07 Nov 2011, 15:44
މާލެ ކައިރީގައި ކޯމަސް ފެންގަނޑެއް ހެދިޔަސް އެކަމުގެ ސަބަބުން ތިމާވެއްޓަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ފެންގަނޑު ހަދަނީ ކޯމަސްތައް ހައްޔަރުކޮށްގެން ގެންގުޅެން ނޫން ކަމަށް ޑޮލްފިން ލެގޫން ތަރައްގީކުރާ އާމިރު މަންސޫރު ވިދާޅުވެއްޖެ އެވެ.
ސަން އަށް ދެއްވި އިންޓަވިއުއެއްގައި އާމިރު ވިދާޅުވީ ކޯމަސް ފެންގަނޑު ތަރައްގީކުރަން ހަމަޖެހިފައި ވަނީ އެއް ކިލޯމީޓަރު ސަރަހައްދެއްގައި ކޯމަސްތަކަށް މިނިވަންކަމާ އެކު އުޅެވޭ ގޮތަށް ކަމަށާއި އެސޮރުމެންނަށް ޑައިވަރުންނާ އެކު ފެންގަނޑުން ބޭރަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"ބޮޑެ ސިންގާ ލެގޫނެއްގައި އުޅެފައި އެ ސޮރުމެން އަމިއްލަ ޒާތުގައި ބޭރަށް ނުކުމެވޭނެ. ޑައިވަރުންނާ އެކު ބޭރު އޯޕެން އޯޝަންގައި މި އެއްޗެހި ސްވިމް ]ފަތާނެ[ ކުރާނެ. އެހެންވެއްޖެއްޔާ މީ ބަދެގެން ގެންގުޅޭ އެއްޗެހި ތަކަކަށް ނުވާނެ،"
އޭނާ ވިދާޅުވީ ކުޅިވަރު ރެކްރިއޭޝަން ސެންޓަރަކާ އެކު ތަރައްގީކުރަން ނިންމާފައިވާ ޑޮލްފިން ލެގޫނަށް ކޯމަސް ލުމުން އެ ސޮރުމެންނަށް ވެސް އެއްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ކޯމަސްތައް ގެންނަން ހަމަޖެހިފައި ވަނީ އެމެރިކާގެ "ރޯޓަން އިންސްޓްޓިއުޓް އޮފް މެރިން ސައިންސް" އާ ގުޅިގެން ކަމަށާއި ކޯމަސް ގެންނަ އިރު އެ ސޮރުމެން ބެލެހެއްޓުމުގެ ތަމްރީނު ލިބިފައިވާ ޕްރޮފެޝަނަލް މީހުންނާއި ޑޮކްޓަރުން ވެސް ގެންނާނެ ކަމަށް އާމިރު ވިދާޅުވި އެވެ.
"އެއެއްޗިއްސަށް ނަފްސާނީ ގޮތުން ވެސް އަދި އެހެން ގޮތަކުން ވެސް ގެއްލުންވާނެ ކަމަކަށް ގަބޫލު ނުކުރަން. އެއީ މި އެއްޗެހިތަކަކީ މިކަހަލަ ތަންތާގައި އުޅުމުގެ ތަމްރީނު ލިބިފައިވާ އެއްޗެހި،" އާމިރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ޑޮލްފިން ގެންނަނީ އެމެރިކާގެ ރޯޓަން އިންސްޓްޓިއުޓް އޮފް މެރިން ސައިންސް އާ ގުޅިގެން އެތާ ތިބޭ ކެއާ ޓޭކަރުންނާ އެއްކޮށް. މިއެއްޗެހި ވިހާފައި ތިބިކަމާއި އުފަން ސެޓްފިކެޓްތަކާ ވެސް އެއްކޮށް މިގެންނަނީ،"
އާމިރު ވިދާޅުވީ ބޭރުން ގެންނަ ކޯމަސްތަކުން އެކިކަހަލަ ބަލިފެތުރޭނެ ކަމަށާއި ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ދައްކާ ވާހަކަތަކަކީ ހަގީގަތެއްނޫން ކަމަށެވެ. އަދި އެކަހަލަ ވާހަކަ ދައްކާ މީހުން އެ ވާހަކަތައް ދައްކަނީ ރާއްޖޭގައި ހަދަން އުޅޭ ކޯމަސް ފެންގަނޑާ ބެހޭ އެއްވެސް އެއްޗެއް އެނގިގެން ނޫން ކަމަށެވެ.
"މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަނީ މިކަމުގެ ތަންދޮރު އެއްވެސް ވަރަކަށް ފިލާފައި ތިބި ބައެއް ނޫން. މި އެއްޗިއްސަކީ އެއްވެސް ޑިޒީޒްއެއް ޓްރާންސްމިޓް ]ބަލިފަތުރާ އެއްޗެއް ނޫން[ ކުރާ އެއްޗެއް ނޫން. ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ވާހަކަތައް ދެކެވިފައި ހުރީ." އާމިރު ވިދާޅުވި އެވެ.
އެމެރިކާގެ ބަޔޮލޮޖިސްޓެއް ކަމަށްވާ ޖޯޖް ކީފާ އާ ހަވާލާދީ އާމިރު ދެއްވި ލިޔުންތަކެއްގައި ބުނަނީ ރާއްޖޭގެ ކޯމަސް ފެންގަނޑު ހެދުމަށް ތައްޔާރުކޮށްފައިވާ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށާއި ރާއްޖެ ފަދަ ގައުމެއްގައި ކޯމަސްތައް ބަލަހައްޓާނެ ތަނެއް ހެދިގެން ދިއުމަކީ އެ ސޮރުމެންނަށް ލިބޭ ވަރަށް ބޮޑު ނަސީބެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ކޯމަސް ގެންގުޅޭ އޮގަނައިޒޭޝަންތަކުން އެ ސޮރުމެންނާ ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރި ނަމަވެސް ގިނަ އޮގަނައިޒޭޝަންތަކުން އެ ސޮރުމެން ވަރަށް ރަނގަޅަށް ބަލަހައްޓަމުން އަންނަ ކަމަށާއި ރާއްޖޭގައި ވެސް އެ ސޮރުމެން ރަނގަޅަށް ބަލަހައްޓާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ޖޯޖް އިތުރަށް ބުނީ ރާއްޖޭގައި އުޅޭ ކޯމަހުގެ ވައްތަރުތަކަކީ ފުން ކަނޑުގައި އުޅޭ އެއްޗެހިތަކެއް ނަމަވެސް ފެންގަނޑަށް ލާން ރާއްޖެ ގެންނަން އުޅޭ ވައްތަރުގެ 'ބޮޓްލް ނޯސް ޑޮލްފިން" އަކީ ތިލަ ތަންތާގައި އުޅޭ އެއްޗެއް ކަމަށާއި އެ ސޮރުމެންނަށް އިންސާނުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި ފެންގަނޑެއް ހަދައިގެން ކޯމަސްތައް ގެންގުޅުމަކުން ބަޔޯ ޑައިވާސިޓީ އަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ފެންގަނޑެއްގެ ތެރޭގައި ގެންގުޅުމުން ކޯމަސްތައް މިޔަރު ފަދަ އެއްޗެހީގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ވެސް ވަރަށް ކުޑަކަމަށް ވެސް ޖޯޖް ވިދާޅުވި އެވެ.