނޑިވަޅުގައި ޖަންމޫ ކަޝްމީރުގެ ރައްޔިތުންނާއެކު ޕާކިސްތާން ރައްޔިތުން ތިބިކަން ހާމަކުރުމަށްޓަކައި ހިނގާލުންތަކާއި އެއްވުންތައް ގިނަ ގިނައިން ބާއްވައި ޖަންމޫ ކަޝްމީރުގެ ރައްޔިތުންގެ މިނިވަންކަމުގެ މައްސަލައަށް ސަމާލުކަން ދިނުމަށް ޕާކިސްތާނުގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ޕާކިސްތާނުން އިއްޔެވަނީ ނިއުކްލިޔާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިފައިވާ މެދުރާސްތާގެ ބަލިސްޓިކް މިސައިލެއްވެސް ކާމިޔާބުކަމާއެކު ތަޖްރިބާކުރިކަން އިއްލާންކޮށްފަ އެވެ.

އިންޑިއާއިންވަނީ ޖަންމޫ ކަޝްމީރުގެ މައްސަލަ ބައިނަލްއަގްވާމީ ސަމާލުކަމަށް ގެނައުމަށް ޕާކިސްތާން ކުރަމުން ގެންދާ މަސައްކަތްތައް ކުށްވެރިކޮށްފަ އެވެ. އިންޑިއާގެ ދިފާއީ ވަޒީރު ރަޖްނަތް ސިންގް ވިދާޅުވީ ޕާކިސްތާނުން ކަޝްމީރުގެ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާ ކަމަށް ސިފަކުރައްވައި އިންޑިއާޔަށް ޓެރަރިސްޓުންނާއި ޓެރަރިޒަމް އެކްސްޕޯޓް ކުރަނީ ޕާކިސްތާނުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. މިއީ އިންޑިއާ އަބަދުވެސް ޕާކިސްތާނުގެ މައްޗަށް ކުރާ ތުހުމަތުތަކެއްކަމުން ޕާކިސްތާނުން ސިފަކުރަނީ މިއީ ސިޔާސީ ތުހުމަތެއް ކަމުގަ އެވެ. (ނޫސްއެޖެންސީތައް)