30 Aug 2019, 18:56
ގައުމުގެ ހެވާއި ލާބަޔައަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް އާކޮށް، އެއް އުއްމަތެއްގެ ގޮތުގައި ތެދުވުމަށް އެންމެހާ ދިވެހިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
ހިޖުރީ އާއަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ސޯލިހު ވިދާޅުވީ އާ އަހަރަކަށް މަރުހަބާ ކިޔާ މުނާސަބަތަކީ މާޒީގެ އިބުރަތުގެ އަލީގައި ކުރިމަގު އަލުން ބައްޓަން ކުރުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ. ފަރުދީ ފެންވަރުގައި އާއިލީ ގުޅުން ބަދަހިކޮށް އިޖުތުމާއީ ގުޅުން އާލާކޮށް، އެކުވެރިވުމަށް ރައީސްގެ ހިތޯބުގައި ވަނީ ގޮވާލައްވައިފަ އެވެ.
"ގައުމަށްޓަކައި އަޅުގަނޑުމެން މިއަދު ތެދުވާންވީ، ނަބަވީ ހިޖްރައިން އުފައްދައިދިން ފަދަ، އެއް އިހުސާސްތަކެއް ހިއްސާކުރާ، އެއް ހަމަތަކެއް ގަބޫލުކުރާ، އެއް ހައްގުތަކަކަށް ވަކާލާތުކުރާ، އެއް އުންމަތެއްގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ހިތޯބުގައި އިތުރަށް ވިދާޅުވީ ހިޖުރީ ތާރީހް ރަމްޒުކޮށްދެނީ ރަސޫލާގެ ގެ ހިޖްރައިގެ ހިޔަލުގައި އުފަންވެގެން އައި، އިސްލާމީ އުންމަތުގެ ފެށުން ކަމަށެވެ. އަދި އެ މަތިވެރި ޒިކުރާ އާކުރާއިރު އިސްލާމީ އުންމަތުގެ ބިންގާ އެޅިގެން ދިޔަ ގޮތް ހަނދާންވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އިސްލާމީ އުންމަތް ދެމިއޮތުމަށްޓަކައި، މުސްލިމުންގެ މެދުގައި އެކުވެރިކަމާއި ސުލްޙަވެރިކަން ގާއިމުވެފައި އޮތުމުގެ މުހިންމު ކަން ހިޖުރައިގެ ހާދިސާއިން ދޭހަކޮށްދޭކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ހިޖްރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމުގެ ބޭނުންތެރިކަން ކަމަށާއި އިންސާނީ ކަރާމާތް ދަމަހައްޓައި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ވަކާލާތު ކޮށް، އިންސާނުންގެ މެދުގައި ތަފާތުކުރުން ނައްތާލައި، ހަމަހަމަކަން ގާއިމްކުރުމަށް ގަދައަޅައި މަސައްކަތްކުރުމުގެ ބޭނުންތެރިކަން ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ރައީސް އަދި ވިދާޅުވީ، ހިޖުރައިގެ ހާދިސާއިން ލިބޭ ފިލާވަޅުތައް ހަޔާތުގެ އަމަލީ މައިދާނުގައި ބޭނުންކުރެވެނީ ކިހާ މިންވަރަކަށްތޯ ވިސްނާލުން މުހިއްމު ކަމަށެވެ. މުޖުތަމައުގައި އޮންނަންވީ ގުޅުންތައް ގާއިމްކޮށް ދެމެހެއްޓުމުގައި ކޮންމެ މީހަކު އެ މީހަކު އަދާކުރަން ޖެހޭ ޒިންމާތަކާ މެދު ވިސްނާލުން މުހިއްމުކަމަށް ވެސް ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.