29 Aug 2019, 20:18
ރައްޔިތުންގެ މަޖިލީހުގެ އާ ގަވާއިދު ފާސްކުރުމާއި ގުޅިގެން އެ ގަވާއިދުގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ގޮތުން، ބްރޯޑްކާސްޓިންގް ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް ފާތިމަތު ޒައިނާ ކޮމިޝަނުން ވަކިކުރުމުގެ މައްސަލަ އަލުން އަނބުރާ ކޮމެޓީއަށް ފޮނުވާލައިފި އެވެ.
ބްރޯޑްކޮމްގެ ރައީސް ޝަހީބާއި ނައިބު ރައީސް ޒައިނާ ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ ޖުލައި 24 ވަނަ ދުވަހު އެވެ. އެ މައްސަލަ ކޮމިޓީން ފާސްކޮށް، މަޖިލީހުގެ ރިޔާސަތަށް ފޮނުވާފައިވާތާ މަހެއްހާ ދުވަސް ވެފައި އޮތް ނަމަވެސް މިހާތަނަށް އޮތީ އެ މައްސަލަ މަޖިލީހުގެ އެޖެންޑާ ނުކޮށެވެ.
މަޖިލީހުގެ ގަވާއިދު 220 ވަނަ މާއްދާއަށް ރިޔާއަށްކޮށް އެ ތަނުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުން ވަކި ކުރުމަށް އެންމެ ފުރަތަމަ ހުށަހަޅަން ޖެހޭނީ މަޖިލީހުގެ ތަޅުމަށް ކަމަށާއި އަދި އެއަށް ފަހު އެ މައްސަލަ ކޮމެޓީއަށް ފޮނުވަން ޖެހޭ ކަމަށެވެ. އަދި ކޮމިޓީއިން އެ މައްސަލައެއް ދިރާސާ ކުރުމަށްފަހު ފެންނަ ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމުން، ގޮތެއް ނިންމަން ޖެހޭ ކަމަށް ގަވާއިދުގައިވާ ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު މިވަގުތު އަމަލު ކުރަން ޖެހޭ ގޮތަކީ، މި ރިޕޯޓް މިހާރު މި އޮތީ މަޖިލީހުގެ ތަޅުމަށް މަޖިލީހުގެ މޭޒަށް އައިސްފައި ބޭފުޅަކު ވަކިކުރުމާ ގުޅޭ ގޮތުން. އެހެންވީމަ އަޅުގަނޑު އަމަލުކުރަން ޖެހޭ ގޮތަކީ އެ ރިޕޯޓްގައި އެ ބުނާ ދެނަން އިއްވުމަށްފަހުގައި އަޅުގަނޑު ފޮނުވަން މި ޖެހެނީ މި ރިޕޯޓް އެ ކޮމެޓީއަށް. އެހެންވީމަ އެ ކޮމެޓީން އެކަން ނިންމަވާފައި ވަކިކުރަން ނިންމަވާފައި އަޅުގަނޑަށް ފޮނުވީމާ މި ތަޅުމުގައި ބަހުސް ކޮށްފައި މީހަކު މި ވަކި ކުރެވެނީ،" ނަޝީދު ވިދާޅުވި އެވެ.
ޖޫން 19 ވަނަ ދުވަހު އޮތް ބައްދަލުވުމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރުން ވަޑައިގެން ވަނީ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ. ބްރޯޑްކޮމް މެމްބަރުން ވިދާޅުވި ގޮތުގައި އެ މެމްބަރުންނަށް ނުފޫޒު ފޯރުވުމަށް ކުރީގެ ސަރުކާރަށް ނިސްބަތްވާ އޭރުގެ މަޖިލިސް މެމްބަރުން މަސައްކަތްކުރެއްވި އެވެ.
އަދި ކޮމިޝަނުގެ އޭރުގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން، އޭރުގެ ރައީސް އަބްދުﷲ ޔާމީނުގެ އެދިވަޑައިގަތުމުގެ މަތިން ރާއްޖެޓީވީ ބަންދުކުރުމަށް މަސައްކަތްކުރެއްވިކަމަށް ކޮމިޝަނުގެ ރައީސް ޝަހީބު، ކޮމިޓީގައި ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ހުށަހެޅީ ސޮފްވާނާއި، ކޮމިޝަނުގެ މެމްބަރު ޒައިނާ ވަކިކުރުމަށެވެ. ނަމަވެސް ސޮފްވާން ފަހުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ. އަދި ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނެވި ހަސަން ނަބާހުވެސް ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ.
މިނިވަން މުއައްސަސާ ކޮމިޓީގެ ސަބް ކޮމިޓީއެއް އެކުލަވާލައި، ކޮމިޝަނުގެ ވަކިވަކި މެމްބަރުން ހާޒިރުކޮށް ސުވާލުކުރުމަށްފަހު ފަހުން ނިންމީ ކޮޮމިޝަނުގެ ރައީސް ޝަހީބާއި މިހާރުގެ ނައިބު ރައީސާ ޒައިނާ ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށެވެ.
މިހާރު ކޮމިޝަނުގައި ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، ގިނަ އަދަދެއްގެ ބޭފުޅުން ވަނީ އެކަމަށް ކުރިމަތިލާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ މި ހަފްތާގައި ވަނީ ކުރިމަތިލީ 36 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފަ އެވެ.