ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަލީ އަހުނަފް ހޮވައިފި އެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި، ވިލާ ހައި ސްކޫލުގެ މިދިޔަ އަހަރުގެ އިނާމް ދިނުމުގެ ހަފްލާގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ދަރިވަރު އަލީ އަހުނަފަށް އިނާމް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ.

އަހުނަފް ވަނީ އިކޮނޮމިކްސް އިން ދުނިޔެއިން 10 ވަނަ ވެސް ހޯދައިފަ އެވެ.

އެ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އަހުނަފް ހޮވުނު އިރު ދެވަނަ އަށް އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ އައިޝަތު ޒަކާ ޒާހިރެވެ. އަދި ތިން ވަނަ ލިބިފައި ވަނީ ހައްވާ ސަޖާޔާ ސޮލާހަށެވެ.

އެ ދެ ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ ޗެއާމަން ގާސިމް އިބްރާހިމެވެ.

ޖަލްސާ ޝަރަފުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ ޒުވާން ދުވަސްވަރު ތަފާތު ކަންތައްތައް ތަޖުރިބާކުރަން ބޭނުންވި ނަމަވެސް އެ ފަދަ ކަންތައްތައް ކުރުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށެވެ. އަދި ސްކޫލު ދައުރަކީ އުފާވެރި މަޖާ މާހައުލެއް ކަމަށާއި މަޖާ ކުރަންޖެހޭނީ ކިޔެވުމަށް އަސަރުނުކުރާނޭހެން ކަމަށް ވެސް މިނިސްޓަރު މަހްލޫފް ވިދާޅުވި އެވެ.

މިދިޔަ އަހަރު އޭ ލެވެލްގައި 500 އެއްހާ ދަރިވަރުން އެ ސްކޫލުން ތައުލީމް ހާސިލްކުރި އެވެ. އޭގެ ތެރެއިން 10 ދަރިވަރުން ވަނީ ގަދަ 10ގައި ހިމެނިފަ އެވެ.

ވިލާ ހައި ސްކޫލުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އަހްނަފަކީ މިދިޔަ އަހަރު އެ ސްކޫލް ކެޕްޓަން ވެސް މެ އެވެ.