07 Nov 2011, 14:21
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ( އެމްއެމްއޭ) ކުރިމަތީގައިވާ ފަޅުގެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މާލޭ ސިޓީ ކައުންސިލުގެ ފަރާތުން އަންގައިގެން ނަގައި އެ ސަރަހައްދުގައި އޮޑިދޯނި ފަހަރުއެޅުން މަނާކޮށްފި އެވެ.
ސިޓީ ކައުންސިލުގެ މޭޔަރު މައިޒާން އަލިމަނިކު( އަލިބެ) ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ސަރަހައްދުގައި މީގެ ކުރިން ވަރަށް ގިނަ އަދަދެއްގެ ކަންނެލި އޮޑިފަހަރާއި މަސްދޯނިފަހަރުގެ އިތުރަށް ފައްތިޔާ ފަދަ ތަކެތި އަޅާފައި ބޭއްވުމުގެ ސަބަބުން މުޅިސަރަހައްދުގެ ރީތިކަން ގެއްލި އެކި ދަތިތަކާ ކުރިމަތިވާތީ އެސަރަހައްދުން އޮޑި ދޯނިފަހަރު ހުސްކުރީކަމަށެވެ.
"އެ ސަރަހައްދުގައި އަޅާފައިވާ އޮޑިފަހަރު އެޅުމަށް އަންގާފައި ވާނީ ހުޅުމާލޭގެ އިތުރަށް ވިލިމާލެ އާއި ހާބަރު ސަރަހއްދުގައި. އެމްއެމްއޭ ކުރިމަތީގައިވާ ފަޅުގެ ސަރަހައްދުގައި އޮޑިދޯނިފަހަރު ދެނެއް ނޭޅޭނެ،" އަލިބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގެ މޫނުމަތި ހިމެނޭ ސަރަހައްދުގައި ގިނަ އަދަދަކަށް އޮޑިދޯނިފަހަރު އަޅައިގެން ތިބުމުގެ އިތުރަށް އެ ސަރަހައްދުން މަސްބާލައި މަސްކަނޑާ ހެދުމުގެ ޝަކުވާ ވެސް ލިބެމުން އަންނަ ކަމަށެވެ. އަދި އެ ސަރަހައްދަކީ ކުރިން ވެސް އޮޑިފަހަރު އަޅައިގެން ތިބުން މަނާ ސަރަހެއްދެއް ނަމަވެސް އެކަން ނުބެލި ހައްދުން ނައްޓައިގެން ދިއުމުގެ ސަބަބުން އެކަން އިސްލާހުކުރުމަށް ފިޔަވަޅު އެޅީކަމުގައި އޭނާ ވިދާޅުވި އެވެ.
"މިހާރު އެ ސަރަހައްދަށް [ރަސްމީ ފާލަމުންފެށިގެން ވަގުތީ މާރުކޭޓާ ހަމައަށް] އެއްވެސް ދޯންޏެއް އަޅާފައި ނުބޭއްވޭނެ. ތަރުކާރީ އާއި މޭވާ ހިފައިގެން އެ އަންނަ އޮޑިފަހަރު ވެސް ދޮޅުގަޑިއެއްހާއިރު ތެރޭގައި އެ ސާމާނު ހުސްކޮށްފައި ދާންޖެހޭނީ. އެތާކު އެއްވެސް ބަޔަކަށް މަޑުކޮށްގެން ނޯވެވޭނެ. މީގެ އިތުރަށް ރަށްރަށުން އަންނަ ފެރީ އާއި ރިސޯޓުތަކުން އަންނަ ފޭރީތަކުން ވެސް ފަސިންޖަރުން ބޭލުމަށް ފަހު އެ އުޅަނދު ފަހަރު ވެސް އަވަހަށް ފުރަން ޖެހޭނީ،" މޭޔަރު ވިދާޅުވި އެވެ.
އަލިބެ އިތުރަށް ވިދާޅުވީ ކުރިން އެ ސަރަހައްދުން އޮޑިފަހަރަށް ތެޔޮއެޅުމާއި އަދި މަސްވެރިން އެ ސަރަހައްދުން މަސްބޭލުމުގެ އިތުރަށް އެ ސަރަހައްދު ވަރަށް ބޮޑަށް ހަޑިވެފައިވާތީ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން މިއަދު އެސަރަހައްދުގެ ފަޅުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގާފައިވާ ކަމަށެވެ.
އެހެންނަމަވެސް އަދިވެސް އެ ސަރަހައްދު މުޅިން ސާފްކުރެވިފައި ނުވާތީ ސިޓީ ކައުންސިލާއި އަދި އެހެނިހެން ފަރާތްތަށް ގުޅިގެން ވަރަށް އަވަހަށް ސާފުކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމުގައި އަލިބެ ވިދާޅުވި އެވެ.