30 Aug 2019, 18:23
ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ޕީއެފްއެންއޭ-2 (ޕްރޮކްސިމަލް ފެމޯރަލް ނެއިލް އެންޓިރޮޓޭޝަން) އުނަގަނޑުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ މިމަހުގެ 28 ވީ ބުދަ ދުވަހު ސްޕެއިން އަށް ނިސްބަތްވާ 85 އަހަރުގެ ދުވަސްވީ އަންހެނެއްގެ ޕީއެފްއެންއޭ-2 އޮޕަރޭޝަން އެ ހޮސްޕިޓަލުން ކޮށްފައިވާ ކަމަށާއި ބަލިމީހާގެ ހާލު ރަނގަޅު ކަމަށެވެ. ބަލިމީހާ މިހާރު ދަނީ ޓްރީޓޮޕުން ފިޒިއޮތެރަޕީގެ ފަރުވާ ހޯދަމުންނެވެ.
މިއޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވެލައްވާފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ ކަށީގެ އޮޕަރޭޝަންގެ ހާއްސަ ޑޮކްޓަރު، ޑރ. ކަންނިރާޖް މަރިމުތު އެވެ. އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކަށީގެ އޮޕަރޭޝަންގެ ހާއްސަ ޑޮކްޓަރު، ޑރ. ޑޭވިޑް މޮންޓެނެގްރޯ، އާއި ހޭނައްތާ ޑޮކްޓަރ ޑރ. ވޮރަން ކަބަލާ ކަމަށާއި މި އޮޕަރޭޝަނަށް އެ ހޮސްޕިޓަލުގެ ހުނަރުވެރި ނަރުހުންގެ ޓީމުގެ އެހީތެރިކަންވެސް ލިބުނުކަމަށް ޓްރީޓޮޕުން ބުންޏެވެ.

އޮަޕަރޭޝަން ކުރުމުގައި ހަރަކާތްތެރިވި ޑޮކްޓަރުންގެ ޓީމް -- ފޮޓޯ: ޓްރީޓޮޕް
މިއީ އުމުރުން ދުވަސްވީ މީހުން އަދި ކަށިމަޑު މީހުންގެ އުނަގަނޑުގައި ރެނދު ލުމުން ކުރާ އޮޕަރޭޝަނެކެވެ. އުނަގަނޑުގައި ރެނދުލުމުން ވަގުތުން ވަގުތަށް އޮޕަރޭޝަން ނުކުރެވޭނަމަ، ހިނގުމުގެ ފުރުސަތު ކުޑަވެއެވެ. އަދި އެނދުމަތިވުމާއި ގުޅިގެން ދުޅަވުމާއި އިންފެކްޝަން، އަދި އިތުރު މައްސަލަތަކަށް ކުރިމަތިވާކަމަށް ޓްރީޓޮޕުން ބުންޏެވެ.
އޮޕަރޭޝަނާ ގުޅޭގޮތުން ޑރ. ކަންނިރާޖް ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލުން ލިބޭ ހާއްސަ އެކުއިޕްމެންޓްގެ ސަބަބުން މިފަދަ މައްސަލަތަކަށް އަވަސް ފަރުވާއެއް ދެވި، އެބޭފުޅުންނަށް އޮޕަރޭޝަންގެ އެއް ދުވަސް ފަހުން ހިނގާ އުޅެވޭ ކަމަށެވެ.
"އަދި އެއްވެސް އެހީއެއްނެތި މަސްދުވަސްތެރޭ ހިނގޭނެ،" ޑރ. ކަންނިރާޖް ވިދާޅުވި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލަކީ ހުޅުމާލޭގައި ހިންގާ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެކެވެ. ފާއިތުވި އަހަރެއްގައި ދޔުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުން ވަނީ ތަފާތު ދާއިރާތަކުން ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ކޮށްފައެވެ.