30 Aug 2019, 18:16
ދިވެހި އެކައުންޓެންޓުންނާއި އޮޑިޓަރުންނަކީ ފަންނީ، ގާބިލް ބައެއް ކަމަށާއި ދިވެހިންނަށް އެ ފަންނުގައި ފުރުސަތު ދިނުމަށް ދިވެހި ވިޔަފާރިވެރިންނަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގޮވާލައްވައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ބޭއްވި އެކައުންޓެންޓުންގެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެންބަރު ޔައުގޫބު ވިދާޅުވީ ޕަބްލިކް އެކައުންޓެންސީ އޮގަނައިޒޭޝަން ބިލް ފާސް ކުރުމުގެ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.
މެންބަރު ޔައުގޫބުވަނީ ދިވެހި އެކައުންޓެންޓުންނާއި އޮޑިޓަރުންނަށް ހާއްސަކޮށްގެން ބާއްވާ ފޯރަމުގެ މުހިއްމުކަން ފާހަގަ ކުރައްވައިފައެވެ. މިއީ އެކައުންޓެންޓުންގެ ފޯރަމް ބޭއްވި ތިންވަނަ އަހަރެވެ.
އޮގަސްޓް 27 ން 29 އަށް ދަރުބާރުގޭގައި ބޭއްވި މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި 200 އަށްވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ. މި އަހަރުގެ ފޯރަމްގައިވެސް އެކައުންޓިން އަދި އޮޑިޓިން ދާއިރާގެ އިސް ބޭފުޅުން ވަނީ ތަމްރީން ސެޝަންތައް ނަންގަވައިދެއްވާފައިއެވެ.